ހަބަރު

ބައިނަލްއަގްވާމީ އާއިލާގެ ލޯބި ލިބިއްޖެ: ރައީސް

ބައިނަލްއަގްވާމީ މުޖުތަމައުގެ ލޯބި ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގަ އެވެ.

ރައީސް ސޯލިހު މިއަދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން ފެށުނުއިރު ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެ ބާކީވެފަ ކަމަށެވެ. ނަމަވެސް ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ގެނައި ބަދަލާއެކު ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށެވެ.

"ގެނައި ބަދަލާއެކު ރާއްޖެއަށް މިހާރު ވަނީ ބައިނަލްއަގްވާމީ އާއިލާގެ ލޯތްބާއި ރަހުމަތްތެރިކަން އަނބުރާ ލިބިފައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިގުތިސޯދާއި ތައުލީމީ ކުރިއެރުމުގައި ގިނަ އެހީތަކެއް ދެމުން އަންނަ ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި ސަރުކާރުން ފުރިހަމަކޮށް މިހާރު ވާނީ އެ ޖަމާއަތަށް ހުށަހަޅާފަ ކަމަށެވެ. ބައިނަލްއަގްވާމީ މުޖުތަމައުގެ އެހެން ބައިވެރިންނާއެކު ވެސް ހިނާރުވެފައިވާ ގުޅުންތައް އަލުން އަލާކޮށް ބަދަހިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ބޭރުގައި ދިރިއުޅޭ ދިވެހީންނަށް ވެކިން ހާއްސަކޮށް ކިޔަވާ ކުދިންނަށް ކޮންސިއުލާ ހިދުމަތްތައް މި އަހަރުގެ ތެރޭގައި އިތުރަށް ފުޅާވެގެން ދާނެ، ދިވެހިން އާންމުކޮށް ގޮސް އުޅޭ ގައުމުތަކަށް ފަސޭހަކާއެކު ދަތުރު ކުރެވޭނެ އެއްބަސްވުންތަކުގައި ސޮއިކޮށް ވިލާތުގެ ގައުމުތަކުން ދިވެހިންނަށް ވިސާ ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް މި އަންނަނީ ކުރަމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ލާމެހިފައިވާ ކުޑަކުށަ މުޖުތަމައަކަށް މުޅި ދުނިޔެ ބަދަލުވެފައިވާއިރު ވީހާ ގިނަ ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ ރާއްޖެފަދަ ކުޑަ ގައުމަކަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ދެކުނު އެފްރިކާގަޔާއި އެމެރިކާގެ ވޮޝިންޓަން އަދި ރަޝީޔާގައި ދިވެހި އެމްބަސީއެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ދިވެހި ކޮންސިއުލޭޓެއް ގާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ނިމިގެންދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮމަންވެލްތުން ރާއްޖެ ވަކިވިއިރު އީރާނާއި ގަތަރާއެކު އޮތް ގުޅުންތައް ވެސް ކަނޑާލި އެވެ. އަދި އިންޑިއާއާ އޮތް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވެ އެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން އިންޑިއާއިން ވަނީ ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކޮށްފަ އެވެ.