ހަބަރު

އެމްޕީއެލް އިން ދައްކަންޖެހޭ 42 މިލިއަން ރުފިޔާގެ ހުކުމް ހައިކޯޓުން ދަމަހައްޓައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ޓަގު ބޯޓެއް ބަނދެދިން ފައިސާ ނުދައްކާ އޮތް މުއްދަތަށް 42 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ސެންޓަ އެންޓަޕްރައިސަސްއަށް ދެއްކުމަށް އެމްޕީއެލްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި އެވެ.

އެމްޕީއެލްގެ ފަރާތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އިއްޔެ އެ ކޯޓުން ނިންމާފައިވަނީ، ސިވިލް ކޯޓުގެ ހުކުމަށް ހައިކޯޓުން ބަދަލު ގެންނަން ޖެހޭ ސަބަބެެއް ނެތް ކަމަށެވެ.

ސިވިލް ކޯޓުން 42 މިލިއަން ރުފިޔާ އެމްޕީއެލުން ސެންޓާއެންޓަޕްރައިސަސްއަށް ދައްކަން ހުކުމް ކުރީ، 2008 ވަނަ އަހަރު އެމްޕީއެލްއަށް ޓަގު ބޯޓެއް ބަނުމަށް ސެންޓަ އެންޓަޕްރައިސަސްއާ ހަވާލުކުރުމަށްފަހު އެ މަސައްކަތަށް ދައްކަން ޖެހޭ 13 މިލިއަން ރުފިޔާ ނުދައްކާ އޮތުމުން ހުށަހެޅި މައްސަލާގަ އެވެ. ކޯޓުން އެ އަދަދަށް ފައިސާ ދެއްކުމަށް ހުކުމްކުރީ ފައިސާ ތިން އަހަރުވީއިރު ވެސް ނުދައްކާތީ ޖޫރިމަނާތަކާއި އެހެނިހެން ފީތަކާއެކު އެ އަދަދު އަރާތީ އެވެ.