ލައިފްސްޓައިލް

ތުންފަތުގައި ޖައްސާ ކުލައިން މީހާ ބުނެދޭ!

ގަވައިދުން ލިޕްސްޓިކް ޖައްސާ މީހެއް ނަމަ ގެންގުޅޭ ލިޕްސްޓިކްތައް ބަލާލައި ބަލާށެވެ. އެއް ވައްތަރެއްގެ އެއް ކަހަލަ ކުލަތަކެއް ފެނޭ ހެއްޔެވެ؟ ނުވަތަ ކޮންމެ ދުވަހަކު ޖެއްސެނީ އެއް ކަހަލަ ކުލަތަކެއް ހެއްޔެވެ؟ ގަނެވެނީ ވެސް އެއްވައްތަރެއްގެ ކުލަތަކެއް ހެއްޔެވެ؟ މިކަމުގައި ކޮންމެވެސް ވަރެއްގެ ސިއްރެއް އޮވެ އެވެ.

ތުންފަތުގައި ޖައްސާ ކުލަ އަކީވެސް އެމީހަކާބެހޭ ވަރަށް ގިނަ އެއްޗެހި ބުނެދޭ އެއްޗެކެވެ. އަޅައިގެން ހުންނަ ހެދުމާއި އެމީހެއްގެ އިސްތަށިގަނޑު ހުންނަ ގޮތުން އެމީހާ އަކީ ކިހާވަރެއްގެ މީހެއްކަން ބުނެދޭ ގޮތަށް ތުންފަތުގައި ޖައްސާ ކުލައިން ވެސް މީހާގެ އެތައް ކަމެއް ބުނެދެ އެވެ. މިވެސް ފާޑެއްގެ ތިއަރީ އެކެވެ. އެމީހަކަށް އެންމެ ރީތިވާ ކުލައަށް ވުރެ ތުންފަތުގައި ޖައްސާފައި ހުންނަ ކުލައިން ތިމާގެ މިޒާޖާއި އުޅުން ބުނެދެ އެވެ.

1
 

ރަތް ކުލަ / މެރޫން ކުލަ

ރަތް ކުލަ އަދި ގަދަ ރަތް ނުވަތަ މެރޫން ކުލަ ޖައްސާ މީހުންނަކީ އެކި ކަންކަމާ ޖެހިލުން ކުޑަ އެހެން އެންމެންގެ ސަމާލުކަން ހޯދޭނެ ހާ "ގަޓު" ހުރި މީހުންނެވެ. ރަތް ކުލަ ޖައްސާ މީހުންނަނީ ވަރަށް "ބޯލްޑް" މީހުންގެ ގޮތުގައި ބޭރުގެ މީހުން ވެސް ސިފަ ކުރެ އެވެ. މި ކުލަ އާއްމުކޮށް ޖައްސަނީ ލޮލުގައި މާ ބޮޑު މޭކަޕެއް ނުކޮށް ކަމުން މާ ދުރަށް ވެސް ފާހަގަ ވާނެ އެވެ. އެހެން ކަމުން އެންމެންގެ ސަމާލުކަން ވަރަށް ފަސޭހައިން ހޯދޭނެ އެވެ. އަދި، އެހެން މީހުންގެ ސަމާލުކަން ދަމައިގަންނަން ބޭނުންކުރާ އުކުޅަކަށް ގަދަ ރަތް ކުލަ އޮންނަނީ ވެފަ އެވެ.

2
 

ދަނބު ކުލަ / ގަދަ މުށި ކުލަ

ދަނބު ކުލަ އަކީ ފަހަކަށް އައިސް ވަރަށް މަގުބޫލު ކުލަ އެކެވެ. ގަދަ ދަނބު އަދި މުށި ކުލަތައް ޖައްސަނީ ވަރަށް "މިނިވަން" މީހުންގެ ގޮތުގައި ސިފަ ކުރެ އެވެ. މިއީ އެހެން އެންމެންގެ ތެރޭގައި ވެސް އެންމެ އަނގަ ގަދަ އެންމެ ޖެހިލުން ކުޑަ މީހުންނެވެ. އަދި ކުރަން ބޭނުން ކަމެއް ކުރާނެ ވަރުގެ ގަދަ ހިތްވަރެއް މި ކުލަ ޖައްސާ މީހުންނަށް ލިބޭ ކަމަށް ބުނެ އެވެ.

3
 

ފިޔާތޮށި ކުލަ

މި ކުލަ އަކީ އެންމެންގެ ބާބީ ކުލަ އެވެ. ފިޔާތޮށި އަދި ގަދަ ފިޔާތޮށި އާއްމުކޮށް ޖައްސަނީ ވަރަށް މަޖާ ކުރާ ހިތްވާ ސަކަ ކުދިންނެވެ. ވާހަކަ ދެއްކުމުގައި އަދި އުޅުމުގައި ވެސް "ބާބީ" ކަމެއް ހުންނަ މީހުންނަށް ގަދަ ފިޔާތޮށި ކުލަ އެއް ކަމުދެ އެވެ. މިއީ ފަނޑު ރަތް ކުލައެއް ކަމުން މި ކުލަ ޖައްސާ މީހުންނަކީ ވެސް އެހެން މީހުންގެ ސަމާލުކަން ކޮންމެވެސް ވަރަކަށް ހޯދާ ބައެކެވެ. އާއްމުކޮށް މި ފިޔާތޮށި ކުލަ ކަމުދަނީ ކުޑައިރު "ބާބީ" އާއި ކުޅޭ ބުދުތަކަށް ލޯބި ދިން މީހުންކަމަށް ވެސް ބުނެ އެވެ.

4
 

ކްރީމް ކުލަ

ކްރީމް ކުލަ ނުވަތަ އަސްލު ހަމުގެ ކުލަ (ނޫޑް ނުލަ) އަކީ މިހާރު އެންމެ އާއްމު ކުލަ އެވެ. މި ކުލަ ގިނަ މީހުން ބޭނުން ކުރަނީ ވީހާވެސް ބޮޑަށް ނެޗުރަލް ކަމަށް ދައްކާށެވެ. މޭކަޕް ކޮށްފައި ހުރިކަން ވެސް ނާނގާށެވެ. ކްރީމް ކުލަ ޖައްސާ މީހުންނަކީ އެހެން މީހުންގެ ސަމާލުކަން ހޯދަން ބޭނުންނުވާ ބައެކެވެ. އަދި، ހިތްހެޔޮ އޯގާތެރި ބައެއް ކަމަށް ސިފަކޮށް އެ ކުލަ އާއްމުކޮށް ބޭނުންކުރާ މީހުންނަކީ މަޑުމަޑުން ހުންނަ ލަދުގަންނަ މީހުން ކަމަށްވެސް ބައެއް މީހުން ބުނެ އެވެ. ނަމަވެސް ފަހަކަށް އައިސް މި ކުލަ އާއްމުވެ މިއީ ވަރަށް ގިނަ ބަޔަކު ކޮންމެ ދުވަހަކު ޖައްސަން އެންމެ ފުރިހަމަ ކުލައަކަށް އޮންނަނީ ވެފަ އެވެ.

5
 

ކަޅު ކުލަ

ކަޅު ކުލަ އަކީ އާއްމުކޮށް މީހުން ޖައްސާ އުޅޭ ކުލަ އެއް ނޫނެވެ. ތުންފަތުގައި ކަޅު ކުލަ ޖައްސައިގެން އުޅޭ މީހުންނަކީ ގޮތް ދޫ ނުކުރާ އަދި ކަންކަމުގައި އެމީހުންނާ "ޑީލް ކުރަން" ވެސް އުނދަގޫ ބައެއް ކަމަށް ބުނެ އެވެ. އެންމެ ބޯހަރު މީހުން ޖައްސާ ކުލައަކަށް ކަޅު ކުލަ ވެފަ އޮންނަ އިރު މި ކުލަ ޖައްސައިގެން އާއްމުންގެ ތެރޭގައި އުޅޭނީ ވެސް ވަރަށް ކެރޭ މީހުންނެވެ. ކަޅު ކުލަ ޖައްސާނީ ނުބައި ގޯސް މީހުން ކަމަށް ބައެއް މީހުން ބުންޏަސް މިއީވެސް ވަރަށް ތަފާތު މީހުންނަށް ޖައްސާލެވޭނެ ކަހަލަ ކުލަ އެކެވެ.

6
 

ކުލަ އެއް ނެތް ލިޕްސިޓް

ތުންފަތުގައި އެއްވެސް ކުލައެއް ނުޖައްސާ މޭކަޕާ މުޅިން ދުރުގައި އުޅޭ މިއިން އެއްވެސް ކެޓަގަރިއަކަށް ފިޓް ނުވާ މީހުންވެސް އުޅެ އެވެ. މިކަހަލަ "ސިމްޕަލް" މީހަކަށް ތުންފަތުގައި ލިޕް ބާމް ކޮޅެއް އުނގުޅާލުމުން ދެން އެ ނިމުނީ އެވެ. އެއްވެސް އެއްޗެއް ބޭނުން ނުކުރާ ފަހަރުވެސް ދެއެވެ. މިކަހަލަ މީހުންނަކީ ރީތި ވުމަށް، ފަރި ވުމަށް މާ ލޯބި ކުރާ ބަޔަކަށް ނުވެ އެވެ. އަދި މޭކަޕަކީ އެމީހުންގެ ދިރިއުޅުމާ އެންމެ ދުރު އެއްޗެއްސެވެ.

މިކަހަލަ ކުލަތަކުން އެމީހެއްގެ އުޅުމާއި މިޒާޖު ބުނެދޭ ކަމަށް ބުންޏަސް ބައެއް ކަހަލަ ކުލަތަކަކީ ވަކި ހާއްސަ ހަފްލާ ތަކަށް ނުވަތަ ވަގުތު ތަކަށް ޖައްސާ ކުލަތަކެވެ. އެހެން ނަމަވެސް ތުންފަތުގައި ޖައްސާ ކުލައިން އެމީހާ ބުނެދެ އެވެ.