އުރީދޫގެ ފަރާތުން ސަރުކާރަށް ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމެއް ހަދިޔާކުރަން ނިންމައިފި އެވެ.
އުރީދޫގެ ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ އުގަންނައިދިނުމުގެ ޕްލެޓްފޯމްކަމަށްވާ ސްމާޓް ކެމްޕަސް މެދުވެރިކޮށް، ބަންދުގެ މުއްދަތު ފުރިހަމަކުރުމަށްފަހު އަލުން މުޖުތަމައަށް ނިކުންނަ ފަރާތްތައް ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމަށް ހާއްސަ ކްލާސްތަކެއް ހިންގުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.
އުރީދޫ އިން ބުނީ، ރާއްޖޭގެ ޔުނިވާސިޓީތަކާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޢެ ޕްރޮގްރާމްތަކުގެ މަގްސަދަކީ މުޖުތަމައަށް އަލުން ނިކުންނަ ފަރާތްތަކުގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ފަހި ފުރުސަތުތަކެއް ފޯރުކޮށްދިނުން ކަމަށެވެ.
އެކަން އިއުލާން ކުރެއްވީ، މިއަދު ހެނދުނު އުރީދޫގެ ހެޑްކުއާޓަރުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކުންފުނީގެ ސީއީއޯ ނަޖީބް ހާން އެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލް ބައިވެރިވެވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި ނަޖީބް ހާން ވިދާޅުވީ، ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް އެންމެ ބޭނުންވެފައިވާ ފަރާތްތަކަށް މީގެ ކުރިން ލިބިފައިނުވާ ފަދަ އީޖާދީ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ. މި ތައުލީމީ ޕްރޮގްރާމްތަކުގެ ސަބަބުން އަލުން މުޖުތަމައަށް ނިކުންނަ ޒުވާނުންނާއި އުމުރުން ދުވަސްވީ ފަރާތްތަކުގެ ދިރިއުޅުން އަލުން ބިނާކުރުމަށް އެހީތެރިކަމެއް ލިބޭނެ ކަމަށެވެ.
"ސްމާޓް ކެމްޕަސް އަކީ އޮންލައިންކޮށް ތައުލީމް ހާސިލްކުރުމަށް ނުހަނު ބޭނުންތެރި ވަސީލަތަކަށް ވީ ހިނދު، ހިލޭ މި ހިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ނަޖީބް ހާން ވިދާޅުވި އެވެ.
ސްމާޓް ކެމްޕަސް އަކީ، އެންމެ ކުރިއަރާފައިވާ ވަސީލަތްތައް ބޭނުންކޮށްގެން، މައިކްރޮސޮފްޓް އިން އެޑިއުކޭޝަން ފޯރުކޮށްދޭ ކްލައުޑް ޕްލެޓްފޯމް މެދުވެރިކޮށް ހިންގޭ ތައުލީމީ ސޮލިއުޝަންއެކެވެ. ސްމާޓް ކެމްޕަސްގެ ހިދުމަތް ބޭނުންކުރާ ދަރިވަރުންނާއި ޓީޗަރުން ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް އުރީދޫގެ ފޯޖީ ނެޓްވާކް މެދުވެރިކޮށް އޮންލައިން އިންޓައެކްޓިވް ކްލާހެއްގައި ވަގުތުން ބައިވެރިވެވޭނެ އެވެ.