ޑާކްރެއިންގެ ފިލްމު "ގޮށްރާޅު" ޕްރިމިއާ ކުރީ ބޮޑު ރެޑްކާޕެޓް ހަފްލާ އަކަށް ފަހު އެވެ. ރެޑްކާޕެޓްގައި އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު ފިލްމީ ތަރިން ފެނުނީ މުޅިން ތަފާތު ގޮތަކަށެވެ. ބޮޑެތި ހެދުންތަކުގެ ބަދަލުގައި ވަރަށް "ސިމްޕަލް"، ރީތި ހެދުންތަކެއް މިފަހަރު ފެނުނެވެ. އެކަމަކު މި ފިލްމުން އަލަށް ތައާރަފުވީ ފަންނާނުން ފެނުނީ ދުވަހުގެ ހާއްސަކަމާއެކު ވަރަށް ޗާލު ވެލާފައި ހުއްޓަ އެވެ. މި ހިމަނާލަނީ "ގޮށްރާޅު" ރެޑްކާޕެޓްގައި ފެނުނު ރީތި ފަސް ހެދުމެވެ.
ރަޝްފާ (އާޝާ)
ރެޑް ކާޕެޓް ހަފްލާގައި އެންމެ ރީތި އެއް ހެދުން އަޅައިގެން ހުރީ ހަމަ ޔަގީނުންވެސް އާޝާ އެވެ. މަޑު މުށި ކުލައިގެ މި ހެދުމަކީ "މާމެއިޑް" ހެދުމެކެވެ. ހެދުން ފުރިހަމަ ކުރުމަށް އަޅާފައި އޮތް ބޮޑު ލޭސްގަނޑުގެ ރީތިކަން ފެންނަނީ ހެދުމުގެ ފަސްބައިންނެވެ. ކަކުލާ ހިސާބުން ދޫކޮށްފައި އޮތް އިރު ތިރީގައި ކަޅު ލޭސް އެއް ގުޅުވާފައި ހުރިތަން ފެނެ އެވެ. އަތުން ހިފައިގެން ހުރި ކްލަޗް އާއި ކަންފަތުގައި ލާފައި ހުރި މިނާ ފައްޗަކީވެސް ހެދުމުގެ ކުލަ އާ ގުޅުވާފައި ހުރި އެއްޗިއްސެވެ. އާޝާ މުޅި ހަފްލާގައި ވެސް ވަރަށް ވިދަ އެވެ.
ތަސްނީމާ
މި ކަޅު ހެދުމަކީ ހުސައިން ޝަދިޔާން (ސޭންޑީ)ގެ ބުރަ މަސައްކަތެވެ. މުޅި ހެދުމުގައި މަތިން ފަށައިގެން ތިރިއަށް ކަޅު މިނާ ހަރުކޮށްފައިވާއިރު ހެދުމުގެ އަތުގައި ހުރީ ތުނި ލޭސް ފޮއްޗެކެވެ. އަދި ހެދުމާއެކު ތަސްނީމާ ހިފައިގެން ހުރީ ރަތް ކުލައިގެ ކްލަޗް އެކެވެ. މިއީ ތަސްނީމާ އަށް މިފަދަ ގޮތަކަށް ކެމެރާ ކުރިމަތީ ފެނިލި ފުރަތަމަ ފަހަރު ކަމުން މި ހެދުމުންވެސް ދުވަހުގެ ހާއްސަކަން ބުނެދެ އެވެ. ހެދުމާއި މޭކަޕްވެސް ކޮށްދިނީ ސޭންޑީ އެވެ. ރެޑްކާޕެޓްގައި ތަސްނީމާ މި ފެނުނީ ޑިޒައިނާ ސޭންޑީ ފަރިކޮށްދީފައި ހުރި ބުދެއް ހެންނެވެ.
އަޝްފާ
ޝޯތަކާއި ރެޑްކާޕެޓް ހަފްލާތަކުގައި ބައިވެރިވާ ފަންނާނުންގެ ތެރެއިން ގިނަ ފަހަރަށް އެންމެ ބުރަ މަސައްކަތެއް ފެންނާނީ އަޝްފާގެ ހެދުންތަކުންނެވެ. އެންމެ ވިދާނީ ވެސް އަޝްފާގެ ހެދުމެވެ. ގޮށްރާޅުގެ ޕްރިމިއާ ނައިޓުގައި އަޝްފާ މި ފަހަރު މި ފެނުނީ ވަރަށް ތަފާތު ކޮންނެވެ. "ސިމްޕަލް" ނަމަވެސް އަޝްފާ ސްޓައިލްގެ ހެދުމެއްގަ އެވެ. އަޝްފާ ރެޑްކާޕެޓުގައި ފެނުނީ އޭނާގެ ފިރިމީހާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޢަނީ (ތޭރަވާ) އާއެކު އެވެ.
މަޖުދާ
ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމުތަކުން ދިވެހި ސިނަމާގެ ރަނިކަން ހޯދި މަރިޔަމް މަޖުދާ މި ޓީމުގެ އެންމެ ފަހުގެ ފިލްމު ޕްރިމިއާ އަށް ނައިސް ނުހުންނާނެ އެވެ. "ގޮށްރާޅު" ޕްރިމިއާ ނައިޓުގައި މަޖުދާ މިފަހަރު ފެނުނީ ބޮޑު ގައުން އެއްގައި އެއް ނޫނެވެ. ރީތި ކެޝުއަލް އައުޓްފިޓް އެއްގަ އެވެ. މަޖޫ ހުދު ޓީޝާޓަކާއެކު ތިރިން ލާފައި ހުރީ ޕޭންޓް އެކެވެ. އަދި ހުދު ޓީޝާޓުގެ ފަޅުކަން ފިލުވާލީ ކަރުގައި އަޅާފައި އޮތް ހަރުވާޅާ އެއްކުލައިގެ ފަށަކުންނެވެ. ތަންކޮޅެއް އާދައިގެ ގޮތަކަށް ފެނުނު ކަމުގައި ވިޔަސް ވަރަށް ނަލަ އެވެ.
އައްޒަ
ދިވެހި ފިލްމީ ދާއިރާގައި އެންމެ އުހަށް އަރަމުން އަންނަ މަރިޔަމް އައްޒަ އަކީ ރެޑްކާޕެޓް ހަފްލާ ތަކާ ވަރަށް ގާތް މީހެކެވެ. ކޮންމެ ހަފްލާ އެއް ވިޔަސް ފެންނާނީ ވަރަށް ތަފާތު ގޮތަކަށެވެ. އަބަދުވެސް "ސްޓޭންޑް އައުޓް" ވާނެ އެވެ. މިފަހަރުވެސް އައްޒަ މި ފެނުނީ މުޅިން އެހެން ލުކް އެއްގަ އެވެ. ޑިޒައިނާ ރަޒީގެ މި ޓޮޕް އަކީ އޮފް ޝޯލްޑާ ޓޮޕް އެކެވެ. މި ޓޮޕް އިތުރަށް ފުރިހަމަ ކޮށްދިނީ ހެދުމުގެ ކަރުގައި ގުޅުވާފައި ހުރި ގިރުވާނުންނެވެ. އޮފް ޝޯލްޑާ ޓޯޕްސް ކަމުދާ ކުދިންނަށް މި ޑިޒައިން ކަމުދާނެ އެވެ.