ވިލާ ގްރޫޕަށް ދީފައިވާ ރަށްތައް އަތުލައި އެގްރިމަންޓްތައް ބާތިލްކުރަން ސަރުކާރުން ނިންމީ ރަނގަޅަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ވިލާ ގްރޫޕަށް ދީފައިވާ ރަށްތަކުގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އެވެ. އެހުކުމާ ގުޅިގެން އެ ކުންފުނިން ދައުލަތަށް 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ދައްކަން ނުޖެހޭނެ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ނިންމާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ވިލާގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމިގޮތަށް ކަމާބެހޭ ވުޒާރާތަކާއެކު ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ސެޓްލްމެންޓް ދަށުން ގޮތެއް ނިންމާނީ ރައީސް އޮފީހާއި ބަންޑާރަނައިބްގެ އޮފީހާއި ފިނޭންސް މިނިސްޓްރީއާ ޕްލޭނިން މިނިސްޓްރީގެ ލަފައާ މަޝްވަރާއާއެކު ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އެ މައްސަލައަކީ ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ވިލާ ޝިޕިން އާއި ވިލާ ހޮޓެލްްސް އާއި މާނެންފުށި ޕްރައިވެޓް ލިމިޓެޑާއި ގަޒީރާ ޕްރައިވެޓް ލިމިޑެޓުން ދައުލަތާ ދެކޮޅަށް ދުއުވާކުރި މައްސަލަ އެވެ. އެ މައްސަލައަކީ އެ ކުންފުނިތަކާއެކު ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި ސެޓެލްމެންޓް އެގްރިމެންޓްތައް 2015 ވަނަ އަހަރުގެ ފެބުރުއަރީ މަހު މިނިސްޓްރީން ބާތިލުކުރުމާ ގުޅިގެން އުފެދިފައިވާ މައްސަލަ އެކެވެ.
ހދ. ހަނިމާދޫގެ ބިމަކާއި ލ. ކައްދޫގެ ބިމަކާއި މާނެންފުށި އަދި ގަޒީރާއާ ގުޅިގެން ސަރުކާރުން ވަނީ ވިލާގެ ކުންފުނިތަކާއެކު "ސެޓްލްމަންޓް އެގްރިމަންޓް" އެއް ހަދާފަ އެވެ. އެ އެގްރިމެންޓްތައް ހެދީ ކައްދޫއިން އަލީ އިބްރާހިމް ކިޔާ މީހަކަށް ދޫކުރި ބިމެއްގެ މައްސަލާގައި ދައުލަތަށް 9.7 މިލިއަން ރުފިޔާ ދައްކަން ޖެހުމުންނެވެ.
އެ އެއްބަސްވުމުގައި ވަނީ ފަސް ކުންފުންޏަށް ދޫކޮށްފައިވާ ޕްލޮޓް އަދި ލޭންޑްއާ ގުޅިގެން އެއްވެސް ދައުވާއެއް ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އެއްބަސްވުމުގެ ފަހުން އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓްއެއް ފަސް ކުންފުންޏާއެކު ވަނީ ހަދާފަ އެވެ. ސެޓެލްމެންޓް އެގްރިމެންޓް ނަހަދާ ހުރި، ތ. އެލާ މައްސަލާގައި ވެސް އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓް ހެދި އެވެ. އެ އެގްރިމެންޓްގައިވާ ގޮތުން ކަމަކާ ދެބަސްވެއްޖެނަމަ އެކަން ހައްލުކުރާނީ ވާހަކަ ދައްކައިގެންނެވެ. އެ އެގްރިމެންޓްތަކުގެ ދަށުން ހަނިމާދޫ ބިމާއި ކައްދޫގެ ބިމުގެ ބަދަލުގެ ގޮތުގައި މާލެ އަތޮޅުން ހަތަރު ފަޅެއް އެ ކުންފުނިތަކަށް ދިނެވެ. އެހެން ނަމަވެސް އެ އެގްރިމަންޓްތައް ބާތިލްކޮށް އެ ތަންތަން ވިލާގެ އަތުން ފަހުން އަތުލި އެވެ.