ދިވެހި ސިނަމާ

40ޕްލަސް ރިލީޒް ކުރުން ފަސްކޮށްފި

ފިލްމު 40ޕްލަސް ރިލީޒް ކުރުން އަންނަ މަހަށް ފަސްކޮށްފި އެވެ.

މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ޕްރިމިއާ ކުރަން ހަމަޖެހިފައިވާ ފިލްމު 40ޕްލަސް އަންނަ މަހު ފަހަކަށް ފަސްކޮށްފައި ވާކަމަށް ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގް ޔަގީން ކޮށްދިނެވެ. ޝަފީގް ބުނި ގޮތުގައި ފިލްމު އަޅުވާ ތާރީހު ފަސްކުރަން ޖެހުނީ ނެޝަނަލް ސެންޓަ ފޮ އާޓްސް (އެންސީއޭ) ގެ އިވެންޓަކަށް އޮލިމްޕަސް މި މަހުގެ 27 އާއި 28 އަށް ބޭނުންވެގެން އެފަރާތުން އެދުމުން ކަމަށެވެ.

"އެންސީއޭ އިން ރިކުއެސްޓު ކުރީމަ ލަސް ކުރަން ޖެހުނީ. ދެން މާޗް މަހުގެ އެކަކަށް އޮލިމްޕަސް ލިބެނީ. އެކަކަކީ ހުކުރު ދުވަހަކަށް ވީމަ ހަފްތާތެރެއަށް ބަދަލު ކުރަން ފިލްމުގެ ޓީމުން ނިންމީ،" ޝަފީގް ބުންޏެވެ.

ނޯޓީ ފޯޓީގެ ސީކުއެލް، 40 ޕްލަސްއަކީ ބެލުންތެރިން ހެއްވާލާނެ ފިލްމަކަށް ވާނެ ކަމަށް އެ ފިލްމްގެ ޕްރޮޑަކްޝަން ޓީމުން ޔަގީންކަންދެ އެވެ. މިއީ އިސްމާއިލް ޝަފީގު ޕްރޮޑިއުސްކޮށް، ފިލްމީ ތަރި ޔޫސުފް ޝަފީއު ޑައިރެކްޓުކުރާ ފިލްމެކެވެ.

އެ ފިލްމުގެ މައިގަނޑު ތަރިންނަކީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު އީސާ، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. އަދި ދެވަންސޫރައިން ފިލްމީ ދާއިރާއަށް ތައާރަފުވި، ޝިފާ، އާނަންދު އަދި މަރިޔަމް ޝަކީލާ އާއި މުޅިން އަލަށް ތައާރަފުވާ ތަރި ބަތަލާ އިރްފާނާ އިބްރާހީމްވެސް ހިމެނެއެވެ.