ބޭންކް އޮފް މޯލްޑިވްސް

ދިވެހިން ރާއްޖެއިން ބޭރުގައި 264 މިލިއަން ޑޮލަރު ހަރަދުކުރި

ގައުމީ ބޭންކް، ބީއެމްއެލް މެދުވެރިކޮށް ދިވެހިން ރާއްޖެއިން ބޭރުގައި 264.7 މިލިއަން ޑޮލަރު މިދިޔަ އަހަރުގެ ތެރޭގައި ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ގައުމީ ބޭންކުން، "އަވަސް"އާ ހިއްސާކުރި ތަފާސްހިސާބުތަކެއްގައިވާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދަތުރުކުރި، 87،432 މީހަކަށް ބީއެމްއެލް އިން ވަނީ 42.7 މިލިއަން ޑޮލަރު ވިއްކައިފަ އެވެ. އަދި ބީއެމްއެލްއިން ދޫކޮށްފައިވާ ކާޑްތައް ބޭނުންކޮށްގެން މިދިޔަ އަހަރުގެ ތެރޭގައި 222 މިލިއަން ޑޮލަރުގެ ޓްރާންސެކްޝަންތައް ވަނީ ރާއްޖެއިން ބޭރުގައި ހަދައިފަ އެވެ. މިއަދަދުތައް އެއްކުރުމުން، ދިވެހިން ރާއްޖެއިން ބޭރުގައި ކުރި ހޭދަ ގާތްގަނޑަކަށް 264.7 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެ އެވެ.

ބީއެމްއެލްގެ އޭޓީއެމްތަކުން ވެސް މިދިޔަ އަހަރު ވަނީ، 415 މިލިއަން ޑޮލަރު ނަގައިފަ އެވެ.

މީގެ އިތުރުން 2017 ވަނަ އަހަރާ އަޅާބަަލާއިރު 2018 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދިޔަ މީހުންނަށް ބީއެމްއެލްއިން ޑޮލަރު ވިއްކި އަދަދު މަދުވެފައިވެ އެވެ. އެއީ، 2017 ވަނަ ރާއްޖެއިން ބޭރަށް ދިޔަ 98،193 މީހަކަށް ބީއެމްއެލް އިން ޑޮލަރު ވިއްކި އިރު މިދިޔަ އަހަރު ޑޮލަރު ވިއްކީ، 87،437 މީހަކަށެވެ. އަދި 2017 ގައި 48.2 މިލިއަން ޑޮލަރު ވިއްކި ނަމަވެސް މިދިޔަ އަހަރު ވިއްކީ 48.2 މިލިއަން ޑޮލަރެވެ.