ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަރުގެ 80 ނުވަތަ 90 އިންސައްތަށް ހަލާކުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) ގެ އެހީ ހޯދުމަށް، ރާއްޖޭގެ ފަރާތުން ކުރިއަށް އޮތް ފަސް އަހަރު ދުވަހު އިސްކަންދޭނެ ދާއިރާތައް ކަނޑައެޅުމަށް މަސައްކަތު ބައްދަލުވުން އިފްތިތާހު ކުރުމުގެ ގޮތުން ޗަންޕާ ސެންޓްރަލް ހޮޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ހުސެއިން ވިދާޅުވީ، ރާއްޖެއާ މާދަރުގައިވާ ގައުމުތަކުން ބޭރުކުރާ ވިހާ މާއްދާ އެކުލެވޭ ގޭސްތަކުގެ ސަބަބުން މޫސުމީ ބަދަލުތަކަށް، ބަދަލުތަކެެއް އަންނަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ކަހަލަ ޖަޒީރާ ގައުމުތަށް ހިމެނޭ ކަމަށެވެ.
ޖީސީއެފް އަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ ނުރައްކާތަށް މަދުކުރުމަށް އަދި މޫސުމީ ބަދަލުތަކުން ދިމާވާ ނުރައްކާތަކާ ބެހޭގޮތުނުން ހޭލުންތެރިކުރުމަށް ޔުނައިޓެޑް ނޭޝަން އާ ގުޅިގެން އެކުލަވާލައިފައިވާ ފަންޑަކެވެ. މިފަންޑުން އާއްމުކޮށް އެހީވަނީ ތަރައްގީވަމުން އަންނަށް ގައުމުތަކަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް އާއްމުދަނީ ވައްދައިދޭ އެއް ސިނާއަތް ކަމަށްވާ ފަތުރުވެރި ކަމަށްވެސް ވެސް މިކަމުގެ ބިރު އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް އަންނަށް ޓޫރިސްޓުންގެ ތެރެއިން ގިނަ މީހުންނަކީ ރާއްޖޭގެ ފަރުތަކުގައިވާ ދިރުން ބަލާލުމަށް އަންނަށް މީހުން ކަމަށެވެ. އަދި މި ފަރުތަކަކީ ގުދުރަތީ ކާރިސާތަކުން ރާއްޖެ ސަލަމާތްކޮށްދޭ އެއް ވަސީލަތް ކަމަށެވެ.
"ކްލައިމެޓް ޗޭންޖުގެ ސަބަބުން 80 ނުވަތަ 90 ޕަސަންޓުގެ ފަރުތަށް ހަލާކުވެގެން ހިގައިދާނެ ކަމުގެ ބިރު އެބައޮތް، ރާއްޖެއަށް ފައިސާ ވައްދައިދެނީ ޓޫރިޒްމް ސިނާއަތުން، ޓުރިސްޓުން ރާއްޖެ އަންނަނީ ހަމައެކަނި ރާއްޖޭގެ މީހުނާ އެކު އުޅޭކަށް ނޫން، ޓޫރިސްޓުން އަންނަނީ ހިތްގައިމު ހުދު ގޮނޑުދޮށާ، މުރަކަ އަދި ރާއްޖޭގެ ކަނޑު އަޑީގައިވާ ދިރުންތަށް ބަލާލުމަށް" މިނިސްޓަރު ހުސެއިން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމުގައި ދިމާވާ އެންމެ އުދަގޫ ކަމަކީ ހަރަދު ކުރުމުގައި އިސްކަންދޭނެ ކަންތަށް ދެނެގަތުން ކަމަށެވެ. ނަމަވެސް ޖީސީއެފް އާއެެކު ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަސައްކަތުގެ ބައްދަލުވުމުގެ ސަބަބުން މި އުދަގޫތަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތިމާވެށި ހިމާޔަތްކުރަން ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުން ނަގާ ޓެކްސް އެއް ކަމަށްވާ ގްރީސް ޓެކްސް އަކީ ތިމާވެށި ހިމާޔަތް ކުރުމަށް ނެގޭ ފައިސާ އެއް ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ބޭރުގެ އެހީތަކަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވާނެ ކަމަށެވެ..