ހަބަރު

މޭޑޭގެ ގައިދީގެ މަރުގެ މައްސަލާގައި ދައުވާކުރަން ފޮނުވަނީ

ދެހާސް ފަނަރަވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާއާ ގުޅިގެން ޖަލަށްލީ އަބްދުﷲ ރަޝީދު މުހައްމަދު މަރުވި މައްސަލައިގެ ތަހުގީގު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)އިން ނިންމައި އެ މައްސަލައިގައި ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް ނިންމައިފި އެވެ.

މައްސަލައިގެ ތަހުގީގު ނިންމައި ރިޕޯޓް އެކުލަވާލާފައިވަނީ އިއްޔެ އެވެ. އެޗްއާރްސީއެމްގެ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އެ މައްސަލާގައި އިހުމާލުވާ މީހުންނަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި 51 އަހަރުގެ އަބްދުﷲ ރަޝީދު ޖަލަށްލީ ފަސް އަހަރަށެވެ. ނަމަވެސް 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އޭނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ މައްސަލާގައި އަބްދުﷲގެ އާއިލާއިން ބުނެފައި ވަނީ އޭނާ ގެންދިޔައީ ޖަލުގައި ހުރި އިރު ބައްޔަކަށް ބޭސް ކުރަމުން ކަމަށާއި ނަމަވެސް އޭނާއަށް އެކަށީގެންވާ ފަރުވާ ނުދީ، އަބްދުﷲގެ ސިއްހީ ހާލަތާ މެދު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވަރަށް ބޮޑަށް އިހުމާލުވެފައިވަ ކަމަށެވެ.

އަބްދުﷲގެ މަރުގެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި މަރުތަކާ ގުޅޭ ކޮމިޝަނުން ވެސް ދަނީ ބަލަމުންނެވެ.