ހަބަރު

މަޖިލިސް އިންތިހާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިއުލާންކޮށްފި

އަންނަ އެޕްރީލްމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، އިންތިހާބުގެ އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުން ނުދާ ފަރާތަކަށް ކަމަށެވެ. އަދި އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ވެގެންނުވާނެ ކަމަށާއި، ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށްވެސް ވެގެން ނުވާނެ ކަަމަށެވެ.

މީގެ އިތުރުން، އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ އެމީހެއްގެ ގައިގައި ހުންނަން ޖެހޭނެ ކަމަށާއި، އެފަދަ މަސައްކަތަކަށް ސިއްހީ ގޮތުން ގާބިލް މީހަކު ކަމުގައިވުމާއި، ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒުކުރަމުންދާ މީހަކަށް ނުވުމަށް ޝަރުތުކޮށްފައިވެ އެވެ.

އީސީން ކޮށްފައިވާ އިއުލާނުގައި ވާގޮތުން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ ވޯޓް ލާދުވަހު 1500 ރުފިޔާ އަދި، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ 1200 ރުފިޔާ، އޮފިޝަލުންގެގޮތުގައި ހަރަކާތްތެރިވާ އެނޫންފަރާތްތަކަށް 1000 ރުފިޔާ ވޯޓްލާ ދުވަހު ލިބޭނެ ކަމަށެވެ. އަދި ރިސާރވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ ވޯޓްލާދުވަހަށް 500 ރުފިޔާ ލިބޭނެ ކަމަށްވެސް އެއިއުލާންގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، އަދި ވޯޓުލާދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖެއްސާނެ ކަމަށާއި، އެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން އެމަސައްކަތަށް ހާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުސަތު ނުދެވޭނެ ކަމަށްވެސް އީސީން ވަނީ ބުނެފަ އެވެ.

އީސީން ބުނީ އޮފިޝަލަކަށް ވުމަށް އެދޭ ފަރާތްތަކުން އެ ކަމަށް އެދޭ ފޯމާއި، ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު، 14 ފެބްރުއަރީ ވާ ދުވަހުގެ 3:00 ގެ ކުރިން، މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނަށް އަދި އަތޮޅުތެރޭގައި ނަމަ ރަށު/އަތޮޅު/ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދޭކަމަށެވެ.