ހަބަރު

ހިތާމަވެރި ހާދިސާތަކުގައި ރިސޯޓުތަކުގެ އިހުމާލެއް ނެތް: މިނިސްޓަރު

މި ފަހުން އެކި ހާދިސާތައް ދިމާވެ ޓޫރިސްޓުން މަރުވުމާއި އަލިފާނުގެ ހާދިސާތަކާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ހިންގި އިންސްޕެކްޓުން އެއްވެސް ފަރާތަކުން އިހުމާލުވެފައިވާ ކަމަށް ފާހަގަ ކުރެވިފައިނުވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ޖެނުއަރީ މަހު ހިތާމަވެރި ހާދިސާތައް ހިނގި ތަންތައް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ.

"މިހާތަނަށް ބެލި ބެލުމުން އަޅުގަނޑުމެންގެ އުސޫލުތަކުގެ ތެރެއިން އިހުމާލުވެފަ މީގެން އެއްވެސް ދިމާލެއްގައި އޮތް ކަމަކަށް މިނިސްޓްރީއަކަށް ފެންނާކަށް ނެތް، އަޅުގަނޑުމެން ދެން އިންތިޒާރު ކުރަމުން މިދަނީ ފުލުހުން ތަހްގީގީ ރިޕޯޓަށް، އޭގައި އިހުމާލެއްވެފައިވާ ފަރާތެއްވާނަމަ ފިޔަވަޅު އަޅާނަން، އެއީ ޕެރަޑައިޒް ވިޔަސް އެހެންތަނެއްވިޔަސް އަޅުގަނޑުމެން ތަފާތު ކުރުމެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ގާނޫނާ ގަވާއިދުގެ ތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައް އެފަރާތްތަކަށް އަޅާނެ ކަމަށެވެ. ވަކި ޕާޓީއަކަށް ނިސްބަތްވާ ނުވަތަ ވަކި ބޭފުޅަކަށް ނިސްބަތްވާ ތަނަކަށްވީ ނަމަވެސް ފިޔަވަޅު އަޅަންޖެހޭ ހާލަތެއްގައި އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ގެނބިގެން ވަރަށް ގިނަ ފަތުރުވެރިން މަރުވެފަ އެވެ. އަދި އަލިފާނުގެ ގިނަ ހާދިސާތަކެއް ހިނގާފަ އެވެ.