ލައިފްސްޓައިލް

ހަފުތާބަންދުގެ ދަތުރު ޓިޕްސްތައް!

ހަފުތާ ބަންދަށް އެއް ދުވަސް އިތުރުވުމަކީ އެންމެނަށް ވެސް އުފާވެރިކަން ގެނެސްދޭ ކަމަކެވެ. މަސައްކަތުގައި ބުރަކޮށް އުޅުމަށްފަހު އާއިލާ އާއި ކުދިންނާއެކު ވަގުތު ހޭދަކޮށްލާ ރަނގަޅަށް ޗާޖް ކޮށްލަން ލިބޭ ފުރުސަތަކަށްވާތީ އެވެ. ހަފުތާ ބަންދަކީ ހަފުތާގެ ސްޓްރެސްތައް ފިލުވާލަން ވެސް ލިބޭ ފުރުސަތަކަށްވެ އެވެ. މިފަދަ ބަންދެއްގައި ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭ އެހެން ރަށަކަށް ދަތުރުކުރާ ނަމަ ވިސްނަންވީ ބައެއް ކުދި ކުދި ކަންކަން ވެސް ހުންނާނެ އެވެ.

ޕެކް ކުރުން!

އޯވަނައިޓަކަށް ތަނަކަށް ދާއިރު ކޮންމެވެސް ވަރަކަށް އެއްޗެހި ގެންދިއުމަށް ހެޔޮވަރު ދަބަހެއްގައި ޕެކް ކުރަން ޖެހެއެވެ. ގިނަ ފަހަރަށް އެކަން އޮންނަނީ އެންމެ ފަހަށް ބޭއްވިފަ އެވެ. އަދި ދަތުރު ދިއުމުގެ ކުރިން ކޮންމެހެން ވެސް ކުރަންޖެހޭ ކަމަކަށްވާތީވެ ޕެކް ކުރަން ބައެއް ފަހަރަށް ހޭލާ ހުންނަންޖެހެ އެވެ. މި ގޮތްވުމުން ވަރުބަލިވުމާއި ގެންދަންޖެހޭ އެއްޗެހި ހަނދާންނެތޭ ފަހަރު ވެސް ވަރަށް ގިނައިން އާދެ އެވެ. އަދި ގަންނަންޖެހޭ ހަދިޔާ ނުގަނެ ހުރިނަމަ ވެސް ޕެކް ކުރުން ލަސް ވެއެވެ. ޕެކް ކުރުމުގައި މާ ގިނަ އެއްޗެހި ގެންދިއުމުގެ ބަދަލުގައި ކޮންމެހެން ބޭނުން އެއްޗެހި ގެންދިއުމުން ފަސޭހަ ވެއެވެ.

ހަމަ ނިދި ހޯދުން

ވީކެންޑުގައި ތަނަކަށް ދާ ނަމަ އެ ތަނެއްގައި ލިބޭ ކުޑަ ވަގުތުކޮޅުގެ ފުރިހަމަ ބޭނުން ހިފަން އެންމެން ވެސް ބޭނުންވާނެ އެވެ. އެހެންކަމުން ދަތުރުގެ ކުރީ ރަނގަޅަށް ނިދާލާ އާރާމު ހޯދުމަކީ މުހިއްމު ކަމެކެވެ. ރަނގަޅަށް ނުނިދިއްޖެނަމަ ދަތުރުގެ ފެށުން ވެސް އޮންނާނީ ވަރަށް ވައިކޮށެވެ. މީހާ ވެސް ހުންނަނީ ވަރުބަލިވެ މޫޑް ސަކަރާތް ކޮށެވެ.

ފަޔަށް ފަސޭހަ ބޫޓަކަށް އެރުން

ދަތުރު ދާ އިރު ހުންނަންވާނީ އެންމެ ފަޔަށް ފަސޭހަ ބޫޓުގަ އެވެ. އެއީ ޝެޑިއުލް ފްލައިޓްތަކަށް ވެސް ލަސްވުމުގެ ހާލަތެއް މެދުވެރިވެ ގިނައިރު އެއާޕޯޓްގައި މަޑުކުރަންޖެހިދާނެ އެވެ. އެހެން ކަމުން ވީހާވެސް ފަސޭހަ ފައިވާނަށް ނޫނީ ބޫޓަށް އެރުމަކީ ބުއްދިވެރި ކަމެވެ.

ކޮންޓެކްޓް ލެންސްގެ ބަދަލުގައި އައިނު

ދަތުރުމަތީގައި ކޮންޓެކްޓް ލެންސްގެ ބަދަލުގައި އައިނު އިހްތިޔާރު ކުރުން ރަނގަޅެވެ. އޭރަށް ދަތުރުކުރާނަމަ ކޮންޓެކްޓް ލެންސްގެ ލެއްވުމުން ލޮލާއި ގައިގެ ހަންގަނޑު ޑްރައިވުމުގެ ސަބަބުންވާ އުނދަގޫތަކުން ސަލަމާތްކޮށް ދެއެވެ. ދަތުރުމަތީގައި އަބަދުވެސް އައިނު އަތް ދަބަހުގައި ގެންގުޅެންވީ މިހެންވެއެވެ.

ކެފެއިން މަދުކުރުން

ދަތުރުކުރާއިރު ކެފެއިންއަށް ވުރެ ބޮޑަށް ހަށިގަނޑަށް ރަނގަޅީ ފެން ބޮއެގެން ހައިޑްރޭޓް ކުރުމެވެ. މިގޮތުން މާ ކެފެއިން ގިނަ ބުއިންތަކަށް ބަރޯސާވުމުގެ ސަބަބުން ދަތުރުގައި ނިދުމުގެ މައްސަލަ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ކެމެރާ އަދި ޗާޖަރު

ހަފުތާ ބަންދު ހޭދަކުރި ގޮތާއި އާ މަހައުލުގެ ހަނދާންތައް ރައްކާ ކުރުމަށް ކެމެރާ މުހިއްމެވެ. އަދި މޮބައިލް ފޯނުން ފޮޓޯ ނަގާނަމަ ފޯނާއި ކެމެރާގެ ޗާޖަރު މިއީ ކޮންމެވެސް ދަބަހަށްލާން ހަނދާންކުރަންޖެހޭ އެއްޗެކެވެ.

ދުރާލާ ޕްލޭންކޮށްފިނަމަ ހަފްތާ ބަންދަކަށް ކޮންމެވެސް ރަށަކަށް ޖައްސާލުމަކީ އުނދަގޫކަމެއް ނޫނެވެ. އަދި ދަތުރު ކުރުމުގައި ވެސް ވީހާވެސް ލުއި ފަސޭހަގޮތްތަކެއް ހިޔާރުކޮށްފިނަމަ ހަފުތާ ބަންދު އެންމެ އެދެވޭ ގޮތުގައި އާއިލާ އަދި ރައްޓެހިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރެވިދާނެ އެވެ.