ދިވެހި ސިނަމާ

"ގޮށްރާޅު" ޕްރިމިއާކޮށްފި, ތައުރީފު އޮހެނީ

މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު "ގޮށްރާޅު" ޕްރިމިއާ ކޮށްފި އެވެ. އޮލިމްޕަހުގައި ރޭ ބޭއްވި ރެޑްކާޕެޓް ހަފްލާ އަށްފަހު މި ފިލްމު ޕްރިމިއާ ކުރީ، ފިލްމު ޑައިރެކްޓަރު އަހްމަދު ޝިނާންގެ ބައްޕަ އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެވެ. ތައުރީފު އޮހެނީ

ފިލްމުގެ ފުރަތަމަ ޝޯ ހައުސްފުލް ވެފައިވާއިރު ގޮށްރާޅުގެ ޕްރިމިއާގައި ފިލްމީ ދާއިރާގެ ވަރަށް ގިނަ ފަންނާނުން ބައިވެރިވި އެވެ. އަދި، މި ފިލްމާ ދޭތެރޭ ދާއިރާގެ މީހުންގެ ކޮމެންޓުތަކަށް ބަލާއިރު ގިނަ ބަޔަކު ބުނެފައިވަނީ މިއީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި ނެރުނު ތަފާތު މޮޅު ފިލްމެއް ކަމަށެވެ. އަދި ޝިނާންގެ ފުރަތަމަ ސޯލޯ ފިލްމަށް ވެފައި މިއީ "ވަރުގަދަ" ފިލްމެއް ކަމަށް ބުނެ އެވެ. އަދި މި ފިލްމުގައި މިި ދާއިރާއަށް އަލަށް ނިކުތް ތަރިންނަށްވެސް، މިހާރުގެ ތަރިންވަނީ ތައުރީފް ކޮށްފަ އެވެ.

ފިލްމު ބެލުމަށް ދިޔަ އާއްމުންގެ ކޮމެންޓުތަކަށް ބަލާއިރު މި ފިލްމާ ދޭތެރޭ ގިނަ މީހުން ބުނީ މި ފިލްމުގައި ދައްކުވައިދިނީ ރާއްޖޭގައި މިހާރު އާއްމުވެފައިވާ ހާދިސާއެއް ކަމާއި ފިލްމުން ވަރަށް ބޮޑު މެސެޖެއް ބެލުންތެރިންނަށް ދިން ކަމެވެ. އެހެންނަމަވެސް، ފިލްމުގައި އަނިޔާވެރި މަންޒަރުތައް ދައްކުވައިދިން ގޮތް އަސްލު ކަމުން ކުޑަކޮށް އުނދަގޫ ވާގޮތެއް ހުރި ކަމަށް ބުންޏެވެ. ހިތްބަލި މީހުން ލޮލުގައި އަތް އަޅާލަން ޖެހިދާނެ އެވެ!
މި ފިލްމުން އަލަށް ތައާރަފުވީ ފަރާތްތަކަށް އާއްމުންގެވެސް ސަޕޯޓު ލިބުނެވެ. ހާއްސަކޮށް ފިލްމުގެ ލީޑުން ފެނުނު ހަސަން އިރުފާން (ޒަކިއްޓެ) އަށް ތައުރީފުތައް އޮހުނެވެ.

ކްރައިމް ތްރިލާ ޖޯންރާ އަކަށް އުފައްދާފައިވާ މި ފިލްމު ޑައިރެކްޓުކޮށްދީފައިވަނީ އަހްމަދު ޝިނާން އެވެ. މިއީ އޭނާގެ ފުރަތަމަ ސޯލޯ ޑައިރެކްޝަން އެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ) އެވެ. އަދި ފިލްމުގެ ވާހަކައާއި ސްކްރީންޕްލޭ ތައްޔާރުކުރީ މޫމިން ފުއާދު އެވެ.
"ގޮށްރާޅު"ގެ ލީޑު ކާސްޓުންގެ ގޮތުގައި ޖުމައްޔިލް ނިމާލް (ޖުމަލް)، ހަސަން އިރުފާން (ޒަކިއްޓެ)، ތަސްނީމާ، ރަޝްފާ، އަޒާން، ނާސިތް، ހަމްދާން، އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ފެނިގެންދާނެ އެވެ.