ހަބަރު

މުއްދަތު ހަމަވެއްޖެ، ހުޅުމާލޭ ބީޗު ހަޓުތަކެއް ނުނަގާ!

ހުޅުމާލެގައި ހިންގާ ވިޔަފާރިތަކުން ބީޗުގައި ޖަހާފައި ހުރި ގޮނޑިތަކާއި ހަޓުތައް ނެގުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައިވާ މުއްދަތު މިދިޔަ ހުކުރު ދުވަހަށް ހަމަވެއްޖެ އެވެ. ނަމަވެސް އަދިވެސް ހަޓުތަކާއި ގޮނޑިތައް ނުނަގާ ވިޔަފާރިތައް ހުއްޓުމެއް ނެތި ކުރިޔަށް އެބަދެ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހުޅުމާލޭ ބީޗަކީ އަންމު އެންމެނަށް ވެސް ބޭނުން ކުރެވޭ ގޮތަށް ވަކި ޕްލޭނެއްގެ ދަށުން ތަރައްގީ ކުރަން ރާވާފައިވާ ތަނެއް ކަމަށެވެ. އަދި ބީޗުގައި ހަޓުތައް ޖަހައިގެން ވިޔަފާރި ކުރުމަށް އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ނުވާނެ ކަމަށާއި ޖެނުއަރީ މަހުގެ ނިޔަލަށް ހުރިހާ ހަޓުތައް ނަގަން އަންގާ ކަމަށެވެ.

އެ މުއްދަތު ކައިރިވުމާއެކު އެޗްޑީސީ އިން ވަނީ ބީޗުތަކުގައި ހުރި ހަޓުތައް ނެގުމުގެ މަސައްކަތް ފަށައިފަ އެވެ. ނަމަވެސް މިހާތަނަށް ނަގާފައިވާ ހަޓުތައް ވަރަށް މަަދެވެ. ގިނަ ވިޔަފާތިތަކުގެ ހަޓުތައް އަދިވެސް ބީޗުގައި ހިންގަމުން އެބަދެ އެވެ. އެގޮތުން އެޗްޑީސީ އިން އިއުލާން ކުރުމާއެކު ބައެއް ތަންތަނުގައި ހުރީ ގޮނޑިތައް ބޮޑަށް އެއްގަމާވީ ފަޅިއަށް ޖައްސާލަައިފަ އެވެ. އަނެއްބައި ތަންތަނުގައި ހަޓުތައް ނެގުމަށް ފަހު ގޮނޑިއާ މެޒު ބީޗުގައި އަތުރައިގެން ހިދުމަތް ދެއެވެ.

ބީޗު ސަރަހައްދު ތަރައްގީ ކުރާނެ ގޮތުގެ އުސޫލެއް ވަރަށް އަވަހަށް އެކުލަވާލާ އާންމު ކުރާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ. އެތަން ތަރައްގީ ކުރާނީ ބީޗަށް ދާ އާންމުންނަށް ހުޅުވާލެވިފައިވާ ޕަބްލިކް އޭރިއާއެއް ގޮތުގައި ކަމަށާއި މިހާރު ވެސް ލިބޭ ހިދުމަތްތައް ލިބޭނެ ކަމަށް އެ ކޯޕަރޭޝަން އިން ބުނެފައިވެ އެވެ.