ބޮލީވުޑް

ބޮލީވުޑްގެ އުންމީދުތައް އަދިވެސް އޮތީ ތިން ޚާނުންނާ އެކު

Jul 2, 2015

މިއަހަރުގެ މިހާތަނަށް އެތަކެއް ފިލްމެއް ރިލިޒްވެފައިވާއިރު، ބްލޮކްބާސްޓާގެ ދަރަގަ ލިބޭވަރުވީ ބަތަލާ ކަންގަނާ ރަނާވަތު އާއި އާރް މާދަވަން ލިޑްރޯލުން ފެނިގެންދިޔަ "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" އަށެވެ.

ވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި ބޮކްސް އޮފީސް ގުގުމާލާނެ ފަދަ ފިލްމެއް ރިލީޒްވެފައި ނުވާއިރު، ބޮކްސް އޮފީހުގެ ހަރީފު މޫސުމަށް ނިމުން ގެނެސްދީފައިވަނީ މެއި މަހުގައި ރިލީޒްކުރެވުނު ދެފިލްމުކަމަށްވާ "ޕީކޫ" އާއި "ތަންނޫ ވެޑްސް މަންނޫ ރިޓާންސް"ގެ އިތުރުން މިދިޔަ މަހުގެ ނިކުތް ފިލްމު "އޭބީސީޑީ 2” ކެވެ.

މިފިލްމުތަކުގެ އިތުރުން ފާޑުކިޔާފަރާތްތަކުގެ ތައުރީފު އޮހުނު ފިލްމުތައް ކަމަށްވާ "ދަމް ލަގާކޭ ހައިޝާ" އާއި "ބަދްލާޕޫރު" ފަދަ ފިލްމުތަކަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބިފައި ނުވިޔަސް ފާޑުކިޔާފަރާތްތަކުން ވަނީ މިފިލްމުތަކަށް ފުލްމާކްސް ދީފަ އެވެ.

އަހަރުގެ ފުރަތަމަ ތިން މަސްދުވަސްތެރޭގައި ރިލީޒްވި ފިލްމުތަށް ބަލަން ސިނަމާތަކަށް ވަން މީހުން އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ރިލިޒްކުރި ފިލްމުތަކާއި އަޅާބަލާއިރު ބޮޑު ތަން މަދެވެ. މީގެ އެންމެ ބޮޑު ސަބަބެއް ކަމަށް ޓްރޭޑް އެނަލިސްޓުން ބުނެފައިވަނީ ކްރިކެޓް ވޯލްޑް ކަޕާއި އިންޑިއަން ޕްރިމިއާ ލީގްގެ ފޯރި ގަދަ ވުމުގެ ސަބަބުން އެކަމުގެ އަސަރު ފިލްމުތަކަށް ކުރި ކަމަށެވެ. އެގޮތުން އަރްޖުން ކަޕޫރު އާއި ސޮނާކްޝީ ސިންހާގެ "ތޭވަރް" އާއި މެގަސްޓާ އަމީތާބް ބައްޗަން އާއި ސައުތްގެ ތަރި ދާނުޝްގެ "ޝާމީތާބް" ގެ އިތުރުން ރަންބީރު ކަޕޫރު އާއި އަރްޖުން ރާމްޕަލްގެ އިތުރުން ޖެކްއަލީން ފާނެންޑާޒްގެ "ރޯއި" އަށް ފާޑުކިޔާފަރާތްތަކާއި ބެލުންތެރިންގެ ފާޑުކިޔުންތަކުގެ ސަބަބުން ނާކާމިޔާބީ އާއި ކުރިމަތިވެ ވަނީ ފްލޮޕްވެފަ އެވެ.

ޖެހިޖެހިގެން ރިލީޒްވި ފިލްމުތަށް ފްލޮޕްވެ، ބޮކްސް އޮފީހަށް ހަރީފް މޫސުމެއް ވެރިވެފައިވަނިކޮށް އަހަރުގެ ފުރަތަމ ހިޓް ފިލްމުގެ ދަރަގަ ލިބުނީ އަކްޝޭ ކުމާރުގެ "ބޭބީ" އަށެވެ. މިފިލްމަށް 90 ކްރޯޑް (900 މިލިއަން) ރުޕީޒް ލިބިފައިވީ ނަމަވެސް ފާޑުކިޔާފަރާތްތަކަކުން ވަނީ މިފިލްމަށް އިންތިހާއަށް ފާޑުކިޔާފަ އެވެ.އެއަށްފަހު ރިލީޒްވި ފިލްމުތަށް ކަމަށްވާ "ބަދްލާޕޫރް" އާއި "ދަމް ލަގާ ކޭ ހައިޝާ" އަދި "އެންއެޗް 10” އަށް ތައުރީފު އޮހުނު ނަމަވެސް ބޮކްސް އޮފީހުގައި ކާމިޔާބީއެއް ހޯދުމަށް ވަނީ ނުކުޅެދިފަ އެވެ.

“ފުރަތަމަ ހަތަރު މަސްދުވަސް ދިޔައީ ވަރަށް ސަކަރާތްކޮށް، އެއް ފިލްމެއް ނުވަތަ ދެފިލްމެއް ދޭތެރެއަކުން ހިނގި، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހާއި އަޅާއި ބާލާއިރު މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދިޔައީ ވަރަށް ދަށްކޮށް" ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ބުންޏެވެ.

ފުރަތަމަ ހަތަރު މަސް ނިމިގެންދިޔަ އިރުވެސް ބެލުންތެރިން ހިތް އުފާވާނެ ކަހަލަ ފިލްމެއް ރިލީޒްވެފައިނުވާއިރު، މެއި މަހުގައި ވަނީ އަލުން އަނބުރާ ބޮލީވުޑަށް ބަހާރު މޫސުމް ގެނެސްދީފަ އެވެ.މެއި މަހު ނިކުތް ދެ ފިލްމްކަމަށްވާ "ގައްބަރް އިޒް ބެކް" އާއި "ޕީކޫ" ހިޓް ވެ "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" ބްލޮކްބާސްޓާ އަކަށް ވެފައިވާއިރު، ބޮޑު ބަޖެޓުގެ "ބޮމްބޭ ވެލްވެޓް" ވަނީ ފްލޮޕްވެފަ އެވެ. މިތިން ފިލްމު ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަނިކޮށް ޖޫން މަހު ރިލީޒްވި "އޭބީސީޑީ 2” އަންނަނީ ހީކުރިވަރަށް ވުރެން ރަނގަޅު ތަރުހީބެއް ލިބި ބޮކްސް އޮފީހުގައި ރެކޯޑަކަށް ފަހު ރެކޯޑެއް މުގުރަމުންނެވެ.

“މެއި އިން ފެށިގެން ބޮކްސް އޮފީހުގެ ވިޔަފާރި ވަނީ ރަނގަޅުވެފައި" ތަރަން ބުންޏެވެ.

ބަތަލުންގެ ތެރެއިން "ގައްބަރް އިޒް ބެކް" އާއި "ބޭބީ" އާއިއެކު ވިދާލާފައިވަނީ އަކްޝޭ ކުމާރު އެވެ. އަދި ބަތަލާއިންގެ ތެރެއިން ޑަބަލް ރޯލް އާއިއެކު "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" އާއިއެކު އެނބުރި އައިސް ރަނިކަން ކޮށްފައިވަނީ ކަންގަނާ ރަނާވަތު އެވެ.

މިއާ ހިލާފަށް ޓްރޭޑް އެނަލިސްޓް ރާޖޭޝް ތަދާނީ ދެކޭގޮތުގައި މޮޅު ފިލްމުތަކުގެ ގޮތުގައި ބެލެވޭނެ ގިނަ ފިލްމުތަކެއް ނިމިގެންދިޔަ ހަމަސް ދުވަހުގެ ތެރޭގައި ފެނިގެންގޮސްފަ އެެއް ނުވެ އެވެ.

ތަދާނީ ދެކޭގޮތުގައި މަޝްހޫރު ތަރިން ހިމެނުނަސް ފިލްމު ނުހިނގާކަން މިހާު މިވަނީ އެނގިގެންގޮސްފަ އެވެ. ފިލްމެއް ރަނގަޅަށް ހިނގަން އެންމެ މުހިންމީ ރަނގަޅު ވާހަކައެއް ކަމަށް ބުނަމުން ތަދާނީ ބުނެފައިވަނީ ބެލުންތެރިން ވެސް މިހާރު ބަލައިގަންނަނީ މޮޅު ވާހަކައެއް އެކުލެވޭ ފިލްމުތަށް ކަމަށެވެ. ކޮންމެ ކޮންމެ ފިލްމެއް ބަލައިގަތުމަށް ވުރެން ބެލުންތެރިން މިހާރު މާ ސްމާޓްކަމަށެވެ.

"ކޮންޓެންޓާއި އެއްވަރަށް މަޝްހޫރު ތަރިންވެސް ފިލްމެއް ކާމިޔާބުވުމަށް ބޭނުންވޭ" ތަދާނީ އިތުރަށް ބުންޏެވެ.

މއަހަރުގެ ފުރަތަމަ ހަމަސްދުވަސް ގޮސްފައިވަނީ ވަރަށް ވަނދުކޮށެވެ. އެގޮތުން އެންމެ ފިލްމަކަށް ބްލޮކްބާސްޓާގެ ދަަރަޖަ ލިބިފައިވާއިރު، މިއަހަރުގެ ކުރިއަށް ރިލީޒްކުރުމަށް ބޮޑެތި ފިލްމުތަކެއް އެބަހުއްޓެވެ. ސުޕަސްޓާ ޝާހްރުކް ޚާން އާއި ސަލްމާން ޚާންގެ ފިލްމުތައް ކުރިއަށް ހުރިއިރު، ފިތުރު އީދާއި، ދިވާލީގެ އިތުރުން ކްރިސްމަސްގައި އެޅުވުމަށް ބޮޑު ތަރިންތަކެއް ހިމެނޭ ފިލްމުތަކެއް ހުރިކަން ފާހަގަކޮށްލެވެ އެވެ.

ސަލްމާން ޚާންގެ "ބަޖްރަންގީ ބައިޖާން" އާއި "ޕްރޭމް ތަރަން ދަން ޕާޔޯ" އާއި ޝާހްރުކް ޚާންގެ "ދިލްވާލޭގެ" އިތުރުން އަކްޝޭ ކުމާރުގެ "ސިންގް އިޒް ބްލިންގް" އަކީ ބޮޑު ބަޖެތް ތަކުން އުފައްދާފައިވާ އުންމީދު ބޮޑު ފިލްމުތަކެކެވެ.އެގޮތުން މިފިލްމުތަކަށް 200 ކްރޯޑް (2000 މިލިއަން) ރުޕީޒް ލިބޭނެކަމަށް ވެސް ގިނަ ފަރާތްތަކަކުން އަންނަނީ ބުނަމުންނެވެ.

ހުރިހާ ގޮތަކުން ވެސް ކުރިއަށް ހުރި ފިލްމުތަކާއި މެދު ކުރެވޭ އުންމީދުތައް ބޮޑެވެ. ވަކިން ހާއްސަކޮށް ސަލްމާންގެ ދެ ފިލްމާއި ޝާހްރުކްގެ ފިލްމަށް ކުރެވޭ އިންތިޒާރުތައް ބޮޑުއިރު، މިފިލްމުތަކުން ބޮލީވުޑަށް ބަހާރު މޫސުން ގެނެސްދޭނެ ކަމަށް ބެލެވެ އެވެ.