ހަބަރު

ލަންކާގައި އުޅޭ ދިވެހިންނަށް އޭޕްރީލްގައި އާސަންދަ ލިބެން ފަށާނެ: ރައީސް

Feb 3, 2019
9

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ހިދުމަތް އަންނަ އެޕްރީލް މަހުގެ ތެރޭގައި ލިބެން ފަށާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހިންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އަވަށްޓެރި އެހެން ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް ވެސް، އާސަންދައިގެ ހިދުމަތް ހަމަޖެއްސުމަށް، އެ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މީގެ ކުރިން ސްރީލަންކާއަށް ވަޑައިގެންނެވި ފަހަރު، އެ ގައުމުގައި ދިރިއުޅުއްވާ ދިވެހިރައްޔިތުން ސްޓޫޑެންޓް ލޯނާ ގުޅިގެން އެދިވަޑައިގެންނެވި ފަދައިން، އެކަމުގައި އުފުލަންޖެހޭ ބުރަ ލުއިކޮށްދެއްވާފައި ވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރައްޖެ އާއި ސްރީލަންކާގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ ސްރީލަންކާއަކީ، ރާއްޖޭގައި ޑިމޮކްރެސީގެ ރޫހު ދިރުވައި އާލާކުރުމުގައި ވަރަށް މުހިންމު ހިއްސާދާރެއް ކަމަށާއި މާޒީގައިވެސް، ދެ ގައުމުގެ ދެމެދުގައި އޮތީ ވަރަށް އެކުވެރި އެއްބަނޑުއެއްބަފާ ގުޅުމެއް ކަމަށެވެ. އަދި ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯދުމަށް ކުރި މަސައްކަތުގައި، ދިވެހީންނަށް އެންމެ ބޮޑު އެހީތެރިކަމެއް ދިނީވެސް ސްރީލަންކާއިންކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ދިވެހި ދައުލަތް ތަމްސީލުކުރާނެ ރަސްމީ އޮފީހެއް، އެންމެ ފުރަތަމަ ހުޅުވި ގައުމަކީވެސް ސްރީލަންކާގައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީއަށް ސްރީލަންކާއިން ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ޒަމާނީ ތައުލީމު ފެތުރުމުގައި، ވަކިން ހާއްސަކޮށް، އިނގިރޭސި މީޑިއަމަށް، ރާއްޖޭގެ ތައުލީމީ ނިޒާމު ބައްޓަން ކުރުމުގައްޔާއި، ސިއްހީ ހިދުމަތުގެ ރޮނގުންނާއި، އިގުތިސޯދީ އަދި އުމްރާނީ ތަރައްގީގައި ވެސް ސްރީލަންކާ ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައި ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި އޮތް ހުދުމުހުތާރު އަނިޔާވެރިކަމާ ދެކޮޅަށް، ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަން ހޯދުމުގައި، ސްރީލަންކާ ސަރުކާރާއި ރައްޔިތުން ވެދިނީ، އަގުނުކުރެވޭހާ ބޮޑު އެހީތެރިކަމެއްކަމުގައި ވިދާޅުވެ، އެކަމަށްޓަކައި ސްރީލަންކާގެ ސަރުކާރަށާއި، ސްރީލަންކާގެ ސިޔާސީ ލީޑަރުންނަށާއި، އަދި އާންމު ރައްޔިތުންނަށް، ވަރަށް އިހުލާސްތެރިކަމާއެކު އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ގައުމީ ސިޔާދަތު ހިމާޔަތްކޮށް، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ސްރީލަންކާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންގެ އުޅުއްވުމާއި ގުޅުންތައްވެސް ބަހައްޓަވަން ވާނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާފަދަ ގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހީންގެ ރީތި އަހުލާގީ ސިފަތައް ދެމެހެއްޓެވުމަށް މަސައްކަތްކުރުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް ސްރީލަންކާއަށް މިއަދު ފެއްޓެވި މި ދަތުރުފުޅުގައި، އެ ގައުމުގެ ރައީސް މައިތްރިޕާލަ ސިރިސޭނާއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެއާއި ސްރީލަންކާއާ ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށްވެސް ހަމަޖެހިފައި ވެއެވެ. ރަސްމީ ވާހަކަފުޅުތަކުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.