އަންނަ އަހަރު އިންކަމް ޓެކްސް ނަގަން ފަށޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
ރައީސް ސޯލިހުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ މީގެ އަހަރުތަކެއް ކުރިއާ އަޅާބަލާއިރު ރާއްޖޭގެ އިގުތިސޯދީ ދުވެލި އެތައް ގުނައަކުން ހަލުވިވެފައި ވަނީ ޓެކްސް ނިޒާމް ތައާރަފުކުރުމުން ކަމަށެވެ. މުޅި ގައުމުގެ އިގުތިސޯދީ ނަފާއިން ދައުލަތަށް ލިބޭ މިންވަރު މިހާރަށްވުރެ އިތުރު ކުތރުމަކީ ޖަޒީރާވަންތަ އިގުތިސޯދެއް ކުރިލައި ހެދުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
"ޓެކްސްގެ ނިޒާމު މިހާރަށްވުރެ ފުރިހަމަ ކުރުމުގެ ގޮތުން އަޅުގަނޑު ގަސްދުކުރަނީ އާމްދަނީ ލިބޭ ނިސްބަތަށް ބިނާކޮށް އިންކަމް ޓެކްސް ނެގުމާ ބެހޭ ބިލެއް، މި އަހަރުގެ ތެރޭގައި މި އިއްޒަތްތެރި މަޖިލީހަށް ހުށަހަޅަން، އެ ބިލް ފާސްވުމުން އަންނަ އަހަރުގެ ތެރޭފައި އިންކަމް ޓެކްސް ނަގަން ފެށޭނެ، އޭރުން އަޅުގަނޑުމެން މި އެދޭ ޖަޒީރާވަންތަ ތަރައްގީގެ ހިތްފަސޭހަކަން ލިބެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ގައުމަށް ލިބޭ ހަގީގީ ތަރައްގީއަކީ ރައްޔޔިތުންގެ އަތްމަތި ތަނަވަސްވުން ކަމަށާއި ރައްޔިތުންނަށް ލިބޭ އުޖޫރައަކީ އެ ރައްޔިތަކަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭ މިންވަރުކަން މި ސަރުކާރުން ކަށަވަރު ކުރާނެ ކަމަށެވެ.
އެހެންކަމުން، ވަޒީފާ އަދާ ކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމަށްޓަކައި ކަމާ ގުޅުންހުރި ފަރާޓްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ޑިޖިޓަލް ކޮމިއުނިކޭޝަންގެ ޒަރީއާއިން މުޅި ދުނިޔެ ގުޅިފައިވާއިރު އެ ޓެކްނޮލޮޖީގެ މަންފާ ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެ ގޮތަށް ޑިޖިޓަލް ކޮމިއުނިކޭޝަންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިކަމުގެ ސަބަބުން ހައި ސްޕީޑް އިންޓަބެޓްގެ ހިދުމަތް ވީހާވެސް ގިނަ ރަށްރަށަށް ފޯރުކޮށްދީ، ޑިޖިޓަލް ހިދުމަތުގެ ފަރަގު މިހާރަށްވުރެ ވެސް ކުޑަވަގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ރައްޔިތުން އުއްމީދު ކުރާ ހަލުވި މިނުގައި ހިދުމަތް ދެވޭނެ ކަމަށެވެ.