ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގެ ބާރު މައިތިރިކުރަން ޖެހޭތަ؟

މިހާރު މިއޮތް ސަރުކާރު ވެރިކަމަށް އައީ ބރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރާނެ ކަމުގެ ވައުދާއެކު އެވެ. އެ ވައުދާ އެއްގޮތަށް ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީން މިހާރުވެސް ވަނީ މަސައްކަތް ފަށާފަ އެވެ. "އެޖެންޑާ 19" އިގެ ނަމުގައި އަންނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުންތަކެއް ހުށަހަޅަން ނިންމާފައިވާއިރު އެންމެ ގިނަ ބައެއްގެ ލޯ އަމާޒުވެގެން ގޮސްފައި ވަނީ ޝަރުއީ ނިޒާމް އިސްލާހު ކުރަން އެމްޑީޕީން ހާމަކޮށްފައިވާ ވިސްނުމުގެ ކަރުދާސްތަކަށެވެ. އެއިން ވެސް ސުޕްރީމް ކޯޓުގެ ބާރުތަކުގައި "ތަޅެއް" އަޅުވަން ނިންމާފައިވާ ނިންމުމަށެވެ.

އެމްޑީޕީގެ "އެޖެންޑާ 19"އިގައިވެ މިހެން އޮވެއެވެ؛ ހުޅުވާލެވިފައިވާ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވައި އެއްވެސް ނިންމުމެއް ނުވަތަ އަމުރެއް ނެރުމުގެ ބާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ނުލިބޭ ގޮތް ހަދާނެ އެވެ. ހުޅުވާލެވިފައިވާ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވައި ދުސްތޫރީ މައްސަލައެއް ނުނިންމައި ގާނޫނެއް ބާތިލެއް ވެސް ނުކުރެވޭނެ އެވެ. އަމިއްލަ އިސްނެގުމުގައި އެއްވެސް މައްސަަލައެއް ވެސް އެ ކޯޓަށް ނުހިންގޭނެ އެވެ.

އޭގެ އިތުރަށް ދަށު ކޯޓެއްގައި ނުވަތަ ހައިކޯޓުގައި ހިންގަމުންދާ މައްސަލައެއްގެ ލިޔުންތަކާއި ފައިލް ސުޕްރީމް ކޯޓަށް ފޮނުވަން އެންގުމުގެ ބާރު ނެގުމާއި ދަށު ކޯޓުތަކަށާއި ހައިކޯޓަށް ސުޕްރީމް ކޯޓުން ލަފާއާއި އިރުޝާދު ނުދެވޭ ގޮތަށް ހަމަޖެއްސުމަކީ އެމްޑީޕީއިން ކުރާނެ ކަމެކެވެ. ހައިކޯޓަށާއި ދަށު ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ ދައުރެއް ނެތުމާއި ގާނޫނީ ވަކީލުންނަށް ހުއްދަ ދިނުމާއި ފިޔަވަޅު އެޅުމަކީ ބާ ކައުންސިލުން ކުރާ ކަމެއް ކަމަށް ވެސް ހަދަން އެމްޑީޕީ ބޭނުންވެއެވެ.

އެމްޑީޕީ ރުހިގެން އޮތަސް މިކަމަކީ ބައެއް ފަރާތްތަކަށް ގަބޫލުކުރަން ފަސޭހަ ކަމަކަށް ނުވެ އެވެ. މި ކަން ބޮޑު ވަނީ ވެސް އެހެންވެ އެވެ. އެމްޑީޕީއާ ހިޔާލު ތަފާތު، ކުރީގެ ނައިބު ރައީސް އަދި ކުރީގެ ފަނޑިޔާރު، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވާ ގޮތުގައި ސުޕްރީމް ކޯޓުގެ ބާރުތަކުގައި "ތަޅެއް އަޅުވަން" އެމްޑީޕީން ހުށަހަޅާ އިސްލާހުތައް ގާނޫނު އަސާސީގެ 141 ވަނަ މާއްދާއާ ހިލާފުވާނެ އެވެ. އެ ކޯޓަކީ އަމިއްލައަށް މައްސަލަ ބެލުމުގެ ބާރު އޮންނަން ޖެހޭނެ ކޯޓެއްކަން އޭނާ ފާހަގަކުރައްވަ އެވެ. އަދި އެއީ ދުނިޔޭގެ އެހެން ގައުމުތަކުގެ ސުޕްރީމް ކޯޓުތަކަށް ވެސް އޮންނަ ބާރެއް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ބާރުތައް ގާނޫނު އަސާސީގައި އެހާ ތަފްސީލްކޮށެއް ނޯވެ އެވެ. އެކަމަކު ގާނޫނުގައި އަސާސީ ބުނާ ގޮތުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުމެވެ. އެންމެ މަތީ ކޯޓަކީ އެއީ ކަމެވެ.

ކޯޓުތަކުގެ ބާރުތަކާއި އިހްތިސޯސްތައް ތަފްސީލް ގޮތެއްގައި ބަޔާން ކޮށްފައިވަނީ ކޯޓުތަކާބެހޭ ގާނޫނުގަ އެވެ. އެ ގާނޫނުގެ ނުވަ ވަނަ މާއްދާގައި ސުޕްރީމް ކޯޓުގެ އިހްތިސޯސްތައް ލިޔެފައިވެ އެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓަކީ އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ އިސް ފަރާތް ކަމަށް ވާތީ އޭގެ ޒާތުގައި އެ ކޯޓަށް ލިބިދޭ ބާރުގެ ދަށުން މައްސަލަތައް ބެލޭނެ އެވެ.

އެހެން މާއްދާއެއްގައި އަދުލު އިންސާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ވެސް އެ ކޯޓަށް ދީފައިވެ އެވެ. ސޫމޯޓޯ މައްސަލަތަކާއި ދަށު ކޯޓުތަކުން ފައިލްތައް ނަގަނީ ވެސް އެ ބާރުގެ ދަށުންނެވެ.

އެމްޑީޕީގެ ހުށަހެޅުންތައް ގާނޫނާ ހިލާފު ކަމަށް ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވަނީ އެހެންވެ އެވެ. އެކަމަކު، އެމްޑީޕީއިން ހުށަހަޅަނީ ގާނޫނުގައި އެހެން ހުރި މާއްދާތައް ބަދަލު ކުރާށެވެ. އިސްލާހު ކުރާށެވެ. ގާނޫނު އަސާސީއާ ފުށު އަރާ ހުށަހެޅުމެއް އެމްޑީޕީގެ އެޖެންޑާ 19 އިގެ ޝަރުއީ ބައިގައި ނެތް ކަމަށް އެ ޕާޓީގެ ވަކީލުން ދެކެ ވަޑައިގަންނަވަ އެވެ.

ކޯޓުތަކުގެ ގާނޫނުގެ އެހެން މާއްދާއެއްގައި ސުޕްރީމް ކޯޓުން އަޑުއެހުންތައް ބާއްވަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އެ މާއްދާގައިވާ ގޮތުން އަޑުއެހުންތައް ބާއްވަން ޖެހޭނީ ހަމަހަމަކަމާއެކު އެވެ. ބައެއް ހާލަތްތަކުގައި އަޑުއެހުން ސިއްރު ކުރެވިދާނެ ކަމަށް ބުނި ނަމަވެސް އަޑުއެހުން ނުބޭއްވޭނެ ހާލަތެއް ނެތެވެ. ހަމައެހެން، ވަކީލުންނަށް ސުޕްރީމް ކޯޓުން ފިޔަވަޅު އަޅަމުން ދަނީ ވެސް ހަމަ އެ ކޯޓުގެ އަމިއްލަ ސާކިއުލާއެއްގެ ދަށުންނެވެ. ގާނޫނުގައި އެކަމެއް ނެތެވެ.

އެމްޑީޕީއިން ސުޕްރީމް ކޯޓުން ކޮށްގެން ނުވާނެ ކަންތައްތައް ގޮތުގައި ކަނޑައަޅަން ނިންމާފައިވާ ކަންކަމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ލިޔެފައިވާ ކަންކަމެއް ވެސް ނޫނެވެ. ހަމަ އެހެން ނުކުރެވޭނެ ކަމަށް ވެސް ނެތެވެ. އެހެންވެ މިހާރު އެ ބާރުތައް ސުޕްރީމް ކޯޓުން ބޭނުން ކުރެ އެވެ. އެކަން ކުރަނީ ގާނޫނު އަސާސީގެ 19 ވަނަ މާއްދާގެ މަނާކުރެވިފައި ނުވާ ކަންކަން ކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށް ވެދާނެ އެވެ.

އެޖެންޑާ 19 ހިފައިގެން އަންނަ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވާ ގާނޫނީ ވަކީލެއް ކަމަށްވާ މޫސާ ސިރާޖު ވިދާޅުވި ގޮތުގައި އެ މިނިވަން ކަމަކީ ހަމައެކަނި ރައްޔިތުންނަށް އޮންނަ މިނިވަން ކަމެކެވެ. އެޑްމިނިސްޓްރޭޓިވް ލޯގެ ޕްރިންސިޕަލަކީ އެއީ އެވެ. މުއައްސަސާއެއް ނުވަތަ އިދާރާއަކަށް އަމަލު ކުރެވޭނީ ގާނޫނުގައި އޮތް މިންވަރަށެވެ. އެ ތަނަކަށް އެ ކަމެއް ކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާން ކުރާ ހާލުގައި ނޫނީ ނުކުރެވޭނެ އެވެ.

އެމްޑީޕީގެ މަގުސަދަކީ ސުޕްރީމް ކޯޓަށް ވެސް ނުކުރެވޭނެ ކަންކަން ސާފުކޮށް ގާނޫނުގައި ލިޔެ، ހުދޫދެއް ނެތް ގޮތަކަށް ބާރުތައް އޮންނަ ތަނަކަށް އެތަން ވެސް ނުހެދުން ކަމަށް ސިރާޖު ވިދާޅުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން އަމިއްލައަށް އިސް ނަގައިގެން މައްސަލަތައް ބެލުމާއި މައްސަލަތަކުގެ ފައިލް ނެގުމާއި އަޑުއެހުންތައް ނުބާއްވާ ގޮތް ނިންމުން ފަދަ ކަންކަމަކީ އޭގެ ސަބަބުން ހައްގުތައް ގެއްލިގެންދާ ކަމެކެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަކީ އިސްތިއުނާފު ކުރެވޭނެ ނިންމުމަކަށް ނުވާއިރު އަމިއްލައަށް އިސް ނަގައިގެން މައްސަލަ ބަލައި މީހަކާމެދު ފިޔަވަޅު އެޅުމުން އެމީހަކު ކުރާނެ ކަމެއް ނޯންނާނެ އެވެ. އެހެންވެ އަޑުއެހުމެއް ނުބާއްވައި، މައްސަލާގައި ހިމެނޭ ފަރާތްތަކުގެ އަޑު ނާހައި ހުކުމް ކުރުމަކީ ކުރަން ވާނެ ކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ވިދާޅުވެ އެވެ.

އެކަމަށް ގިނަ ގާނޫނީ ބޭފުޅުން ވެސް ތާއީދު ކުރައްވަ އެވެ. އެއް ދުވަސްވަރެއްގައި ސުޕްރީމް ކޯޓުން އަޑުއެހުންތައް ނުބާއްވާ ވަރަށް ގިނަ މައްސަލަތަކަކާމެދު ގޮތް ނިންމި އެވެ. އޭގެ ސަބަބުން ގިނަ މައްސަލަތަކެއް ފެންމަތިވެގެން ދިޔަ އެވެ.

ޖިނާއީ ގިނަ މައްސަލަތަކެއް ވަކާލާތު ކުރައްވާ އަލީ ޝާހް ވެސް ސުޕްރީމް ކޯޓުން ގޮތް ނިންމުމުގެ އަޑުއެހުން ބޭއްވަން ޖެހޭ ހުށަހެޅުމަށް ތާއީދު ކުރައްވަ އެވެ. އެކަމަކު އޭނާގެ ހިޔާލު އެހެން ކަންކަމާމެދު ތަފާތެވެ. އެކަމާ ދެކޮޅެވެ.

އެގޮތުން އޭނާ ވިދާޅުވި ގޮތުން ސުޕްރީމް ކޯޓަށް އަމިއްލައަށް އިސް ނަގައިގެން މައްސަލަތައް ބެލެން ޖެހޭނެ އެވެ. އޭގެ ސަބަބު ވެސް ވިދާޅުވި އެވެ. ޝާހް ފާހަގަ ކުރެއްވި ގޮތުގައި ސުޕްރީމް ކޯޓަކީ އަދުލުއިންސާފުގެ އެންމެ އިސް ފަރާތް އަދި ބެލެނިވެރި ފަރާތަށްވާއިރު އެ ކޯޓަށް ޝަރުއީ ނިޒާމްގެ ކޮންޓްރޯލް އޮންނަން ޖެހޭނެ އެވެ. ކޮންޓްރޯލް ކުރެވޭ ގޮތެއް ނެތި ޝަރުއީ ނިޒާމް އޮވެއްޖެނަމަ އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސް އެޅޭނެ އެވެ. އޭރަށް ބައެއް ކަންކަމުގައި ގާނޫނީ ފަރުވާއެއް ނުލިބި، އިންސާފު ލަސްވެގެން ދާނެ އެވެ.

އެކަމަކު، އެ ކޮންޓްރޯލް އޮންނަން ވާނީ އޭރަކު ހުންނަވާ އުއްތަމަ ފަނޑިޔާރު ބޭނުންފުވެ ވަޑައިގަންނަވާ ގޮތަށް ނޫނެވެ. އެކަމަށް ވަކި އުސޫލެއް ލިޔެފައި އޮންނަން ޖެހޭނެ ކަމަށް ޝާހް ވިދާޅުވެ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އޮތް އެންމެ ރަނގަޅު ހައްލަކީ ސުޕްރީމް ކޯޓަށް އަމިއްލައަށް މައްސަލަތައް ބެލުންފަދަ ކަންކަމުގައި އަމަލު ކުރާނެ ނިޒާމެއް އެކުލަވައިލުމެވެ. އަދި މުހިންމީ އެކަން ހަރުދަނާ ކުރުމެވެ.

ދެން އޮތީ، ވަކީލުންނަށް ފިޔަވަޅު އެޅުމުގެ ބާރު ސުޕްރީމް ކޯޓުން ނެގުމެވެ. އެކަމަށް އެމްޑީޕީއިން މިހާރު ވެސް ވަނީ މަސައްކަތް ފަށާފަ އެވެ. ވަކީލުންނާ ގުޅޭ ކަންކަމަށް ބާ ކައުންސިލެއް ހަދަން ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލް ހުށަހަޅާފަ އެވެ. ގިނަ ގާނޫނީ ވަކީލުން ދެކެ ވަޑައިގަންނަވާ ގޮތުގައި އެއީ މުހިންމު ކަމެކެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވާ ގޮތުން ބާ ކައުންސިލުން ވަކީލުންނާމެދު އަޅާ ފިޔަވަޅުތަކާމެދު ހިތްހަމަނުޖެހޭ ނަމަ، ކޯޓުތަކަށް ދިއުމުގެ ފުރުސަތު އޮންނާނެ އެވެ. މިހާރު އޮންނަ ގޮތުންނަމަ، ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން ދެވޭނެ ތަނެއް ނޯވެ އެވެ. ހަދާނެ އިތުރު ގޮތެއް ނޯވެ އެވެ.

އެމްޑީޕީއިން ސުޕްރީމް ކޯޓަށް ގެންނަން ނިންމި ބަދަލުތަކާއެކު، މިހާރު ވެސް ބަހުސް ފެށިފައިވާއިރު އަންނަ ރައްޔިތުންގެ މަޖިލިސް ހުޅުވި މިކަންކަން މަޖިލީހަށް ވަންނައިރު މަޖިލިސްތެރެ ކެކިގަނެ ހޫނުވެގެން ދާނެކަން ޔަގީނެވެ. އެކަމަކު ހިޔާލު ތަފާތަސް އެންމެން ވެސް އެއްބަސްވާނެ އެއް ކަމެއް އޮންނާނެ އެވެ. އެއީ ޝަރުއީ ނިޒާމް އިސްލާހުކުރަން މަޖުބޫރު ކަމެވެ.