ހަތެއް

ދިރުންތައް ހިމާޔަތް ކުރުމުގެ ބޮޑު ދައުރެއް ކައުންސިލްތަކަށް އޮންނާނެ: ރައީސް

ކަނޑުފަޅުތަކުގެ ދިރުން ހިމާޔަތްކޮށް އެއިން އިގްތިސާދީ ފައިދާ ލިބޭނެ ގޮތްތައް ހޯދައި އޭގެ އަމަލީ މަސައްކަތް ކުރުމުގެ އެންމެ ބޮޑު ދައުރެއް ދެން އަދާ ކުރަމުން ދާނީ ރަށްރަށުގެ ކައުންސިލްތަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. ނޭކުރެންދޫގައި "ބްލޫ ޕްރެސްޕްރިޓީ ކޯލިޝަން" އިން ކުރިއަށްގެންދާ ކަނޑުފަޅުގެ ދިރާސާގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހިންގުމަށް ނިޒާމަށް ގެނެވުނު ބަދަލާ ގުޅިގެން ރަށްރަށުގެ ކަންކަން ދެން ހަމަޖެހިގެން ދާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ދޫކޮށްލައިގެން ކަމަށެވެ.

"ލާމަރުކަޒީ ނިޒާމަށް ގެނެވުނު ބަދަލާ އެކުގައި އަޅުގަނޑުމެން ވަރަށް ބޮޑެތި ބާރުތަކެއް އެބަ ކައުންސިލްތަކަށް ދޫކޮށްލަން. ރަށްރަށުގެ އިހްތިސާސް އެބަ ކަނޑައެޅިގެންދޭ. އެ ތަންތަން ހިމާޔަތް ކުރުމުގެ އެންމެ މުހިއްމު އެއް ދައުރެއް އަދާ ކުރަން ޖެހެނީ ކައުންސިލްތަކަށް." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު ނޭކުރެންދޫގައި ފަށާއި ކަނޑުތަކުގެ ދިރާސާއަށް ފަހުގައި ކަނޑުފަޅުގެ ދިރުންތަކުން އިގްތިސާދީ ފައިދާތައް ހޯދޭނެ ގޮތުގެ ސިޔާސަތުތަކެއް ސަރުކާރުން ކަނޑައަޅާނެ ކަމަށެވެ. ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކާއެކު، އޭޣެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަން ޖެހޭނެ ބަޔަކީ ނޭކުރެންދޫގެ ކައުންސިލް މެންބަރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ކަނޑުފަޅުގެ މަންފާއާއި ނަފާ ހޯދޭނެ ގޮތްތައް އަމަލީ ގޮތުން އެ މަސައްކަތް ކުރުމަށް ތިބޭނެ ބޭފުޅުންނަކީ ތި ބޭފުޅުން،
ރަށުގެ ތަރައްގީ އާއި ކުރިއެރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކައުންސިލަރުން އަދާ ކުރަން ޖެހޭ ދައުރު ވަރަށް މުހިއްމު،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ދެން ފާހަގަ ކުރެއްވީ ނޭކުރެންދޫ ފަދަ ރަށްރަށުގައި އާމްދަނީ ލިބޭނެ ގޮތެއް ނެތުމުންނާއި ހިދުމަތްތައް ނެތުމުން ރަށުގެ ގިނަ އަދަދެއްގެ މީހުން އެހެން ރަށްރަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށެވެ. އެކަމަކު ލާމަރުކަޒީ ނިޒާމު ހަރުދަނާވެ ކައުންސިލްތަކުން ކުރާ މަސައްކަތާއެކު އެ މައްސަލަތައް ހައްލުވެގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ހދ. ނޭކުރެންދޫއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް އެ އަތޮޅު ފަޅު ރަށެއް ކަމުގައިވާ ކޭލަކުނަށް ވެސް ވަޑައިގަންނަވާނެ އެވެ. ކޭލަކުނަކީ ޗަކަ ބިމާއި ކުޅި ސަރަހައްދު މުއްސަނދި ރަށެކެވެ. އޭގެ ފަހުގައި އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ލީޑާޝީޕްގެ ބޭފުޅުންނާއެކު ކެމްޕޭނަށް ކުޅުދުއްފުށި ސިޓީގައި އޮންނަ މަހާސިންތާއަށް ވަޑައިގަންނަވާނެ އެވެ.