ހަބަރު

ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ބެލޭނެ ގޮތް ހަދައިފި

ސަރުކާރުގެ ކުންފުނިތަކާއި އާއްމުން ހިއްސާވާ ކުންފުނިތަކުގެ މާލީ ހިސާބުތަކާއި މާލީ ހާލަތު ފަސޭހަކަމާއެކު ދެނެގަނެވޭ ގޮތަށް އުފެއްދި "ވުނަވިޔަ ޕޯޓަލް" އާއި ރާއްޖޭގެ އެކައުންޓިން ދާއިރާގެ ފަންނުވެރިންގެ މައުލޫމާތު ހިމެނޭ "ވިޔަވެރި ޑައިރެކްޓްރީ" އޮޑިޓާ ޖެނެރަލްގެ އޮފީހުން އިފްތިތާހު ކޮށްފިއެވެ.

ރާއްޖޭގައި މުޅިން އަލަށް ތައާރަފު ކުރި ވުނަވިޔަ ޕޯޓަލް އާއި ވިޔަވެރި ޑައިރެކްޓްރީ އިފްތިތާހު ކޮށްފައިވަނީ މިއަދު ހެނދުނު އޮޑިޓާ ޖެނެރަލްގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. ވުނަވިޔަ ޕޯޓަލްއަކީ ސަރުކާރުގެ ކުންފުނިތަކާއި، އާއްމުން ހިއްސާވާ (ޕަބްލިކު ލިމިޓެޑް) ކުންފުނިތަކުގެ ވިޔަފާރީގެ ހިސާބުތައް ދައްކައިދޭ ޕޯޓަލް އެކެވެ. އަދި ވިޔަވެރި ޑައިރެކްޓަރީ އިފްތިތާހު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަހުމަދު ނާޝިދެވެ.

އެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ދެއްކެވި ވާހަކަގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ރައްޔިތުންނާ މުއާމަލާތު ކުރުމުގައި އޯޕަން ޕޮލިސީއެއް ގެންގުޅޭ ސަރުކާރެއް ކަމަށާއި، އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އިސްނެގުމުގެ ދަށުން އިފްތިތާހު ކުރި ޕޯޓަލް އާއި ޑައިރެކްޓްރީއަކީ ވަރަށް މުހިއްމު އިސްނެންގެވުމެއް ކަމަށް ވިދާޅުވެފަ އެވެ.

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު ދެއްކެވި ވާހަކަގައި ވިޔަވެރި ޑައިރެކްޓަރީ މެދުވެރިކޮށް ރާއްޖޭގެ އެކައުންޓިން ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަށް އެއްތަން ކުރުމަކީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އުންމީދު ކަމަށާއި، ރާއްޖޭގެ ކަންކޮޅުތަކުގައި އެކައުންޓިން ދާއިރާގައި އުޅޭ ހުރިހާ މީހުން ވެސް އެ ޑައިރެކްޓަރީގައި ރެޖިސްޓްރީވެ، ބައިވެރިވުމަށް ވަނީ ދައުވަތު ދެއްވާފަ އެވެ.