ރާއްޖެ ތަރައްގީ ކުރުމުގެ ފުރުސަތު ދިވެހި ހުރިހާ ރައްޔިތުންނަށް އެއް ހަމައަކުން ލިބިގެންވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އޫރީދޫ ސްމާޓް ކެމްޕަސް ޑިޖިޓަލް ކްލާސްރޫމް މާފުށި ޖަލުގައި ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ފައިސަލްް ނަސީމް ވިދާޅުވީ، ރައްޔިތުންގެ ތެރެއިން އެއްވެސް ބަޔަކު ގައުމު ގައުމު ތަރައްގީ ކުރުމުގެ މަސައްކަތުގައި ބާކީ ވެފައި ތިބެން ނުޖެހޭނެ ކަމަށެވެ. އެހެން ރައްޔިތުންނެކޭ އެއްފަދައިން އެކި ކުށްތަކުގައި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށްވެސް ގައުމު ތަރައްގީ ކުރުމުގެ ފުރުސަތުދޭން ޖެހޭ ކަމަށެވެ.
"ސަރުކާރުގެ ސިޔާސަތު އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބަޔަކު ބާކީ ވެގެން ގޮސްގެން ނުވާނެ ގައުުމު ތަރައްގީ ކުރުމުގެ ފުރުސަތު ދިވެހި އެންމެހާ ރައްޔިތުންނަށް އޮންނަން ޖެހޭ" ނައިބު ރައީސް ވިދާޅުވި އެވެ.
އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ގަބޫލުކުރާ ގޮތުގައި މީހަކަށް ކުށެއް ކުރެވުނު ކަމުގައިވިޔަސް އެކުށް މަތީގައި ތާއަބަދު ދެމިހުންނަން ނުޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ޖަލުތަކަކީ މީހުނަށް އަދަބު ދިނުމަށް ބޭނުންކުރާ ތަނެއްގެ ގޮތުގައި ރައްޔިތުން ސިފަ ކުރަން ބޭނުންނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވި، ދިގު މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ގައިދީ ޖަލުގައި ހޭދަކުރާ ދުވަސްތަކަކީ މުޖްތަމައަށް އަބުރާ ނުކުތުމަށް ބޭނުންކުރެވިދާނެ ފުރުސަތެއްގެ ގޮތުގައި ހަދަން ޖެހޭ ކަމަށެވެ. އަދި ގައިދީ ޖަލުގައި ހޭދަކުރާ ދުވަސްތަކަކީ މުޖްތަމައަށް ބޭނުންވާ ހުނަރާއި މަސައްކަތް ދަސްކުރަން ބޭނުންކުރާ ދުވަސްތަކަކަށް ހަދައި އާއިލާއެކު ވީއެންމެ އަވަހަކަށް ދިރިއުޅެވޭނެ ގޮތް ހަދައިދޭން ޖެހޭ ކަމަށެވެ. އަދި އެއީ ސަރުކާރުގެ ސިޔާސަތު ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.
"ގައިދީންގެ ގޮތުގައި ޖަލުގައި ދުވަސްތަށް ގުނަމުންދާ ފަރާތްތަށް އަޅުގަނޑުމެން ބޭނުންވަނީ، ދިވެހި ސަރުކާރުން ބޭނުންވަނީ ހުނަރުތަކެއް ދަސްވެ ފިލާވަޅުތެކެއް ދަސްވެ މަސައްކަތްތަކެއް ދަސްވެ މުޖްތަމައަށް އަވަހަށް ނުކުމެވި މަސައްކަތްތަކެއް ކުރެވި އާއިލާތަކާއެކު ދިރިއުޅުމުގެ ފުރުސަތު ލިބިގެން ދިޔުން" ނައިބު ރައީސް ވިދާޅުވި އެވެ.
ވާހަކަފުޅު ނިއްމާލުމުން ނައިބު ރައީސް ވިދާޅުވީ، ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަކީ ވެސް އަޅުގަނޑުމެންގެ އަހުން ކަމަށެވެ.