އިބްރާހިމް އަމީރު

ކުންފުނިތައް އިތުރު ކުރުމަކީ އަމާޒެއް ނޫން: އަމީރު

ސަރުކާރުގެ އަމާޒަކީ ކުންފުނިތައް ގިނަކޮށް، އަދަދު އިތުރު ކުރުން ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ދިވެހި އިގްތިސޯދަށް ފައިދާ ކުރަނިވި ކުންފުނި ތަކެއް ބިނާކުރުމުގެ މަގުސަދުގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓް ބޯޑުން މިއަދު ބޭއްވި ޖޮބް ކްލެސިފިކޭޝަން ފްރޭމްވޯކް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގަ އެވެ.

"ސަރުކާރުގެ އަމާޒަކީ ރަނގަޅު ހިދުމަތެއް ދޭ އުފެއްދުންތެރި އަދި ދެމެހެއްޓެނިވި އުސޫލުން ކުރިޔަށް ދާ ކުންފުނި ތަކެއް ގާއިމް ކުރުން. މި ބަދަލުތަކާއެކު ކުރިމަގުގައި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެގެންދާނީ އެންމެ ގާބިލް، ކަމަށް ފަރުވާތެރި، އުފެއްދުންތެރި، ނަތީޖާ ނެރޭ ބަޔަކަށް. އާޚިރު ނަތީޖާއަކަށް ވާނީ ރައްޔިތުންނަށް މިހާރަށް ވުރެވެސް ރަނގަޅު ހިދުމަތެއް ލިބި މަޝްރޫއު ތަކުގެ ދުވެލި ހަލުވި ވެގެން ދިޔުން،" އަމީރް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުންފުނިތަކަކީ ދައުލަތެއް ހިންގުމަށް ބޭނުންވާ އެންމެ މުހިއްމު އެއް ތަނބު ކަމަށެވެ. ދައުލަތެއްގެ ކުރިއެރުމަށް ކޮރަޕްޝަން ހުއްޓުވުމުގެ މުހިއްކަން ފާހަގަކުރައްވާ އަމީރް ވިދާޅުވީ މިއަދު އިފްތިތާހު ކުރި ފްރޭމްވޯކަކީ ކޮރަޕްޝަން ހުއްޓުވުމަށް މުހިއްމު ދައުރެއް އަދާކުރާނެ އެއްޗެއް ކަމަށެވެ.

ކުންފުނިތަކުން މިހާރު އަމަލުކުރަމުން އަންނަނީ އެ ކުންފުންޏެއްގެ އަމިއްލަ ޕްރޮކިއުމެންޓް ގައިޑްލައިން ތަކަށެވެ. އެހެންކަމުން ކޮންމެ ކުންފުންޏަކުން ވެސް އަމަލުކުރަމުން އަންނަ އުސޫލުތައް ވަރަށް ބޮޑަށް ތަފާތެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ކޮރަޕްޝަނަށް ވަރަށް ބޮޑަށް މަގުފަހިވާ ކަމަށްވެސް ވިދާޅުވި އެވެ.

އަމީރް އިތުރަށް ވިދާޅުވީ މި ފްރޭމްވޯކާއެކު އެންމެ ކުޑަ މިންވަރަށް އަމަލު ކުރަންޖެހޭ ޕްރޮކިއުމެންޓް އުސޫލު ވެސް ގާއިމްކުރާނެ ކަމަށާ މި ފްރޭމްވޯކް ތަންފީޒުކުރުމާއެކު ކުންފުނިތަކުގެ ކުރިއެރުމަށް އިންގިލާބި ބަދަލެއް އަންނާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އިފްތިތާހު ކުރި ޖޮބް ކްލެސިފިކޭޝަން ފްރޭމްވޯކުގައި ކުންފުނިތަކުގެ މުވައްޒަފުންގެ މަގާމުތަކުގެ އޮނިގަނޑެއް ހިމަނާފައިވެ އެވެ. އެގޮތުން މި ފްރޭމްވޯކް ހެދުމުގެ މައިގަނޑު މަގުސަދަކީ ކުންފުނި ތަކުން މުވައްޒަފުން ނެގުމާއި ވަޒިފާގެ ކުރިއެރުން ދިނުމުގައި ކުންފުނީގެ އުސޫލުތައް އެއް މިންގަނޑެއްގައި ކުރިއަށް ގެންދިއުމެވެ. އަދި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ކަމަށް އެންމެ އެކަށޭނަ ގާބިލު ހަރުދަނާ އަދި ތަޖުރިބާ ލިބިފައިވާ މުވައްޒަފުންތަކެއް ކަމުގައި ހެދުމެވެ.

ރާއްޖޭގައި ސަރުކާރު ހިއްސާވާ 30 އަށް ވުރެ ގިނަ ކުންފުނި އެބައޮތެވެ. އަދި މި ސަރުކާރު އައި ފަހުން ހަ ކުންފުންޏެއް އަލަށް އުފައްދާފައިވެ އެވެ.