ވިޔަފާރި

ކްރެޑިޓް ހިސްޓްރީ އަމިއްލައަށް ބަލައިލެވޭ ނިޒާމެއް ތައާރަފުކޮށްފި

ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ކްރެޑިޓް ހިސްޓްރީ އަމިއްލައަށް ބަލައިލެވޭ ނިޒާމެއް، މަރުކަޒީ ބޭންކުން މިއަދު ތައާރަފުކޮށްފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކްރެޑިޓް އިންފޮމޭޝަން ބިއުރޯ (ސީއައިބީ) ގެ މި ނިޒާމު ތައާރަފުކޮށްދެއްވީ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މުހައްމަދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އަދި ރާއްޖޭގެ ބޭންކްތައް ގުޅިގެން އަލަށް ތައާރަފު ކުރި މި ހިދުމަތާއެކު މާލީ ނިޒާމު ވަރުގަދަ ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށެވެ.

"މި ނިޒާމުގެ ސަބަބުން ކޮންމެ ފަރުދަކަށް ވެސް އައިޑީ ކާޑު ޖަހާލައިގެން ދަރަނީގެ ވަނަވަރު [ކްރެޑިޓް ހިސްޓްރީ] ބަލައިލެވޭނެ. މިހާރު ކުންފުނިތަކުގެ ދަރަނީގެ ވަނަވަރު ވެސް އަމިއްލައަށް ބަލައި ލެވޭނެ. ވެބްސައިޓަށް ވަދެ ފަސޭހަކަމާއެކު ބަލައިލެވޭނެ،" ނަސީރު ވިދާޅުވި އެވެ.

އަށް އަހަރު ކުރިން އެމްއެމްއޭގައި އުފެއްދި ކްރެޑިން އިންފޮމޭޝަން ބިއުރޯ އިން މީގެ ކުރިން ކްރެޑިޓް ހިސްޓްރީގެ މައުލޫމާތު ހޯދެނީ ހަމައެކަނި ބޭންކްތަކަށެވެ. ނަމަވެސް މި ރިޕޯޓު އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ހަމަޖެއްސި ނަމަވެސް ރިޕޯޓު ދޫކުރާނީ އެމްއެމްއޭއަށް ގޮސްގެންނެވެ.

ގަވަރުނަރު ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ ބޭންކްތަކުން 17،000 ފަރާތެއްގެ ކްރެޑިޓް ހިސްޓްރީ ބަަލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ ކުރިއަށް އޮތް ތަނުގައި ވީހާވެސް ގިނަ ފަރާތްތަކަށް ބަރާބަރަށް ދަރަނި އަދާކުރުމުގެ މުހިންމުކަން ދެކެގެނެވުން. މީގެ ސަބަބުން އެ މީހެއްގައި ހުރި ގާބިލްކަމާއި ނިޔަތް އަންގައި ދެވޭނެ. މުސްތަގުބަލުގައި އުންމީދު ކުރެވެނީ ކަރަންޓާއި ފެނާއި ޔޫޓިލިޓީ ކުންފުނިތަކުގެ މައުލޫމާތު ވެސް ލިބިގެން ދިއުން. އުންމީދަކީ ކުރިއަށް އޮތް ތަނުގައި ދަރަނީގެ ވަަނަވަރު ރިޕޯޓެއް ނަގާއިރު ފޯނު ބިލާއި ފެންބިލާއި ކްރެޑިޓް ކާޑުގެ މައުލޫމާތުތަކާ އަދި ލޯނެއް ނަގާފައިވާނަމަ، އެ ލޯނު އަދާކުރާ ގޮތް ރިޕޯޓުން ފެންނާނެ،" ނަސީރު ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ މީގެ ސަބަބުން ރަނގަޅު ވަނަވަރެއް އޮތް ފަރާތަކަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނެއް ދިނުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެމްއެމްއޭގެ މި ހިދުމަަތަކީ ރާއްޖޭގެ މާލީ ނިޒާމުގެ ތަރައްގީ އަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.

"މިއީ ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރަށް އިތުރު ކުރިއެރުން ލިބުނުކަމެއް. ރާއްޖޭގެ މާލީ ނިޒާމު މޮޑޮނައިޒް ކުރަން އެމްއެމްއޭ އިން ކުރާ މަސައްކަތް ފާހަގަ ކުރަން. މި ސިސްޓަމްގެ ސަބަބުން މިބައިވެސް ޑިމޮކްރްރެޓައިސް ވެގެން ދިޔަކަމަށް ގަބޫލުކުރަން. މިހާރު ބްރޯވާސްއަށް އަމިއްލައަށް ބަލައިލެވޭނެ އަމިއްލައަށް. މީގެ ކުރިން އެކަމެއް ނޭނގޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެމްއެމްއޭއިން ވަނީ މިއަދު ރަސްމިއްޔާތުގައި ކުރިއަށް އޮތް އަހަރުގެ މާލީ ކަލަންޑަރާއި މި އަހަރުގެ ތީމް ވެސް ތައާރަފުކޮށްފަ އެވެ. މި އަހަރުގެ ތީމްއަކީ "މާލީ ހިދުމަތް ހަމަހަމަކަމާއެކު އެންމެންނަށް" މި އެވެ.