ހަބަރު

ގާސިމްވެސް އަލީ ވަހީދުގެ ދިފާއުގައި

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ގާބިލް ބޭފުޅެއް ކަމަށް ވިދާޅުވެ، ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްވެސް އެމަނިކުފާނު ދިފާއުކުރައްވައިފި އެވެ.

ދާދި ފަހަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވިދާޅުވީ ގިނަ ރިސޯޓްތަކުގައި މުވައްޒަފުންނަށް ސާވިސް ޗާޖް ދިނުމުގަ އާއި ދިވެހި މުވައްޒަފުންގެ ނިސްބަތް ހިފަހައްޓާފައި މިންވަރު ރަނގަޅު ކަމަށެވެ. އަދި ރިސޯޓަކުން މުވައްޒަފަކު ކަނޑާލާމުން ގިނަ ފަހަރު ޝަކުވާކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަނީ ވެސް ވަގު އެކައުންޓްތަކުން ކަމަށެވެ.

މިނިސްޓަރުގެ އެ ވާހަކަތައް ބައެއް ނޫސްތަކުން ގެނެސްދިން ގޮތުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުން ހިމެނޭ ގޮތަށް އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވެ މިނިސްޓަރުގެ އިސްތިއުފާއަށް ރިސޯޓް މުވައްޒަފުންތަކެއް އަޑުއުފުލާފައިވާ ދަނޑިވަޅެއްގައި ގާސިމް އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖުމްހޫރީޕާޓީގެ ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ގާބިލް ހިންގުންތެރި ވަޒީރެއް ކަމަށެވެ.

ގާސިމް ކުރެއްވި ޓުވީޓް

ގާސިމް ވިދާޅުވީ، ޓުއަރިޒަމް އިންޑަސްޓްރީއަށްވިޔަސް، މުވައްޒަފުންނާއި ބެހޭ ކަމެއް ވިޔަސް، އަލީ ވަހީދު އެކަމެއް ކުރައްވާނީ ގާނޫނީ ގޮތުން އެކަމެއް ކުރެވެން އޮތް ގޮތަކަށްކަން ޔަގީން ކަމަށާއި، މުސާރައާއި ސާވިސް ކަނޑައަޅަނީ މިިނިސްޓަރެއް ނޫން ކަމަށެވެ.

ގާސިމް އަލީ ވަހީދު ދިފާއު ކުރައްވާ ޓުވީޓް ކުރައްވާފައިވާއިރު، ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲއާއި، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އަލީ ވަހީދު ދިފާއު ކުރައްވާފަ އެވެ. އެގޮތުން އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގެ ފުރިހަމަ މަންފާ ރާއްޖެއަށް ލިބުމަށްޓަކައި އެންމެ މުހިންމު ކަމަކީ، ސިނާއަތުގެ އާމްދަނީ ގިނަ ރައްޔިތުންނަށް ބެހިގެންދިޔުން ކަމަށެވެ. އެކަމަށްޓަކައި އެންމެ ފުރަތަމަ ބަދަލުވާންޖެހޭ ކަމަކީ ރިސޯޓް މުވައްޒަފުންގެ މުސާރައާއި ސާވިސްޗާޖު ޖުމްލަކޮށް މިހާރަށްވުރެ ހަރުދަނާވުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އަލީ ވަހީދު އެކަމަށްޓަކައި ކުރައްވާ މަސައްކަތް ވަރަށް ގާތުން ދެކެވަޑައިގަންނަވާ ކަމަށާއި، ސިޔާސީ މައިދާނުގައި އަލީ ވަހީދާއެކު ކުރެވުނު ތަޖުރިބާގެ އަލީގައި އާންމު ރައްޔިތުންގެ ޖުމްލަ މަސްލަހަތު އަލީ ވަހީދު ނަގަހައްޓަވާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފަ އެވެ.

ރައީސް މުހައްމަދު ނަޝީދު އަލީ ވަހީދު ދިފާއުކުރައްވާ ވިދާޅުވީ، އަލީ ވަހީދަކީ އެމްޑީޕީގެ ޗެއާޕާސަން ވެސް ކުރެއްވި ބޭފުޅެއް ކަމަށާއި އެމްޑީޕީގެ ސިޔާސަތުތަކާއި ވިސްނުން އޭނާއަށް ވަރަށް ސާފުވާނެ ކަމަށެވެ. އެހެންކަމުން އޭނާއަށް އިތުބާރު ކުރައްވާ ކަމަށެވެ.