ހަތެއް

ފަތުރުވެރިކަން ދެމެހެއްޓޭނީ ތިމާވެށި ހިމާޔަތްކޮށްގެން: ރައީސް

Sep 27, 2019
3

ރާއްޖޭގެ ފަތުރުވެރިކަން ދަމަހައްޓަ ކުރިއެރުވުމަށްޓަކައި ތިމާވެށި ހިމާޔަތް ކުރަން ޖެހޭ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަަހުގެ މުނާސަބަކުގައި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ މި ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ފަތުރުވެރިކަމުގެ ސިނާއަތާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް ސިނާއަތް ތަރައްގީ ކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަތުން ކަމަށެވެ. އަދި އެކަންކަން ހައްލު ކުރާނެ ގޮތްތަކާ މެދު ބައިނަލްއަގުވާމީ މުޖްތަމައުއާ ގުޅިގެން މަސައްކަތް ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ނާރެހަކީ ޖަޒީރާތަކުގެ ތަބީއީ ރީތިކަމާއި ގުދުރަތީ މުއްސަނދިކަން ކަމަށާއި ތިމާވެށި ހިމާޔަތްކޮށް ތިމާވެށީގެ ދިރުންތަކަށް ހޭހަން ކުރުމަކީ ފަތުރުވެރިކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ދެމެހެއްޓެނިވި ފަތުރުވެރިކަގެ ބިންގަލީ ސުލްހަ މަަސްލަހަތު ގާއިމް ކުރުން ކަމަށެވެ. އެގޮތުން ޖަޒީރާ ރަށްތަކުގައި ފަތުރުވެރިކަން އާލާވުމުގެ މައިގަނޑު ސަބަބކީ ވެސް ދުނިޔޭގެ ހަލަބޮލިކަމާއި ހަމަނުޖެހުންތަކުން ވީއްލި، ހިންދު ކަނޑުގެ ޖަޒީރާތަކުގައި ފައި ބީއްސައިލުމުން ލިބިދޭ ހަމަޖެހުން ކަމަށް ރައީސް ވިދާޅުވި އެވެ.

"މީގެ 47 އަހަރު ކުރިން ދިވެހި ފަތުރުވެރިކަން އުފަންވީ އެންމެ 60 އެނދާ އެކުގަ. ރާއްޖޭގެ ހިތްވަރުގަދަ ދެތިން ވިޔަފާރިވެރިން، މި ސިނާއަތް ފަށްޓަވައި ކޮޅަށް ޖައްސަވައިދެއްވީ، މިޖީލުގެ މީހުންނަށް ތަސައްވުރު ވެސް ނުކުރެވޭހާ ގިނަ ހުރަސްތައް ގިރާކުރައްވައިފަ. މިއަދު ރާއްޖޭގައި ހިންގާ 567 ގެސްޓް ހައުސް، 154 ސަފާރީ، 149 ރިސޯޓް އަދި 10 ޓޫރިސްޓް ހޮޓާ އެބަ ހުރި. މި ތަންތަނުގައި 47114 އަށް ވުރެ ގިނަ ޓޫރިސްޓް އެނދު ހުރިއިރު، ރާއްޖޭގެ ފަތުރުވެރިކަމަކީ، ދުނިޔޭގެ ބާޒާރުގައި ނަން ހިނގާ، އެންމެ މަގުބޫލު މަރުކާއެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިވެހިންގެ އަމާޒަކަށް ވާންވީ ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމަށް ލިބިފައިވާ މަގުބޫލު ކަމުގެ ފައިދާ ފުޅާ ގޮތެއްގައި ވަކިވަކި ފަރުދުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެވ އަދި ފަރުދުންގެ އިގްތިސާދަށް އެނގުންވާނެ ފަދައިން ރަށު ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުން ކަމަށް ރައީސްް ވިދާޅުވި އެވެ.

"ރާއްޖޭގެ ފަތުރުވެރިކަން މިހާރަށް ވުރެ ކުރިއެރުވުމަށްޓަކައި، ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް، ރާއްޖެއަށް ތައާރަފް ކުރެވޭނެ ގޮތްތަކާ މެދުވެސް ވިސްނަންޖެހޭ. ވިޔަފާރި ފަތުރުވެރިކަމާއި، ސަގާފަތާއި ތަރިކައިގެ ފަތުރުވެރިކަމާއި، ކުޅިވަރު ފަތުރުވެރިކަން އަދި ބޭސްފަރުވާގެ ފަތުރުވެރިކަމަކީ، ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރި ވިޔަފާރިތައް. މީގެ ތެރޭގައި މި ޖަޒީރާތަކުގައި މުޑުވައްކޮށް އާލާކުރެވޭނެ ކިތަންމެ ބާވަތެއް ހުންނާނެކަން ކަށަވަރު،" ރައީސް ވިދާޅުވި އެވެ.