ޕްރިޔަންކާ ޗޯޕްރާ އާއި އަބިޝޭކް ބަޗަން އަދި ޖޯން އަބްރަހަމްއާއެކު 2008 ގައި ނެރުނު ފިލްމު ދޯސްތާނާގެ ދެވަނަ ބައެއް އުފައްދާނެ ކަމަށް ހަަބަރު ފެތުރުނުތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ މި ފިލްމުގެ މަސައްކަތް ފަށަން ވިސްނަމުން އަންނަ ކަމަށް އަނެއްކާވެސް ބުނެފަ އެވެ. އަދި މިހާރު އެންމެ ބޯޑު ސުވާލަކަށް ވެފައި އޮތީ "ދޯސްތާނާ"ގެ އެއްވަނަ ބައިން ފެނުނު ޕްރިޔަންކާގެ ރޯލު ދެވަނަ ބައިގައި ދޭނީ ކޮން ބަތަލާ އަކަށް ކަމާ މެދު އެވެ.
މި ފިލްމަކީ ޕްރިޔަންކާ ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވުނު އެއް ފިލްމެވެ. ފިލްމުގެ "ދޭސީ ގާލް" ލަވަޔާއެކު ޕްރިޔަންކާ ވަނީ ބޮލީވުޑްގެ "ދޭސީ ގާލް" ގެ ގޮތުގައި މަޝްހޫރު ވެފަ އެވެ. އަދި ދެވަނަ ފިލްމެއް އުފައްދަން ވާހަކަ ދެކެވޭއިރު، ދެވަނަ ފިލްމުގެ ޖާގަވެސް ޕްރިޔަންކާ އަށް ދެވިދާނެ ކަމަށް ބަޔެއް ފަރާތްތަކުން ބުނެ އެވެ. ސަބަބަބީ ޕްރިޔަންކާއަކީ އަދިވެސް ބޮލީވުޑްގެ "ދޭސީ ގާލް" އަށް ވުމުންނެވެ.
ނަމަވެސް، އެންމެ ފަހުގެ ރިޕޯޓުތައް ބުނަމުންދަނީ ދޯސްތާނާ 2 ގެ ބަތަލާގެ ރޯލު އަދާ ކުރުމަށް އާލިއާ ބަޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި ހަބަރުތަކަށް ރައްދުދީ ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ކުރި ޓްވީޓުގައި ބުނެފައިވަނީ، އަދި އެއްވެސް މީހަކަށް ފިލްމުގެ ބަތަލާގެ ރޯލު ނުދޭ ކަމަށެވެ. ފިލްމުގެ އުފެއްދުމުގެ ވިސްނުން ގެންގުޅުނަސް އެއްވެސް ކަމެއް އަދި ޔަގީން ނުވާ ކަމަށެވެ.
ފިލްމުގެ ކާސްޓު އަދި އިއުލާން ނުކުރިޔަސް ބެލެވެނީ މި ފިލްމުގައި ލީޑުން ފެންނާނީ ފަހުގެ މޫނުތަކެއް ކަމަށެވެ. އާލިއާއަށް މި ފިލްމުގެ ބަތަލާގެ ރޯލު ދިނުން ވެސް ވަރަށް ގާތެވެ. ކުރިއަރަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރުއަށް ވެސް މި ރޯލު ދެވިދާނެ ކަމަށް ބައެއް ފަރާތްތައް ބުނެ އެވެ. އަދި ބޮލީވުޑްގެ އެންމެ އުހުގައި އުޅޭ ބަތަލާ ދީޕިކާ ޕަޑުކޯން ވެސް ފެނިދާނެ އެވެ.
ފިލްމުގެ މަސައްކަތްތައް ކުރެވެމުންދާއިރު މިއީ ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެކެވެ.