ލައިފްސްޓައިލް

ސާދާ ދިރިއުޅުމުގެ ހިތްހަމަޖެހުން މާ ބޮޑު!

މި ޒަމާނުގެ ސަގާފަތަކަށް ވެފައި އޮންނަނީ ރަނގަޅު ދިރިއުޅުމެއް ވޭތު ކުރެވޭނީ ގިނަ އެއްޗެހި ހޯދައިގެން ކަމެވެ. އެއީ ކޮންމެ އެއްޗެއް ކަމުގައިވިއަސް ވަރިހަމަވެ. އަންނައުނާއި ބޫޓާއި ފޮތާއި ފޯނާއި ދަބަސް ކަމުގައިވިއަސްމެ އެވެ. ދިރިއުޅުމުގެ މަގުސަދު ހާސިލްވެ އުފާވެރިކަން ގެނެސްދެނީ ގިނަ މުދާ މިލްކު ކުރެވިގެނެވެ.

ނަމަވެސް "މިނިމަލިޒަމް" މިއާ ހިލާފެވެ. މިނިމަލިޒަމް އަކީ ސާދާ ދިރިއުޅުމެއް ވޭތު ކުރަން ވީހާވެސް މަދު އެއްޗެހި، ކޮންމެހެން ހޯދަންޖެހޭ ތަކެތި ފިޔަވައި އެހެން އެއްޗެހި ނުހޯދަން ގަސްތުކޮށް އެގޮތަށް އަމަލު ކުރުމެވެ. މީގެ އިތުރުން މިހާރު ގެންގުޅޭ ސާމާނުތަކުން ވެސް މުހިއްމު އެއްޗެހި ކަނޑައަޅައި ދެން ހުރި އެއްޗެހި މަދުކުރުމެވެ.

މިނިމަލިސްޓް ދިރިއުޅުމެއް ހިޔާރު ކުރުމުން ގިނަ ފައިދާއެއް ކުރެއެވެ. މިގޮތުން ހަލަބޮލިވެފައިވާ ދިރިއުޅުން ލަސްކޮށް ދެއެވެ. ދިރިއުޅުމުގައި ކޮންމެހެން އަހައްމިއްޔަތުކަން ދޭން ޖެހޭ އެއްޗެއްސާއި ކަންކަމަށް އިސްކަން ދެވެއެވެ. އެހެންކަމުން ކުރާ ކޮންމެކަމެއްގައި އާއި ނުވަތަ ގަންނަ ކޮންމެ އެއްޗެއް ނުވަތަ ތަޖުރިބާއެއްގެ އަގު ވަޒަން ކުރެވެއެވެ.
ސާދާ ދިރިއުޅުމެއް ނުވަތަ މިނިމަލިސްޓިކް ދިރިއުޅުމެއް ހިޔާރުކުރަން މި ކަންކަން ކުރެވިދާނެ އެވެ.

އެއްޗެއް ގަތުމުގެ ކުރިން ރަނގަޅަށް ވިސްނުން

ކޮންމެ އެއްޗެއް ގަތުމުގެ ކުރިންވެސް އެ އެއްޗަކާމެދު ރަނގަޅަށް ވިސްނާށެވެ. އެއީ ކޮންމެހެން ހޯދަން މުހިއްމު އެއްޗެއްތޯ އާއި އެއިން ލިބޭނެ މަންފާއަކީ ކޮބާކަމާއި އެއެއްޗެއް ނުލާ އުޅެވިދާނެތޯ ވެސް ބަލާށެވެ. ބޭނުން ކޮންމެ އެއްޗެއް ގަތުމުގެ ކުރިން މިގޮތަށް ވިސްނައިފި ނަމަ ބޭކާރު އެއްޗިހި ގަތުމުން ދުރުވެއެވެ. އަދި މިގޮތަށް ކަންތައް ކުރާނަމަ ބޭކާރު ހަރަދު ކުރުމުން ވެސް ދުރުވެ، އަދި އެހިސާބުން ގަންނަ އެއްޗިހީގެ އަގު ވަޒަން ކުރެވޭނެ އެވެ.

ފަށާ އަލަމާރި ސާފު ކުރުމާ ހަމައިން

އަލަމާރި ފުރެންދެން ހުސް ހެދުން އެބަ ހުރި ހެއްޔެވެ؟ އެކަމަކުވެސް ލާނެ އެއްޗެއް ނެތިގެން އުޅެވޭ ހެއްޔެވެ؟ މިހެން ވުމުގެ ބަދަލުގައި އަލަމާރި އެއްކޮށް ސާފުކޮށްލަންވީ އެވެ. ނުލައި ހުރިހާ އެއްޗެއް މީހަކަށް ދޭންވީ އެވެ. ހިސާބަށްވުރެ ބާވެފައި ހުރި އަންނައުނު އެއްކޮށް އުކާލަންވީ އެވެ. އަލަމާރީގައި ބަހައްޓަންވީ ލައިގެން އުޅެން ފަސޭހަ ރީތި އަދި އެ ހެދުމެއް ލުމުން އުފާވެރިކަން ގެންނަ މަދު ހެދުން ކޮޅެކެވެ.

ގޭތެރެއިން ވީހާވެސް އެއްޗެހި މަދުކުރުން

ތާހިރު އަދި މިނިމަލިސްޓިކް ދިރިއުޅުމެއް ހިޔާރު ކުރަން ބޭނުންނަމަ ގޭތެރޭގައި ވީހާވެސް އެއްޗެހި މަދުކުރަންވީ އެވެ. މިގޮތަށް އެއްޗެހި މަދުކުރުމުގެ ސަބަބުން ދިރިއުޅުން ސާދާވެ އުފާވެރިކަން ގެނެސްދެ އެވެ. އެންމެ ފުރަތަމަ އެއްޗެހި މަދުކުރަން ފަށާއިރު އަވަސް އަރުވާލައިގެން ހުރިހާ އެއްޗެއް އުކާލަން އުނދަގޫވެދާނެ އެވެ. އެހެން ނަމަވެސް ކޮންމެވެސް އެއްތަނަކުން މިސާލަކަށް ސިޓިންގ ރޫމުން މަދުކުރަން ފެށިދާނެ އެވެ. މަދުކުރުމުގައި އެއްވެސް އެއްޗެއްގެ ޑަބަލް އޮތްނަމަ އެހެން މީހަކަށް ދޭށެވެ.

ބަދިގެވެސް އެއްކޮށް ސާފުކޮށްލާ!

ބަދިގޭގެ ކަބަޑުތަކުގައި އެކި ވައްތަރުގެ ތެލި ތައްޓާއި ޕްލާސްޓިކް ކޮންޓެއިނަރާއި އުލާއި ސަމްސަލުން ފުރާލާފައި ބެހެއްޓުމުގެ ބަދަލުގައި މަދުކުރަންވީ އެވެ. ބޭނުންކުރާ އެއްޗެހި ބަހައްޓާށެވެ. އަދި އެއްވެސް އެއްޗެއް ކޮންމެވެސް ދުވަހަކުން ބޭނުމެއް ޖެހިދާނެކަމަށް ހިރަފުސް އަރުވަން ބާއްވާފައި އޮތުމުގެ ބަދަލުގައި އެ އެއްޗެއް ބޭނުންވެގެން އުޅޭ އެހެން މީހަކަށް ދިނަސް ރަނގަޅުވާނެ އެވެ. އަދި ގިނަ މީހުނަށް ޕްލާސްޓިކް ކޮންޓެއިނަރު ވަރަށް ގިނައިން އެއްކުރެވެއެވެ. ޕްލާސްޓިކް ގެ ބަދަލުގައި ވީހާވެސް ވަރަކަށް ބިއްލޫރި އެއްޗިސް ހިޔާރު ކުރާށެވެ.

މިނިމަލިސްޓިކް ލައިފްސްޓައިލެއް ހިޔާރުކުރާނަމަ ދިރިއުޅުމުގެ ހަރަދު ކުޑަވުމުގެ އިތުރުން ތިމާވެއްޓަށް ވެސް ގިނަ ފައިދާ ކުރެއެވެ. އަދި މީހާ ނަފްސާނީގޮތުން ވެސް ފައިދާތަކެއް ކުރެއެވެ. މިގޮތުން އެންޒައިޓީ އަދި ސްޓްރެސް އިން ދުރުކޮށްދެ އެވެ. ދިރިއުޅެން މިޖެހޭނީ ކުދިކުދި ތަންކޮޅުގައި ކަމުން، ގޭތެރޭގައި ޖާގަ އިތުރުވެ ތަނަވަސްވެއެވެ.