ލައިފްސްޓައިލް

ހަޔާތުގައި އުފާ ހޯދަނީ ކިހިނެއް؟

ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް ތަފާތު އެކި އެކި ގޮންޖުންތަކައި ކުރިމަތިލާން ޖެހެއެވެ. އަދި އެކި އެކި ހިތްދަތި ތަޖުރިބާތަށް ވެސް ކުރަންޖެހެ އެވެ. ހަޔާތުގައި ދިމާވާ މިފަދަ ބޮޑެތި ކަންކަމުން އަރައިގަނެ އުފާވެރި ދިރިއުޅުމެއްގެ އުއްމީދަކީ ހަޔާތާއިގެން ކުރިއަށްދާން ލިބޭ ހިއްވަރެކެވެ.

އެކި މީހުން އުފާވަނީ އެކި ސަބަބުތަކާއި ހުރެއެވެ. އެކި ކަންކަމުންނެވެ. އެއްމެންނަށްވެސް އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ އެވެ. އަދި އެމީހަކު ދިރިއުޅުމަށް އުފާވެރިކަން ގެނައުމަށް މަސައްކަތް ކުރަނީ އެމީހެކެވެ. އުފާވާން މާ ބޮޑު މަސައްކަތެއް ކުރާކަށް ވެސް ނުޖެހެއެވެ. ކުދި ކަންކަން ކަމުން ވެސް އުފާ ހޯދިދާނެ އެވެ.

އުފާވެރި ހަޔާތެއް ބޭނުންނަމަ ޝުކުރުވެރިވުން

އާއްމު ދިރިއުޅުމުގައި ދިމާވާ ކުދިކުދި ކަންކަމަށް ވެސް ޝުކުރުވެރިވާންޖެހެ އެވެ. ކެފޭއަކަށް ގޮސް ކޮފީއެއް ބޯލާ ފައިސާ ދައްކާލާފަ ދިއުމުގެ ކުރިން ވެއިޓަރު ދިން ހިދުމަތަށް ޝުކުރުވެރިވާން ޖެހެއެވެ. ގިނަ އިރުތަކެއް ވަންދެން އަވީގައި އަތް ނަގައިގެން ލިބުނު ޓެކްސީގައި ސަލާމަތުން ގެއަށް ގެނެސްގޮސް ދިނީތީ ޝުކުރު އަދާކުރަންވީ އެވެ. އޯޑަރު ކުރުމުން ގެއަށް ކާ އެއްޗެހި ގެނެސްދޭ މީހާއަށް ވެސް ޝުކުރު އަދާ ކުރާށެވެ. ގެއަށް ވަންނަ ލިފްޓްގެ ހޯލްޑް ބަޓަން އަށް ފިއްތާލައިގެން ލިފްޓް މަޑުކޮށްދިން މީހާއަށް ވެސް ޝުކުރު އަދާ ކުރާށެވެ. މީގެ އިތުރުން ވެސް، ބުރަ މަސައްކަތެއް ކޮށްގެން ލިބޭ ފޮނި ނަތީޖާއެއް ހާސިލްކުރެވިއްޖެ ނަމަ އެހީތެރިވި އެންމެންނަށް ވެސް ޝުކުރު އަދާކުރާށެވެ. ހަޔާތުގައި ޝުކުރުވެރިވާ ނަމަ ކޮންމެ ކަމަކުންވެސް ލިބޭ އުފާވެރިކަން ބޮޑުވާނެ އެވެ.

ކަންކަމާމެދެ ވިސްނަންވީ ޕޮޒިޓިވްކޮށް

މުސްތަގުބަލުގައި ވާނެ ގޮތް އެއީ އެއްވެސް މީހަކަށް އެނގޭ ކަމެއް ނޫނެވެ. ދިރިއުޅުމާމެދު ނާއުއްމީދު ވުމުގެ ބަދަލުގައި ކަންކަމާމެދު ވިސްނަންވީ އަބަދުވެސް ޕޮޒިޓިވްކޮށެވެ. ދިރިއުޅުމުގައި ކަމަކުން ފެއިލްވެއްޖެނަމަ ނުވަތަ ކުރަން ކަނޑައެޅި ކަމަކުން، ނުވަތަ މުބާރަތަކުން ބަލިވެއްޖެނަމަ އަދި ކުރިއަށް ފުރުސަތު އެބައޮތް ކަމަށް ވިސްނާށެވެ.

ކަންކަމާމެދު މާބޮޑަށް ވިސްނުމާއި އެހެން މީހުންނާއި އަޅާކިއުމާއި ތިމާއަށް ދެރަކޮށް ކަމެއްވެއްޖި ނަމަ ވިސްނާ އަމިއްލަ ނަފްސާއި މެދު ހަމްދަރުދީވެ، އަދި އެހެން މީހުންގެ ހަޔާތާއި އަޅާކިއުމުގެ އާދަ ދޫކޮށްލާށެވެ. އެހެން މީހުންގެ ދިރިއުޅުމުގައި ވެސް ތިމާއަށް ނޭނގޭ، އަދި ވަރަށް ދަތި ހާލެއްގައި އުޅުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އެހެން މީހުނަށް އެހީތެރިވުން

އަބަދުވެސް ތިމާއަށް ފައިދާއެއްވާ ކަމެއް ކުރުމުގެ ބަދަލުގައި އެހެންމީހަކަށް އެއްވެސް ބަދަލަކާ ނުލައި ވީވަރަކުން އެހީވާށެވެ. މާލީ ގޮތުން ދަތި ރަހުމަތްތެރިއަކަށް ބިލެއްގެ ފައިސާ ދައްކައިދިނުން ނުވަތަ ކިޔަވާ ކުއްޖަކަށް އެއްޗެއް ހޯދައިވެސް ދެވިދާނެއެވެ. މިފަދަ ކަންކަން ކުރުމަކީ ހީވެސް ނުކުރާ ވަރަށް މީހާއަށް އުފާވެރިކަން ގެނެސްދޭނެ ކަންކަމެވެ.

ގުޅުންތައް ބަދަހި ކުރުން

ދުވާލެއްގެ ގިނަ ވަގުތު އޮފީހުގައި ހޭދަ ކުރާނަމަ އޮފީހުގެ އެހެން މީހުންނާ ގުޅުން ބަދަހި ކުރާށެވެ. ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ ކުރާ މަސައްކުގެ ހަލުވިމިނުގައި އިތުރު ނަތީޖާއާއި ހަމައަށް ވާސިލުވުމަށް ފަސޭހަވެއެވެ. ގޭގައިވެސް އެއްމެންނާއި ވީހާވެސް ބޮޑަށް ގުޅިގެން އުޅޭށެވެ. ރަހުމަތްތެރިން ހޯދާ ގުޅުންބަދަހި ކުރުމަކީ މީހާއަށް އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. އަދި ކުޑައިރުއްސުރެ އެއް ރަހުމަތްތެރިންތަކެއް ތިބޭނަމަ ހަޔާތުގެ ގިނަ ކަންކަމީ އެމީހުންނާއި ހިއްސާކޮށްފައިވާ ކަންކަމުގައިވާނެ އެވެ. އެހެންކަމުން އެގުޅުންތައް އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރާށެވެ.

މާފު ކުރުން

އެކްސް އެއް އަދި އެހެން މީހެއްވިޔަސް ތިމާއަށް ދެރަގޮތެއް ހަދައިފައިވާނަމަ އެކަމުގައި ރުޅިވެރިކަން ބާއްވައި ހިތްބަރު ކޮށްގެން އުޅުމަކީ މީހާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ވެސް އަސަރުކުރާ ކަމެކެވެ. އުފާވާން ބޭނުންނަމަ ވީހާވެސް ގިނައިން މާފު ކުރާށެވެ. އަދި ދެވަނަ ފަހަރަށް ތިމާއާދޭތެރޭ ދެރަގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު އެމީހުންނަށް ނުދޭށެވެ.

ކުދިކުދި ކަންކަމުން އުފާ ހާސިލް ކުރެވިދާނެ

ހަޔާތުގައި ދިމާވާ ކުދި ކުދި ކަންކަމުން ލިބޭ ނަތީޖާއިންވާ އުފާ ފާހަގަ ނުކުރާނަމަ ބޮޑެތި ކަންތަކުން އުފާ ހޯދާން އުނދަގޫވާނެ އެވެ.

ގޯލެއް ނުވަތަ މަގްސަދެއް ކަނޑައެޅުބް

މަގްސަދެއް ކަނޑައަޅައިގެން ކަންކަން ހާސިލް ކުރުމަށް މަސައްކަތް ކުރުމަކީ އަދި އެ މަގުސަދު އެންމެ ފުރިހަމަކޮށް ހާސިލް ނުވިޔަސް އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. މިގޮތުން 10 ކިލޯމީޓަރު ދުވުމުގެ މަގުސަދުގައި ދުވެ، އެއްކޮށް ދުވެވުނަސް ނުވަތަ ހިނގާފައި 10 ކިލޯމީޓަރު ފުރިހަމަ ކުރެވުނަސް އުފާވެރިކަން ގެނެސްދޭނެ އެވެ.

ދުޅަހެޔޮކޮށް ހުރުމުން އުފާވެރިކަން ގެނެސްދޭ

އުފާވެރިކަން މީހާ އަށް ގެނެސްދެނީ ނަފްސާނީ ގޮތުން މީހާ ދުޅަހެޔޮކޮށް ހުރުމުގެ އިތުރުން މީހާވެސް ފިޓުވެގެނެވެ. ރަނގަޅު ކާނާ ކައި ކަސްރަތު ކުރަންވީ މި ސަބަބަށްޓަކަ އެވެ.

ދީން ދެކެ ލޯބިވެ ނަމާދުކޮށް ގުރުއާން ކިއެވުން

އެންމެ ފަހު ކަމަކަށް މިއޮތީ އެންމެ ބޮޑު ކަމެވެ. މި ހުރިހާ ކަމެއް ކުރިޔަސް މީހާގެ ރޫހާނީ ކަންކަން ފުރިހަމަ ނުވާނަމަ އުފަލެއް އަދި ކާމިޔާބެއް ވެސް ނުލިބޭނެ އެވެ. އުފާވެރިކަމަކީ މަންޒިލެއް ނޫނެވެ. ދިރިއުޅުމުގެ ދަތުރުގައި އަބަދުވެސް އުފާވެރި ތަޖުރިބާ އާއި ހިތްދަތި ތަޖުރިބާ އަންނާނެ އެވެ. އުފާވެރިކަމަކީ މީހާގެ އިހްތިޔާރުގައިވާ ކަމެކޭ ބުނަނީ އެއީ ހާލާތާއި މެދު އަހަރުމެން ދެކޭގޮތް ކަނޑައަޅަނީ އަހަރުމެން އަމިއްލައަށް ކަމުގައިވާތީ އެވެ. އެހެންވެ ބަރާބަރަށް ނަމާދުކޮށް ގުރުއާން ކިޔަވައި ދީންދެކެ ލޯބިވާން ޖެހެ އެވެ. މާތް ﷲ ނިއުމަތަށް ޝުކުރުކޮށް ރަސޫލާއަށް ސޮލަވާތް ކިޔަވަން ޖެހޭނެ އެވެ.