ލައިފްސްޓައިލް

ސޯޝަލް މީޑިއާ ކްލެންސެއް ހަދަންވީ ސަބަބު މިއޮތީ!

ހެނދުނު ހޭލައިގެން އެންމެ ފުރަތަމަ ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ފޯނުން ގަޑި ބަލަލާނީ ހެއްޔެވެ؟ އެއަށްފަހު ފޯނަށް އައިސްފައި ހުރި ނޯޓިފިކޭޝަންތަށް ބަލާނުލައި އެނދުން ތެދުވާ މީހުން މަދުވާނެ އެވެ. މެސެޖު ކުރީ ކާކުތޯ ނުވަތަ ގުޅީ ކާކުތޯ ބަލައިލެވެ އެވެ. ސޯޝަލް މީޑިއާ ކޮންމެވެސް އެއް އެޕަކަށް ވަދެލާ ފޯނުގައި އިނގިލިކާއްތާ ސްކްރޯލް ކޮށްލުމަށް އޮވެވޭ ހެއްޔެވެ؟ އެކި އެކި މީހުންގެ ސްޓޭޓަސް އަޕްޑޭޓްތައް އަވަހަށް ބަލާލުމަށްފަހު ނޫނީ ނުތެދުވެވޭ ފަހަރު މި އޮންނަނީ ގިނަވެފައެވެ.

އަހަރުމެން މި އުޅޭ ޑިޖިޓަލް އޭޖުގައި މައުލޫމާތު ބަދަލު ކުރުން މިއީ ދިރިއުޅުމުގައި ވަރަށް ބޮޑު ރޯލެއް އަދާ ކުރާ ކަމެކެވެ. އެއްވެސް މީހާކު އެއްވެސް ކަމެއް ސޯޝަލް މީޑިއާގައި ހާމަނުކޮށެއް އެކަމެއް ނުކުރެ އެވެ. ޗުއްޓީ އަކަށް ދިއައަސް ވަޒީފާ ބަދަލުވިއަސް ދަރިޔަކު ލިބުނަސް އެހެން ނޫނީ މީރު ކާ އެއްޗެއް ކާލިޔަސް ނުވަތަ ޖިމަށް ގޮސް ކަސްރަތު ކޮށްލިޔަސް ސޯޝަލް މީޑިއާގައި އެކަން ހިއްސާ ކުރެ އެވެ. އަދި ސޯޝަލް މީޑިއާގައި ކަމެއް ހިއސާ ނުކޮށްފިއްޔާ ބައެއް ފަހަރު އެއީ ވީކަމެއް ހެންވެސް ހީނުވަނީ އެވެ.

ޓެކްނޮލޮޖީއަށް އައި ތަރައްގީގެ ސަބަބުން މިހާރު އިންޓަނެޓަށްވަދެ ކަނެކްޓްވުން މިއޮތީ ވަރަށް ފަސޭހަވެފަ އެވެ. ފޭސްބުކްގައި އެކަނިވެސް ދެ ބިލިއަން ޔޫސާ އެކައުންޓް ހަދާފައިވާއިރު ރިސާޗަރުން ސޯޝަލް މީޑިއާގެ ފައިދާއާއި ގުޅޭގޮތުން ސުވާލު އުފައްދަ އެވެ.

މި ސަބަބާއި ހުރެ ފޭސްބުކް އާއި އިންސްޓަގްރާމް ކިތަންމެ މަގުބޫލު ކަމުގައިވިއަސް މީހުން ވަނީ ސޯޝަލް މީޑިއާ އާއި މަޑުމަޑުން ދުރުވާން ފަށާފަ އެވެ. މިގޮތުން ސޯޝަލް މީޑިއާ ދުރުވާން ގިނަ ބަޔަކުގެ މެދުގައި "ސޯޝަލް މީޑިއާ ކްލެންސެއް" މި ދަނީ މަގުބޫލު ވެގެންނެވެ. މިގޮތުން 24 ގަޑިއިރަށް ސޯޝަލް މީޑިއާ އާ ދުރުވުމުގެ އިތުރުން ބައެއް މީހުން އެމީހުންގެ އެކައުންޓްތައް ޑްލީޓްވެސް ކުރެއެވެ.

ފޭސްބުކާއި އިންސްޓަގްރާމް އަދި ޓްވިޓާއަށް ގިނައިން ވަންނަ ނަމަ މީގެ ސަބަބުން ލިބޭ ގެއްލުން ބޮޑު ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެ ފަދަ ކްލެންސެއް ހަދަންވީ ސަބަބުތައް މިއޮތީ އެވެ.

1
 

ރޭގަނޑުގެ އަރާމު ނިދި ހޯދުމަށް!

ރޭގަނޑު އެނދަށް ނިދަން އަރާ ފޯނު ބަލާނަމަ، ހަމަ ނިދިން މަހްރޫމުވެ އެވެ. އެންމެ ބޮޑު ކަމަކަށް ނިދަން ލިބޭ ވަގުތު މަދުވެ ހޭލާއިރު ވެސް ވަރުބަލިވެ ބޮލުގައި ރިއްސާފައި ހުރެ އެވެ. މީގެ އިތުރުން ވެސް ރޭގަނޑު ނިދާ ގަޑީގައި ފޯނާއި ކުޅޭނަމަ އިންސޮމްނިއާގެ އިތުރުން ނިދުމުގެ އެހެން މައްސަލަތަކާއި ކުރިމަތިލާން ޖެހެ އެވެ. އަދި އިލެކްޓްރޯނިކް ޑިވައިސް ތަކުގެ ބުލޫ ލައިޓް އެމިޝަންތަކުގެ ސަބަބުން ނިދުމުގެ މައްސަލަތަކާ ކުރިމަތިވެ، ދުވާލު ގަޑީގައި ނިދި އައުމާއި ގުޅިފައިކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. ނިދުމުގެ ކުރިން ފޭސްބުކް ނުވަތަ ޓުވިޓާ ސްކްރޯލް ކުރާނަމަ ސިކުނޑިއަށް އަރާމު ހޯދުމަށާއި ރޭގަނޑުގެ ފުރިހަމަ ނިންޖަށް ފުރުސަތެއް ނުދެވެއެވެ.

2
 

ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރަން!

ގިނަ މީހުން ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަނީ ދިރިއުޅުމުގައިވާ ފުރިހަމަ ކަންކަން ނުވަތަ ކާމިޔާބުވެފައިވާ ކަންކަން ކަމުން ފޮޓޯތައް ބަލާމީހަކަށް ފޮޓޯގެ ފަހަތުގައިވާ ފުރިހަމަ ނޫން ކަންކަމާއި މަންޒަރުތަކެއް ނުފެނެ އެވެ. މީގެ ސަބަބުން މާ ގިނައިން ސޯޝަލް މީޑީއާ ބޭނުން ކުރާނަމަ އެހެންމީހުންގެ ދިރިއުޅުމާމެދު ހަސަދަވެރި ވެއެވެ. އަދި މި ކަންތައް މާ ބޮޑުވެއްޖެނަމަ ނަފްސާނީ ދުޅަހެޔޮކަމަށް ބުރޫ އަރައެވެ.

3
 

އެކި އެކި ތަދުތަކުން ސަލާމަތްވުމަށް!

އަބަދު ކޮމްޕިއުޓަރު ކައިރީ ނުވަތަ ސްކްރީނަކަށް ބަލަން ބޯ ތިރިކޮށްގެން އިނުމުން ކަނދުރާއަށާއި ބުރަކައްޓަށް އެކި އެކި ތަދު އަރައެވެ. މީހާގެ ހަށިގަނޑު ތެދަށް ނުބަހައްޓާ ގުދެއް ލައިގެން ހުރުމުން ސީރިއަސް ތަދުގެ އިތުރުން ސްޕައިނަލް މިސްއަލައިންމަންޓާއި ކުރިމަތިލާންޖެހެ އެވެ.

4
 

ލޮލުގެ ވަރުބަލިކަން ކުޑަވުން!

ގިނަ އިރުވަންދެން ސްކްރީނަށް ބެލުމަކީ ލޮލަށް ރަނގަޅު ކަމެއް ނޫންކަން އެންމެންނަށް ވެސް އެނގެ އެވެ. ގިނައިން ސޯޝަލް މީޑިއާގައި ވަގުތު ހޭދަ ކުރާ ނަމަ ބޮލުގައި ރިއްސުމާއި އެހެން ކަންކަމާއި ދިމާވެ އެވެ. އެހެންވެ ސޯޝަލް މީޑިއާ ދުރުވުމަކީ ލޮލަށް ލިބޭ ވަރަށް ބޮޑު ބްރޭކަކަށް ވެގެން ދާނެ އެވެ.

5
 

މީހުނާއި ގުޅުން ބަދަހިކުރަން ފުރުސަތު ލިބޭ!

އަބަދުވެސް އޮންލައިންކޮށް ކަނެކްޓްވުމުގެ ފުރުސަތު ސޯޝަލް މީޑިއާއިން ހޯދައިދިން ކަމުގައި ވިއަސް އޭގެ ސަބަބުން ގުޅުންތައް ވަރުގަދަވެ ބަދަހި ނުވާ ކަމަށް ރިސާޗްތައް ބުނެއެވެ. އަދި ސޯޝަލް މީޑިއާގެ ސަބަބުން އެކަކު އަނެކަކާއި ދިމާވެ ވާހަކަ ދެއްކުން ނުވަތަ ފޭސްޓުފޭސް ސޯޝަލައިޒިން މަދުވެއެވެ.

އެހެން ސްޓަޑީއަކުން ދައްކާ ގޮތުގައި ކުޑަކުދިންތަކެއް ފަސް ދުވަހުގެ ކޭމްޕެއްގައި އެއްވެސް ކަހަލަ އިލެކްޓްރޯނިކް ކޮމިއުނިކޭޝަނަކާއި ސޯޝަލް މީޑިއާ އާއި ނުލާ ހޭދަކުރި ވަގުތުގައި އެކުދިން އެކަކު އަނެކަކާއި ވާހަކަ ދައްކާ މިންވަރު އެތައް ގުނައަކަށް އިތުރުވި އެވެ. އަދި އެކުދިންނަށް އެހެން ކުދިންގެ އިހުސާސްތައް ދެނެގަންނަން ދަސްވި އެވެ