ލުނބޯ ފަނި ބޮއެ އުޅެން ހެއްޔެވެ؟ ލުނބޯ ފަނި ތައްޓެއް ބޯލުމުން ވަގުތުން ހަށިގަނޑަށް ލިބޭ އަރާމާއި ފަސޭހައަކީ ލުނބޯގައިވާ ހާއްސަ ކަމެވެ. އެކަމަކު ލުނބޯ ފަނި ގިރަން ދެތިން ސަމުސާ ހަކުރު އަޅައި، އެ ފަނިތައްޓަށް އަޅާ ލުނބޯގެ ހުތް ރަހަ އަށް ވުރެ، ހަކުރު ރަހަ ގަދަ ކޮށްފި ނަމަ މުޅިން އެ ސަކަރާތްވީ އެވެ. އެހެންވީމާ ލުނބޯ ފަނީގެ ބަދަލުގައި ލުނބޯ ފެނުގެ އަޖުމަ ބަލާލާށެވެ. މީގެ ފައިދާތައް މާ ގިނަ އެވެ.
ހައިޑްރޭޓް ކޮށްދޭ
ޑީހައިޑްރޭޓްވެ އަބަދު ވަރުބަލި ވަނީ ހަމަ އެކަނި އުމުރުން ދުވަސްވީ މީހުންނެއް ނޫނެވެ. ކުޑަކުދިންނާއި ޒުވާން ކުދިންވެސް ޑީހައިޑްރޭޓްވެ ހަށިގަނޑުގައި ވަރު ނެތިގެން އުޅެ އެވެ. ޑީހައިޑްރޭޓް ވަނީ ހަށިގަނޑަށް ލިބެންވާ ވަރަށް ފެން ނުލިބޭތީ އެވެ. އަންހެނުން ކޮންމެ ދުވަހަކު 2.7 ލީޓަރު ފެން ބޯން ޖެހެ އެވެ. އަދި ފިރިހެނުންނަށް މި އަދަދު އިތުރުވެ އެވެ. ގިނަ ގިނައިން ފެން ބޯހިތް ނުވާ ނަމަ ލުނބޯ ފޮތިކޮށްފައި ފެން ތައްޓަށް އަޅައިގެން ނުވަތަ އަތުގައި ގެންގުޅޭ ފެންފުޅި އަށް އަޅައިގެން ބޯށެވެ. ހަށިގަނޑުން ފެން މަދުވިޔަ އެއް ނުދޭނެ އެވެ. ފެން ބުއިމާ ދުރު މީހުން އަދި ފެން ނުބައި މީހުންނަށް މިއީ ހައްލެކެވެ.
ވިޓަމިންސީ ހޯދަން ލުނބޯ ބޭނުން ކުރޭ
ލުނބޮއަކީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ މޭވާއެކެވެ. މިއީ ޖުމްލަކޮށް ބަލާއިރު ހަށިގަނޑަށް ފައިދާހުރި މާއްދާ އެކެވެ. އަދި ވިޓަމިން ސީ އަކީ ހަށިގަނޑުގައި ފެޓް އެންދުމުގެ ނިޒާމު ވަރުގަދަކޮށް ބެހެއްޓުމަށް ވެސް ބޭނުންވާ މާއްދާ އެކެވެ. ލުނބޯ ފަޅިއެއް އެކި ފަހަރު މަތިން ފެނަށް އަޅައިގެން ބޭނުންކޮށްފި ނަމަ އެ ދުވަހަކަށް ބޭނުންވާ ވަރަކަށް ހަށިގަނޑަށް ވިޓަމިން ސީ ލިބޭނެ އެވެ. އަދި މިއީ، ސްޓްރޯކް އާއި ކާޑިއޯވަސްކިއުލާ ބަލިތަކުން ސަލާމަތް ވުމަށްވެސް އެހީވެދޭ އެއްޗެކެވެ.
ބަރުދަން ލުއި ކޮށްދޭނެ
ބަރުދަން ލުއި ކުރުމަށް ފަސޭހަ އިތުރު ގޮތެއް ލުނބޯ ބޭނުން ކޮށްގެން ހޯދި ދާނެ އެވެ. ކޮންމެ ކެއުމަކާ އެކުވެސް ލުނބޯ ފެން ބޭނުން ކުރާށެވެ. ގަވައިދުން ބޭނުންކުރާ ބޭކާރު ފިޒީ ޑްރިންކްސްއަކީ ގިނަ އަދަދަކަށް އޭގައި ހަކުރު އެކުލެވޭ އެއްޗެއް ކަމުން ހަކުރު ނެތް މީރު ބުއިމަކަށް ލުނބޯ ފެން ފުރިހަމަ އެވެ. ބަނޑުވެސް ފުރިފައި ފައިދާ ވެސް އެހާ ގިނަ އެވެ.
ހަން އޮމާން ކުރުމުގައި އެހީވޭ
ލުނބޯގައި ވިޓަމިންސީ އެކުލެވޭ މިންވަރު އެހެން މޭވާތަކަށް ވުރެ ގިނަ އެވެ. ވިޓަމިން-ސީ އިން ހަމުގެ ކުރަކި ކަމާއި މޫނުގެ ރޫ ފިލުވާލައި ޒުވާންކަން މަތީ ބެހެއްޓުމަށް އެހީވެ ދޭނެ އެވެ. އަދި ސީދާ އަވި ހަމުގައި ޖެހުމުން އެ ލިބޭ ގެއްލުމުން ސަލާމަތް ވުމަށްވެސް ވިޓަމިން ސީ އެހީވެދޭނެ އެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ލުނބޯ ހިމަނާށެވެ. ވިޓަމިންސީ ޔަގީނުން ވެސް ލިބޭނެ އެވެ.
ހަޖަމް ކުރުމުގެ ނިޒާމް ވަރުގަދަ ކޮށްދޭ
ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބުމުން ކާ އެއްޗެހި ހަޖަމަވުމުގައި މައްސަލަތަކެއް ކުރިމަތިވެ އެވެ. ހަޖަމް ކުރުމުގެ ނިޒާމް ވަރުގަދަ ކުރުމަށް އެއީ ޑައިޖެސްޓިވް އެންޒައިމްސް އުފައްދަން ވެސް އެހީވެދޭ މާއްދާތައް އޭގައި ހިމެނޭތީ އެވެ
ކިޑްނީ ސްޓޯން އިން ސަލާމަތް ކޮށްދޭ
ލުނބޯގައި ހިމެނޭ ސިޓްރިކް އެސިޑަކީ ކިޑްނީ ސްޓޯން އުފެދުމުން ސަލާމަތް ކުރަން އެހީވެދޭ މާއްދާ އެކެވެ. އަދި މި ސިޓްރޭޓް އިން ކިޑްނީގައި އުފެދިފައި ހުންނަ ކުދި ސްޓޯންތައް ނެއްޓުމަށް ވެސް ފަސޭހަ ކޮށްދޭނެ އެވެ. މަދުން ނަމަވެސް ލުނބޯ ފެން ބޯ ނަމަ ކިޑްނީ ސްޓޯން އުފެދުމުން ސަލާމަތްވާނެ އެވެ.