ލައިފްސްޓައިލް

ތި ޖަހަނީ އެންމެ ގުޅޭ ސެންޓުތަ؟

ފެންވަރާ ރީތިވެލައިގެން މީރުވަސް ދުވާ ސެންޓެއް ޖެހުމަކީ ހާލަކުން މީހަކު ނޫނީ ވަރަށް ގަޔާވާ ކަމެކެވެ. އަދި އެއްވެސް ވަރަށް ސެންޓެއް ބޭނުން ނުކުރާނަމަ ރީތިވެވުނު ކަމުގެ އިހްސާސެއް ނުކުރެވެއެވެ. ބާޒަރުގައި އެކި އަގުތަކުގައި ސެންޓުވިއްކަން ހުރެއެވެ. މިފަދަ ސެންޓާއި އަތަރާއި ސްޕްރޭ ފުޅިތަކުން ފިހާރަތަކުގެ ހަރުތައް ހުންނަނީ ފުރިފަ އެވެ. މީހަކަށް ހަދިޔާ ދިނުމުގައިވެސް މީރުވަސް ދުވާ ސެންޓެއް ދިނުމުން އެ މީހަކށް އުފާވެރިކަން ގެނެސް ދެއެވެ. އެކި މުނާސަބަތުގައި ހަދިޔާ ބަދަލުކުރާއިރު ސެންޓުފުޅިއެއް އަބަދުވެސް ހިމަނަނީ އެހެންވެގެނެވެ.

ސެންޓް ގަތުމުގައި ބައެއް މީހުނަށް ކަމުދަނީ އަބަދުވެސް އެންމެ ފަހުން ބާޒަރަށް ނެރޭ ސެންޓެވެ. މާލޭގައި ފުޅާގޮތެއްގައި ކޮސްމެޓިކް ވިއްކާ ބައެއް ފިހާރަތަކުން ވެސް ބުނަނީ އެހެނެވެ. އަދި ވަކި މުނާސަބަތަކަށް ހާއްސަކޮށް ސެންޓެއް ގަތް ނަމަވެސް ބޮޑަށް ބަލަނީ ފަހުގެ ސެންޓަކީ ކޮބައިތޯ އެވެ.

ސެންޓް ޖެހުމުގައި އެކި ގަޑިތަކަށް ހާއްސަ ވަސް ދުވާ ސެންޓް ފުޅިވެސް ބައެއް މީހުން އިހްތިޔާރު ކުރެއެވެ. ޖަހާ ސެންޓާއި މީހާގެ މިޒާޖު ނުވަތަ ޕާސަނަލްޓީ އަދި މޫޑަކީ ވެސް ކޮންމެވެސް ވަރަކަށް ގުޅުމެއް އޮންނަ ކަމެކެވެ. އަދި ބައެއް ސެންޓުތަކަކީ މީހެއްގެ ސިގްނޭޗާ ސެންޓުކަމުގައި ވެސް ވެފައި ހުރެ އެވެ.

ހޯޕްލެސްލީ ރޮމޭންޓިކް މީހުންނާއި ބޮޑަށް ގުޅެނީ ފްލޯރަލް!

ހޯޕްލެސްލީ ރޮމޭންޓިކް ނުވަތަ ހަޔާތަކީ ލޯބި ކަމުގައި ދެކޭ މީހުން ބޮޑަށް މި ގަޔާވަނީ މާމަލުގެ ވަސް ނުވަތަ ފްލޯރަލް ނޯޓްސްތައް އޭގައި އެކުލެވޭ ސެންޓުތަކެވެ. އެ މީހުން ހިޔާރު ކުރާ ސެންޓުތަކުގައި ޖޭސްމީން، ފިނިފެންމާ، އޯކިޑް، ޕިއޯނީސް ފަދަ މާމަލުގެ ވަސްވަސް ހިމަނާފައި ހުރެ އެވެ. ފްލޯރަލް ސެންޓުތައް ކަމުދާ މީހުންނަކީ އަބަދުވެސް އެހެންމީހުންގެ ސަމާލުކަން ހޯދާ، ލޯބި އަދި ކޮންފިޑެންޓް ބައެކެވެ. ފްލޯރަލް ގިނަ މީހުންނަށް ކަމުދަނީ މާ ވަސްގަދަ ނުވެ އެކަމަކުވެސް މީރު ގަޔާވާކަހަލަ މާމެލާމެލީގެ ބްލެންޑެއް ކަމުގައިވާތީ އެވެ. އެފަދަ ވަސްވަހަށް މީހުންގެ ހިތް ބޮޑަށް ލެނބެނީ އެ ސެންޓުގެ ވަހުން ކުޑައިރުގެ ފޮނި ހަނދާންތައް އާވެ ގުޅޭތީކަމުގައި ވެސް ވެދާނެއެވެ. އެހެންވެ ފްލޯރަލް ސެންޓެއް ބޭނުންކުރާނަމަ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމުގެ އިހުސާސެއް ކުރުވާ އެފަދަ މޫޑެއް ގެނެސް ދެއެވެ. މި ވައްތަރު ސެންޓުތައް ބޮޑަށް މި ގަޔާވަނީ ރޮމޭންޓިކު މީހުންގެ އިތުރުން ވަރަށް ފުން ޕާސަނަލިޓީ ހުންނަ މީހުނަށެވެ.

މަޖާ އަދި ސްޕޯޓީ ގާލްސް އާއި ގުޅެނީ ފްރެޝް!

ފްރެޝް އަދި ސިޓްރަސް ބޭސްއެއް އޭގައި ހިމެނޭ ސެންޓުތައް ބޮޑަށް ކަމުދަނީ ކުޅިވަރު ކުޅުމުގައި އާއި ވަރަށް މަޖާ މިޒާޖުގެ މީހުނަށެވެ. މި ފަދަ ސެންޓުތަކުގައި އާއްމުކޮށް ބޭނުން ކުރަނީ ލެމަން އަދި ގްރޭޕްފުރްޓް ތަކުގެ ނޯޓްސްތަކެކެވެ. ފްރެޝް ވަހާއި ބޮޑަށް މި ގަޔާވަނީ އާއްމުކޮށް ވަރަށް ކޫލް މީހުންނެވެ. އަދި މި ކަހަލަ ވަސް ހުންނަ ސެންޓާއި ބޮޑަށް ގަޔާވަނީ އައުޓްޑޯ މީހުންނެވެ. މއީ އަބަދުވެސް ކޮންމެވެސް މަޖާ އަދި އެޑްވެންޗަރަސް ކަމަކަށް ބަލަބަލާ ތިބޭ ކަހަލަ މީހުންނާއި ގުޅޭނެ ވަހެކެވެ.

ޒުވާން ކުދިންނާއި ގުޅެނީ ފުރުޓީ ފޮނިވަސް!

މި ފަދަ ސެންޓުތައް ބޮޑަށް ކަމުދަނީ ޒުވާން ކުދިންނަށެވެ. ތަފާތު މޭވާތައް ކަމުގައިވާ ޕީޗް، މެލަން އަދި ރާސްބެރީ އާއި އާފަލު ފަދަ މޭވޭތަކުގެ ޓޯންސްތައް ހިމަނައިގެން ހަދާފައި ހުންނަ މި ބާވަތުގެ ސެންޓުތަކުގައި ހުންނަނީ ވަރަށް ފޮނިވަހެކެވެ. ބޮޑެތި މީހުން މި ފަދަ ސެންޓުޖަހާނަމަ އެއީ ބޮޑަށް ދުވާލުގެ ގަޑިއާއި ގުޅޭ ސެންޓަކަށްވާނެ އެވެ.

ފްރެޝް މޫދު ވަހެއް ހުންނަ ފިރިހެންވަންތަ ސެންޓް!

ބައެއް ފަހަރު ހީވާ ގޮތުން މާ ގަދަ ވަސް ދުވާ ސެންޓު ޖަހަނީ ފިރިހެނުންގެ ތެރެއިން ދުވަސްވީ މީހުނެވެ. ނަމަވެސް ފްރެޝް މޫދު ލޮނު ވަސް ހުންނަ ޒާތުގެ ސެންޓެއް ޖަހާނަމަ އޭގެ މާނައެކީ އެއީ ވަރަށް ސިމްޕަލް ނުވަތަ ސާދާ މީހެކެވެ. މި ސެންޓުތަކުގައި ހުންނަނީ މޫދު ލޮނު، ގޮނޑުދޮށުން ޖެހޭ ވައިގެ، ސީވީޑް އަދި ވެލީގެ ހިތްގައިމު ނޯޓު ތަކެކެވެ. މިއީ ކޮންމެ މީހަކަށްވެސް ގޮނގުދޮށާއި މޫދުގެ މަތިން ހަނދާންކޮށްދޭނެ ހިތްގައިމު ވަހެކެވެ.

ވުޑީ ސެންޓް ސޮލިޑް ނުވަތަ ހަރުދަނާ މީހުނަށް!

މިއީ ވަރަށް ސޮލިޑް ނުވަތަ ހަރުދަނާ މީހުން ގަޔާވާ ނުވަތަ ގުޅޭ ވަހެއް ހުންނަ ސެންޓެކެވެ. މި ފަދަ ސެންޓުގެ ޓޯންއެއްގެ ގޮތަށް ބޮޑަށް ހުންނަނީ ބޮޑަށް އާތީ، ނުވަތަ ގުދުރަތީ ވަސްތައް ކަމުގައިވާ ގަސްގަހުގެ ލިބޭ މީރުވަސްތަށް ދުވާ ތަކެތި ކަމުގައިވާ ކެލާ، ސެޑަރ، ޕައިން އަދި ރޯސްވުޑެވެ. ގިނަ ސެންޓުތަކުގެ ބޭސްއެއްގެ ގޮތުގައި ހުންނަނީ ވުޑީ އޮރިޖިންއެކެވެ. މިކަހަލަ ސެންޓު ބޮޑަށް ގުޅެނީ މީހުންނާއި އެމީހަކު ބޭނުމީ ކޮންކަމެއް ކަން ކަނޑައެޅިގެން އިނގި ކަންކަން ހާސިލްކުރާ ޓައިޕް މީހުންނާއެވެ. އަދި ވުޑީ ސެންޓު ހިޔާރުކުރަނީ ވަރަށް ފިރިހެންވަންތަ ފިރިހެނުން ކަމުގައިވެއެވެ.