ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހިމް ޒިޔަތު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ތާއީދާއެކު ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވައިފި އެވެ.
ޒިޔަތު "އަވަސް"އަށް މިއަދު ވިދާޅުވީ އޭނާ މަޖިލީހަށް ވާދަ ކުރައްވަން ނިންމަވާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ ބޮޑު ތާއީދެއް ލިބޭނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށާއި އެ ދާއިރާގެ ރައްޔިތުންގެ ހުރި ބޮޑެތި ކަންބޮޑުވުންތަކާއި ގައުމުގައި ހުރި މައްސަލަތަކެއް ހައްލު ކުރުމުގެ ބޭނުމުގައި ކަމަށެވެ. އެގޮތުން ރައީސް މައުމޫންގެ ތާއީދާއެކު ވާދަ ކުރައްވަން ބޭނުންވި ކަމަށާއި އެމަނިކުފާނު އެކަން ގަބޫލު ކުރައްވާފައިވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ.
"ހެންވޭރު އުތުރު ދާއިރާގެ ގާތްގަނޑަކަށް އެންމެން އަޅުގަނޑު ދަންނަން، ބިދޭސީން ގިނަ ވުމުގެ މައްސަލަ އައި ޖުޑިޝިއަރީގެ ހުރި މައްސަލަތަކަކީ އަޅުގަނޑު ވަރަށް ބޮޑަށް ފޯކަސްކޮށްގެން މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރާނެ
ދާއިރާއެއް،" ޒިޔަތު ވިދާޅުވި އެވެ.
ޒިޔަތު ވިދާޅުވީ ސިޔާސީ މަސްރަހު ބަދަލުވަމުން އަންނަ ގޮތުން ރައްޔިތުންގެ މަޖިލީހަށް ތައުލީމީ ގާބިލު ތަޖުރިބާ ހުރި މީހުން މިހާރު ބޭނުންވާ ކަމަށެވެ. އެގޮތުން އޭނާ މީގެ ކުރިން ތިން ރައީސުންނާއެކު ވެސް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރައްވާފައިވާ ކަމަށާއި ސިޔާސީ މަސައްކަތަށް ނިކުންނަން ނިންމެވީ ގައުމަށް އިތުރަށް ހިދުމަތްކޮށްދިނުމުގެ
ބޭނުމުގައި ކަމަށް ޒިޔަތު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯ ކަމުގައި ހުންނެވި ޒިޔަތު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އާއި ރައީސް މައުމޫންގެ ވެރިކަމުގައި އެސްޓީއޯގެ ފިއުލް ސަޕްލައި މޯލްޑިވްސްގެ އިސް މަގާމްތައް އަދާ ކުރެއްވި އެވެ. އޭނާ އެސްޓީއޯގައި 15 އަހަރު މަސައްކަތް ކުރެއްވި އެވެ.