ދުނިޔެ

މަރުގެ ހުކުމް އަވަހަށް ތަންފީޒުކުރެވޭ ގޮތަށް މިސްރުން ހަދަނީ

Jul 1, 2015

މިސްރުގައި އިއްވާ މަރުގެ ހުކުމް އަވަހަށް ތަންފީޒުކުރެވޭނެ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަވާނެ ކަމަށް އެ ގައުމުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީ އިއްޔެ ވިދާޅުވެއްޖެ އެވެ.

ކާރު ބޮމުގެ ހަމަލާއެއް ދީ ހޯމަ ދުވަހު އަވަހަރާކޮށްލާފައިވާ މިސްރުގެ ޕްރޮސެކިއުޓަ ޖެނެރަލް ހިޝާމް ބަރަކާތުގެ ޖަނާޒާ އަށް ފަހު ވާހަކަފުޅު ދައްކަވަމުން ސީސީ ވިދާޅުވީ ގާނޫނުތަކުގެ ސަބަބުން އިންސާފުގެ ދިގު އަތުގައި ކަސްދޮޅު އެޅިފައިވާ ކަަމަށެވެ. އެހެންވެ، ގާނޫނުތައް ހަރުކަށި ކުރަން ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށާއި އޭގެ ތެރޭގައި މަރުގެ ހުކުމްތައް ތަންފީޒުކުރުން އަވަސްކުރުން ހިމެނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މަރުގެ ހުކުމް އިއްވައި އެ ހުކުމްތައް ތަންފީޒު ކުރާނެ. އުމުރު ދުވަހުގެ ޖަލު ހުކުމް ވެސް އިއްވައި އެ ހުކުމްތައް ވެސް ތަންްފީޒުކުރާނެ،" ސީސީ ވިދާޅުވި އެވެ.

އެހެން ނަމަވެސް، ގާނޫނުތަކަށް ހުށަހަޅުއްވާނެ ބަދަލުތަކުގެ ތަފްސީލެއް ސީސީ ނުދެއްވަ އެވެ.

ބަރަކާތް އަވަހާރަވެފައި ވަނީ ވެރިރަށް ގާހިރާގެ ހިލިއޮޕޯލިސް އަވަށުގައި ދިން ހަމަލާގައި ލިބުނު ސީރިއަސް ޒަހަމްތަކަކަށް ހޮސްޕިޓަލުގައި ފަަރުވާ ދެމުން ދަނިކޮށެވެ. މި ހަމަލާ ދީފައި ވަނީ ބަރަކާތް ދަތުރުކުރައްވަމުން ގެންދެވި ކާރުގެ ކައިރީގައި ޕާކުކޮށްފައި އޮތް ކާރެއްގެ އަޑީގައި ކާރު ބޮމެއް ނުވަތަ ގޮވާ ޒާތުގެ އެއްޗެއް ހަރުކޮށްގެންނެވެ. އޭރު އޭނާ ގެންދެވީ އޮފީހަށް ވަޑައިގަންނަވަން ކާރުގައި ދަތުރުކުރައްވަމުންނެވެ.

ބަރަކާތް ވަނީ، މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ވެރިކަން ވައްޓާލުމަށް ފަހު އަސްކަރިއްޔާ އިން ވެރިކަމާ ހަވާލުވި ފަހުން އެތައް ހާސް ހަރުކަށި ހިޔާލުގެ މީހުންގެ މައްސަލަ ޝަރީއަތަށް ފޮނުއްވާފަ އެެވެ. އެއިގެ ތެރެއިން ގިނަ މީހުންގެ މައްޗަށް ވަނީ މަރުގެ އަދަބާއި އުމުރު ދުވަހުގެ ޖަލު ހުކުމް ފަދަ ބޮޑެތި ހުކުމްތައް އައިސްފަ އެވެ. އޭގެ ތެރޭގައި މުރްސީ ވެސް ހިމެނިވަޑައިގަންނަވާއިރު، ދެން ތިބީ ވެސް މުރްސީ ނިސްބަތްވެވަޑައިގެންނަވާ، މިހާރު މަނާކޮށްފައިވާ މުސްލިމްބްރަދަހުޑްއާ ދެކޮޅަށް މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީގެ ސަރުކާރުން ފެށި ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނެވެ.

އެކަމުގެ ސަބަބުން ހަރުކަށި ހިޔާލުގެ ހަނގުރާމަވެރިން އެތައް ފަހަރަކު ބަރަކާތަށް މަރުގެ އިންޒާރު ދީފައި ވެސްވެ އެވެ. އެކަމަކު، ބަރަކާތް އަވަހާރަކޮށްލުމުގައި އެއްވެސް ވަރަކަށް ބައިވެރި ނުވާ ކަމަށް ބްރަދަހުޑް އިން އިއްޔެ ވަނީ ބުނެފަ އެވެ.

މިސްރުގެ ގާނޫނުތައް ބުނާ ގޮތުން މަރުގެ ހުކުމެއް ތަންފީޒު ކުރެވޭނީ އެ ގައުމުގެ ދީނީ ކަންކަމާ ބެހޭ އެންމެ އިސް މުފުތީގެ އަރިހަށް ފޮނުވައި، އެ ހުކުމް ރަނގަޅު ކަމަށް އޭނާ ނިންމެވުމުންނެވެ. އޭގެ ކުރިން އިސްތިއުނާފް ހުރިހާ މަރުހަލާއެއް ވެސް ކަޑައްތުކުރަންޖެހެ އެވެ. އެހެންވެ، ގިނަ ފަހަރަށް މަރުގެ ހުކުމްތައް ތަންފީޒު ކުރަން ގިނަ ދުވަސްތަކެއް ހޭދަވެ އެވެ.