ޓްރީ ޓޮޕް ހޮސްޕިޓަލް

ގުނަވަން ނެގުމުގެ ކާމިޔާބު އޮޕަރޭޝަނެއް ޓްރީޓޮޕް ހޮސްޕިޓަލުގައި ކޮށްފި

ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ގުނަވަން ނެގުމަށް ކުރާ އޮޕަރޭޝަނެއް ކާމިޔާބު ކަމާއެކު ކޮށްފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ގޯލް ބްލެޑާ ނޫނީ ފިއް ނެގުމަށް ކުރާ އޮޕަރޭޝަން، އޯޕަން ކޮލެސިސްޓެކްޓޮމީ ސާޖަރީއެއް ކޮށްފައިވަނީ 104 އަހަރުގެ މީހެއްގެ ކަމަށެވެ. އާއްމުގޮތެއްގައި މި ގުނަވަން ނެގުމަށް މެދުވެރިވަނީ ފިތުގައި ޖަރާސީމު އުފެދި އެ ޖަރާސީމް ހަށިގަނޑަށް ފެތުރި ތަދުވާ ހިސާބުން ނެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ އާއްމު އޮޕަރޭޝަންތަކުގައި އިސްކޮށް ހުންނަވާ ޑރ އަބްދުﷲ އުބައިދު ވިދާޅުވީ، ދުވަސްވީ އެމީހާގެ އޮޕަރޭޝަން ކުރުމަށް ވަރަށް ދުރާލާ ތައްޔާރުވަމުން ދިޔަ ކަމަށެވެ. އަދި މި އޮޕަރޭޝަންގެ ސަބަބުން ބަލިމީހާގެ އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ޑރ. އުބައިދު އިސްވެ ހުންނަވައިގެން ކުރި މި އޮޕަރޭޝަން ޓީމުގައި ތިއޭޓާ ނަރުހުން، މެޑިކަލް ޑޮކްޓަރުން އަދި އައްސިކުރާ ޑޮކްޓަރުންވެސް ހިމެނެ އެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުންކުރާ އާއްމު އޮޕަރޭޝަންތަކުގައި ހަރާކާތްތެރިވަނީ ގާބިލް ޓީމެއް ކަމަށާއި، އަދި ފަރުވާ ދިނުމަށް ބޭނުންކުރާ ވަސީލަތްތަކަކީ ހުރިހާ އުމުރަކަށް އެކަށޭނަ އެންމެ ފަހުގެ ޒަމާނީ ތަކެތި ކަމަށެވެ.