ހަބަރު

ފަތާލަމާ" ކޭމްޕްގައި ކުދިންނަށް ފަތަން ދަސްކޮށްދެނީ

Feb 3, 2019

އުރީދޫ މޯލްޑިވްސް އާއި ސުވިމް މޯލްޑިވްސް ގުޅިގެން ފަތަން ދަސްކޮށްދޭން ހާއްސަ ޕްރޮގްރާމެއް ފަށައިފި އެވެ.

އުރީދޫން ބުނީ "ފަތާލަމާ" ސްވިމިން ކޭމްޕުގެ ނަމުގައި ފެށި މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ވާދަވެރިކޮށް ފެތުމުގެ އުކުޅުތައް ވެސް ދައްކުވައިދީ، ފެތުމުގެ ދާއިރާއަށް ނުކުތުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ސްވިމް މޯލްޑިވްސް އިން ބ. އަތޮޅުގައި އިއްޔެ "ބާ ކްރޯލް" ގައި ފެށި މި ޕްރޮމްގްރާމުގައި ފަތާލަމާ ސްވިމިން ކޭމްޕް ތައާރަފް ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އުރީދޫގެ ޑައިރެކްޓަ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒު އަދި ސްވިމް މޯލްޑިވްސްގެ ފައުންޑާ ހުސެން ޝަމީމެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ ކޭމްޕުތައް ބޭއްވިގެންދާނީ ފެބްރުއަރީގެ ފުރަތަމަ ހަފްތާ ތެރޭގައި ބ. އަތޮޅުގެ ހަތް ރަށެއްގަ އެވެ. މީގެ ތެރޭގައި އޭދަފުއްޓާއި ދަރަވަންދޫ އާއި ދޮންފަނާއި ކިހާދޫ އާއި ކުޑަރިކިލު އަދި ކެންދޫ ހިމެނެ އެވެ. ކުރިއަތް އޮތް އަހަރު ތެރޭގައި، ރާއްޖޭގެ އުތުރާއި ދެކުނުގެ ގިނަ ރަށްތަކެއްގައި މި ކޭމްޕް ބާއްވަން ވަނީ ހަމަޖައްސާފަ އެވެ.

އުރީދޫން ހުސެން ނިޔާޒު ވިދާޅުވީ ރާއްޖެ ވަށައިގެން ކަނޑު އޮންނަ އިރު ކުދިންނަށް ފަތަން ދަސްކޮށްދޭން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ރަށްތައް ވަށައިގެން ވަނީ ކަނޑު ކަމަށްވާއިރު، ދިވެހި ކުދިންނަށް ރަނގަޅަށް ފަތަން އެނގުމަކީ ވަރަށް ވެސް މުހިއްމު ކަމެއް. ހަމަ އެހެންމެ ފެތުމުގެ މައިދާނުގައި ވާދަ ކުރަން ބޭނުންވާ ކުދިންނަށް ހިއްވަރުދީ، އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަގުފަހިކޮށްދޭން ޖެހޭ. ފަތާލަމާ ޕްރޮގްރާމް ތައާރަފްކޮށް، ރާއްޖޭގެ ތަޖުރިބާކާރު ފެތުމުގެ ކޯޗުންގެ ހުނަރުތައް ކުރިއަށްއޮތް ޖީލުތަކާއި ހަމައަށް ގެންގޮސް ދިނުމަކީ، މި ޕްރޮގްރާމްތަކުގެ އެންމެ މުހިއްމު މަގުސަދު،" ނިޔާޒު ވިދާޅުވި އެވެ

ސްވިމް މޯލްޑިވްސްގެ ފައުންޑަރު ހުސެން ޝަމީމް ވިދާޅުވީ މި ޕްރޮގްރާމްއަކީ މުހިންމު ޕްރޮގްރާމަކަށް ވާނެ ކަމަށެވެ.

"މޫދަށް ގޮސް، ފަތާ އުޅޭއިރު، ރައްކާތެރިކަން ހޯދުމަށް ބޭނުންވާ އަސާސީ ހުނަރުތައް އަޅުގަނޑުމެންގެ ކުދިންނަށް ދަސްކޮށްދިނުމަށްޓަކައި، އުރީދޫގެ ފަތާލަމާ ޕްރޮގްރާމަކީ ވަރަށް ބޭނުންތެރި ހަރަކާތެއް. އުރީދޫ އާއެކު، މި ޕްރޮގްރާމް ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށްގެންދެވުމަކީ އަޅުގަނޑުމެން ވަރަށް އުފާ ކުރާކަމެއް. އަޅުގަނޑުމެންގެ އުންމީދަކީ މަސައްކަތުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުމަށް ލޯބި ކުރާ ކުދިން އުފެދި، މުސްތަގުބަލުގައި ރާއްޖެ ތަމްސީލު ކޮށްދޭނެ ހުނަރުވެރި ފެތުންތެރިން އުފެދިގެން ދިއުން،" ޝަމީމް ވިދާޅުވި އެވެ.

އުރީދޫ ކަލަރު ރަން، މަސްރޭސް އަދި ތަފާތު ކުޅިވަރުތަކަށް ފޯރުކޮށްދޭ އެހީތެރިކަން މެދުވެރިކޮށް، ދުޅަހެޔޮ މުޖުތަމައު އެއް ބިނާ ކުރުމަށްޓަކައި އުރީދޫ އިން ގިނަ މަސައްކަތްތަކެއް ކުރެއެވެ. އަދި ސްވިމް މޯލްޑިވްސް ފަދަ ތަފާތު އެކި ޕާޓްނަރުންނާއި ގުޅިގެން، މި މަސައްކަތް ކުރިއަށްގެންދާނެ އެވެ.