ހަބަރު

ޓޫރިސްޓުން ބަހައްޓާ ތަންތަން އިންސްޕެކްޓް ކުރަން މާދަމާ ފަށަނީ

ރާއްޖޭގައި ޓޫރިސްޓުން ބަހައްޓާ ހުރިހާ ތަނެއް، މިނިސްޓްރީގެ ފަރާތުން އިންސްޕެކްޓް ކުރަން މާދަމާ ފަށާނެ ކަމަށާއި އެ މަސައްކަތް ހަތް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، މާދަމާއިން ފެށިގެން ފަތުރުވެރިކަމުގެ ސިނާއަތުގެ ތަންތަނުގެ ސަލާމަތައި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިސްޕްކްޓް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"އެގޮތުން އަޅުގަނޑުމެން ސަލާމަތީ ކަންތައްތަކަށް އިތުރަށް ރަނގަޅަށް އެޓެންޑް ކުރުމަށްޓަކައި މަޓީއާ ސިފައިންނާއި ފުލުހުން މިނިސްޓްރީ ހިމެނޭ ގޮތަށް ވޯކިން ގްރޫޕެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ނިންމާފަ، މާދަމާ އިން ފެށިގެން ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް މި ހަތްމަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީސްތަކެއް އިންސްޕެކްޓްކޮށް ނިންމާލެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މި އިންސްޕެކްޓްގެ ތެރެއިން ބަލާނެ ކަންކަމަކީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި މުއައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ކަމަށެވެ. މި އިންސްޕެކްޓްގެ މަގްސަދަކީ ރާއްޖޭގެ ޓޫރިޒަމް ތަންތަނުގެ ހާލަތުތައް ދެނެގަނެ، ރަނގަޅު ފިޔަވަޅުތަކެއް އެޅިގެންދިއުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ އެއްވެސް ހާލަތެއްގައި އެއްވެސް މީހަކު ފަލީހަތް ކުރާކަށް، ނުވަތަ ނުރަނގަޅު ގޮތަކަށް ދެކޭކަށް ކުރާ ކަމެއް ނޫން، ސަރުކާރުގެ އަމާޒެއް މިކަންކަމަށް އެޓެންޑްވެސް އިސްލާހުކުރުން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މީގެ ކުރިންވެސް އިންސްޕެކްޓްތައް ހެދިފައި އެބަހުރި ކަމަށާއި ނަމަވެސް ޕޮލިސީ ލެވެލްގައި އެކަންކަން ތަންފީޒު ކުރުމުގައި ލޫޕްހޯލްސްތަކެއް ހުރި ކަމަށެވެ. ނަމަވެސް އެކަންކަން މިފަހަރު ރަނގަޅަށް ތަންފީޒު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ހިތާމަވެރި އެތައް ހާދިސާތަކެއް އަންނަނީ ހިނގަމުންނެވެ. އެގޮތުން ގެނބިގެން ޓޫރިސްޓުން މަރުވުމާއި އަލިފާނުގެ އެކި ހާދިސާތައް ވަނީ ހިނގާފަ އެވެ.