ހަބަރު

ކުށުގެ ރިކޯޑް ސާފުކުރަން ފަސޭހަ އިންތިޒާމެއް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވާ ފަރާތްތަކުގެ ރެކޯޑް ސާފުކުރުމުގެ ކަންކަމުގައި ލުއި ފަސޭހަ އިންތިޒާމްތަކެއް ހައިކޯޓުން ހަމަޖައްސައިފި އެވެ.

ހައިކޯޓުން ބުނީ، މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް، ރަސްމީ ކޮންމެ ދުވަހެއްގެ ރޭގަނޑު 8:00 އަށް، ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނާނެ ކަމަށެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު ހެނދުނު 10:00ން ހަވީރު 4:00 އަށް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނާނެއެވެ.

ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ހުންނަ ގަޑިތަކުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލައްވާ ފަރާތްތަކުގެ ރެކޯޑް ސާފުކުރުމަށް ގެންނަ ފޯމްތައް ބަލައިގަންނާނެ ކަމަށް ހައިކޯޓުން މިއަދު ބުންޏެވެ. އަދި އެ ފޯމްތައް ދުވަހުން ދުވަހަށް ހަވާލުކުރުމަށް ހައިކޯޓުން މަސައްކަތް ކުރާނެ ކަމަށް ވެސް ބުންޏެވެ.

އަންނަ އޭޕްރީލް މަަހުގެ ހަވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވާއިރު، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ.

ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަކަށް އެ ދަރަނި ދައްކަމުން ނުދާ މީހުންނަށާއި އެއް އަހަރަށްވުރެ ދިގު މުއްދަތަކަށް ހުކުމެއް އައިސް، އެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް މަޖިލިސް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. އަދި އެއް އަހަރަށްވުރެ ދިގު ހުކުމެއް އޮތްނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނޫނީ މާފުކޮށްދިންތާ ތިން އަހަރު ނުވަނީސް އިންތިހާބުގައި ވާދަ ނުކުރެވޭނެ އެވެ.