އިލެކްޝަން ކޮމިޝަން، އީސީ މިހާރު ހިންގަނީ ވަރަށް އިންސާފުވެރިކޮށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މަޖިލިސް ކެނޑިޑޭޓުންގެ ފޯމްތައްް އީސީއަށް ހުށަހެޅުއްވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ، މަޖިލިސް ކެނޑިޑޭޓުންގެ ފޯމްތައް މިއަދު ހުށަހެޅިގެންދާކަމީ އެމްޑީޕީއަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.
"އިލެކްޝަން ކޮމިޝަން އިންސާފުވެރިކަމާއެކީ ގައި ހިންގަވަމުން ގެންދަވާކަމާއި އަދި އެކޮމިޝަންގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަސައްކަތް ގާތުން ބައްލަވަމުން ގެންދަވާކަމާއި އަދި މި ކޮމިޝަނުން ދެފުށް ފެންނަ އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ގަދަ އަޅާ މަސައްކަތް ކުރައްވާ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، ދެފުށް ފެންނަ އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އީސީއިން ކުރަމުންދާ މަސައްކަތުގައި އެމްޑީޕީގެ ހުރިހާ މެންބަރުން އެއްބާރުލުން ދެއްވާނެ ކަމަށާއި އުންމީދަކީ އެހެން ޕާޓީތަކުން ވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މަޖިލިސް އިންތިހާބުގައި ގާނޫނާ ގަވާއިދާ އެއްގޮތަށް ކެމްޕެއިން ކުރުމާއި ވޯޓްގެ އެންމެހާ ކަންކަން ގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެމްޑީޕީއިން މިއަދު ވަނީ އެޕާޓީން ވާދަކުރައްވާ 86 ދާއިރާގެ ކެނޑިޑޭޓުންގެ ފޯމްތައް ހުށަހަޅާފަ އެވެ. އެމްޑީޕީއިން 86 ދާއިރާއަށް ވާދަ ކުރައްވާ ފޯމްތައް އީސީއަށް ހުށަހަޅާފައިވަނީ ވަކި ވަކިންނެވެ. ފޯމްތަކާއި ހަވާލުވެފައިވަނީ އީސީގެ ނައިބް ރައީސް އަމްޖަދު މުސްތަފާ އެވެ. އެންމެ ފުރަތަމަ ފޯމް ހުށަހެޅުއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވާދަ ކުރައްވަން ނިންމާފައިވަނީ މައްޗަންގޮޅި މެދު ދާއިރާ އަށެވެ.
އެމްޑީޕީއިން 86 ދާއިރާގެ ކެނޑިޑޭޓުންގެ ފޯމް އީސީއަށް ހުށަހަޅާފާއިރު، އިއްޔެ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުން ވަނީ ބައެއް ދާއިރާތައް އަދާލަތު ޕާޓީއަށް ދޫކޮށްލުމަށް ނިންމާފަ އެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން އެއްބަސް ނުވުމުން ދާއިރާތައް ދޫކޮށްލާފައެއް ނުވެ އެވެ. އެމްޑީޕީ އިން ހަމައެކަނި ވާދަ ނުކުރަން ނިންމާފައިވަނީ ނިލަންދޫ ދާއިރާއަށެވެ.
އަންނަ ރައްޔިތުން މަޖިލިސް އިންތިހާބު އޮންނާނީ އޭޕްރިލް މަހުގެ ހަވަނަ ދުވަހު އެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންްގެ ފޯމްތައް މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ހުށަހެޅުމަށް އީސީން ވަނީ ހުޅުވާލާފަ އެވެ.