ވިޔަފާރި

އަހަރު، 2.5 މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފައިފި

މި ފަސް އަހަރުތެރޭގައި، އަހަރަކު 2.5 މިލިއަން ޓޫރިސްޓުން ގެންނަން ސަރުކާރުން އަމާޒު ހިފައިފި އެވެ.

ރައްޔިތުން މަޖިލީހުގައި ގައުމާ މުހާތަބު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިދިޔަ އަހަރު 1.4 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރިއިރު، މި އަހަރު އެ އަދަދު 1.5 މިލިއަން މީހުންނަށްވުރެ އިތުރު ކުރުމަކީ އަމާޒެއް ކަމަށެވެ.

"ދުނިޔޭގެ އިތުރުން މާކެޓްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، މިވެރިކަމުގެ ފަސް އަހަރު ނިމޭއިރު، އަހަރަކު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަޅުގަނޑުމެން މިވަނީ އަމާޒު ހިފާފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅަކީވެސް ހާއްސަ ސިފަތަކެއް ލިބިގެންވާ އަތޮޅުތަކެއް ކަމަށާ، ހާއްސަ ސިފަތަކެއް ދުނިޔޭގައި އިޝްތިހާރު ކުރެވޭނެ ކަމަށެވެ.

"އެކަމަށް ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރުކޮށް، ރާއްޖޭގެ އެކިއެކި ސަރަހައްދުތައް، ވަކިވަކި މަންޒިލްތަކެއްގެ ގޮތުގައި ތަރައްގީކޮށް، މާކެޓު ކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ. އޭރުން ރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ދިރުން ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކޮށް، ފެންވަރު މަތިކޮށް، ޖާގަ ތަނަވަސް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމަށެވެ. އަދި ރަންވޭގެ މަސައްކަތް ނިމިފައިވާއިރު ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ހަލުވިކުމުގެ މަސައްކަތްވެސް ކުރައްވަމުންދާ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮންމެ އަހަރަކު އެތަށް ރިސޯޓަކާއި ގެސްޓްހައުސްއެއް އިތުރުވަމުން އަންނައިރު، ފަތުރުވެރިކަން ކުރިއަރަމުން އަންނަ މިންވަރަށް، އެއާޕޯޓުގެ ހިދުމަތް ތަރައްގީ ނުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައި އޮތް ބޮޑު ގޮންޖެހުމެއް،" ރައީސް ވިދާޅުވި އެވެ.