ދުނިޔެ

މުއްދަތު އިތުރުކޮށް އީރާންގެ ނިއުުކްލިއާ ވާހަކަތައް އަލުން ފަށައިފި

Jul 1, 2015

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައިގައި ފަހުގެ އެއްބަސްވުން އެކުލަވާލުމަށް ކަނޑައަޅާފައިވާ ސުންގަޑި އިއްޔެގެ ނިޔަލަށް ހަމަވެފައިވިޔަސް، މަޝްވަރާތައް އަލުން ފަށައިގެން ކުރިއަށް އެބަގެންދެ އެވެ. އަދި މިހާރު ވަނީ މަޝްވަރާތަކުގެ މުއްދަތު އަންނަ އަންގާރަ ދުވަހަށް އިތުރުކޮށްފަ އެވެ.

އީރާނާއި ބޮޑެތި ބާރުތަކުން މިދިޔަ އޭޕްރީލް މަހު އެއްބަސްވެފައި އޮތީ ނިއުކްލިއާ މައްސަލަ ހައްލުކުރުމާ ބެހޭ ފަހުގެ އެއްބަސްވުން އިއްޔެގެ ނިޔަލަށް އެކުލަވާލައި ނިންމުމަށެވެ. އެކަމަކު، ސުންގަޑީގެ ކުރިން އެއްބަސްވުމަކަށް ނާދެވޭނެކަން ކުރިން ވެސް އޮތީ ޔަގީންވެފަ އެވެ. އެއީ އޮސްޓްރިއާގެ ވިއޭނާގައި މިދިޔަ ހޮނިހިރު ދުވަހު ފަށައިގެން ކުރިއަށްދާ ވާހަކަތައް ވަކި ހިސާބަކުން މެދުކަނޑާލަން ޖެހުމުންނެވެ.

އެހެންވެ، ސުންގަޑި އަށް ފަހު ވެސް މަޝްވަރާތައް ކުރިއަށް ގެންދަން އޮތީ އެއްބަސްވެފަ އެވެ. އަދި މިހާރު އެއްބަސްވެފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ސުންގަޑި އިތުރުކުރުމަށެވެ.

އެމެރިކާ، އިނގިރޭސި ވިލާތް، ފްރާންސް، ޗައިނާ އަދި ރަޝިއާއާ އެކު ކުރާ މަޝްވަރާތަކުގެ ފަހު ބުރު މެދުކަނޑާލަން ޖެހުނީ އީރާންގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒާރިފް އެނބުރި ގައުމަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުންނެވެ. އެއީ ކީއްވެގެންކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އޮބްޒާވަރުން ވިދާޅުވާ ގޮތުގައި އީރާންގެ ނިއުކްލިއާ މަރުކަޒުތައް އިންސްޕެކްޓަރުންނަށް ހުޅުވާލާނެ މިންވަރަކާ މެދު ސަރުކާރުގެ އިރުޝާދު ހޯއްދަވަން ޒާރިފަށް ޖެހިވަޑައިގަތުމަކީ ސަބަބަކަށް ވެދާނެ އެވެ.

އެހެން ނަމަވެސް، އީރާންގެ އެޓޮމިކް އެނާޖީ އެޖެންސީގެ ވެރިޔާ އަލީ އަކްބަރު ސޯލިހީ އާއި ރައީސް ހަސަން ރައުހާނީގެ ހާއްސަ މުޝީރުގެ މަގާމު އަދާކުރައްވާ އެ މަނިކުފާނުގެ ކޮއްކޮ ހަސަން ފަރީއުއްދީންއާ އެކު ޒާރިފް ވަނީ އިއްޔެ އަނބުރާ ވިއޭނާ އަށް ވަޑައިގެންފަ އެވެ.

ސޯލިހީ އަށް މިހާތަނަށް މަޝްވަރާތަކުގައި ބައިވެރިނުގެންނެވުނީ ސިއްހީ ހާލަތު ހުރި ގޮތުންނެވެ. އީރާންގެ ރަސްމީ ނޫސް އެޖެންސީން ބުނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގައި އެންމެ އިސް ދައުރެއް އަދާކުރައްވާ ސޯލިހީ ފަދަ މަތީ އޮފިޝަލަކު މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަކީ އެއްބަސްވުމަަކަށް ވާސިލްވުމަށް އީރާނުން ގެންގުޅޭ ސީރިއަސް ވިސްނުން ހާމަވާ ކަމެއް ކަމަށެވެ.

މަޝްވަރާތަކުގައި ބައިވެރިވާ އެމެރިކާގެ ވަފުދުގެ އިސް ވެރިއަކަށް ހުންނެވި ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީއާ އެކު އިއްޔެ ވަކިން ބައްދަލުކުރެެއްވުމުގެ ކުރިން، އީރާންގެ ފޮރިން މިނިސްޓަރު ޒާރިފް ވިދާޅުވީ މަޝްވަރާތައް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. ކުރިއެރުންތަކެއް ހޯދޭނެ ކަމަށާއި އެހެން ނަމަވެސް އެކަމަށް ސިޔާސީ ހައްލުތަކާއި ގިނަ މަސައްކަތްތެއް އަދި ކުރަންޖެހޭ ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ.

"މި ތަނަށް މި އައީ ފަހުގެ އެއްބަސްވުުމަކަށް ވާސިލްވާން. އެކަން ކުރެވޭނެ،" ޒާރިފް ނޫސްވެރިންނަށް ވިދާޅުވި އެވެ.

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްގެ މައްސަލައިގައި އެ ގައުމާ އެކު މަޝްވަރާކުރާ ބާރުތަކުން ބޭނުން ވަނީ ނިއުކްލިއާ މަސައްކަތް ވަރަށް ބޮޑަށް ކުޑަކޮށް، މަދުވެގެން 10 އަހަރުދުވަސް ވަންދެން އީރާނުން އެއްވެސް ނިއުކްލިއާ ދިރާސާއެއް ނުކުރުމަށެވެ. އޭގެ ބަދަލުގައި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެއްބަސް ވިޔަސް، އެކަން ކުރެވޭނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ހުޅަނގުން ދަނީ ޝަރުތުކުރަމުންނެވެ. އަދި އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ބައިނަލްއަގުވާމީ އިންސްޕެކްޓަރުންނަށް ގޮސް، ސައެންސްވެރިންނާ ސުވާލުކުރުމުގެ ފުރުސަތު ދިނުމަކީ ޑިމާންޑެކެވެ.

އިރާނާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވައިނުލަނީސް ނިއުކްލިއާ ޕްރޮގްރާމް ހުއްޓައި ނުލާނެ ކަމަށް އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވަނީ މިދިޔަ ހަފުތާގައި ވެސް ވިދާޅުވެފަ އެވެ. އަދި ހުޅަނގުން އެދެމުން ދިޔައަސް، މަދުވެގެން 10 އަހަރު ދުވަސް ވަންދެން ނިއުކްލިއާ ދިރާސާތައް ހުއްޓައި ވެސް ނުލެވޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، އީރާނުގެ އަސްކަރީ އެއްވެސް ތަނަކަށް ބައިނަލްއަގުވާމީ އިންސްޕެކްޓަރުން ވަނުމުގެ ހުއްދަ ނުދޭނެ ކަމަށާއި އެއްވެސް ސައެންސްވެރިއަކާ ސުވާލު ކުރުމުގެ ފުރުސަތު ވެސް ނުދެވޭނެ ކަމަށް އީރާނުގެ ކަންކަމުގައި ފަހު ބަސް ވިދާޅުވާ ހާމަނާއީ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.