ހަބަރު

އިންޑިއާޔާ ގުޅޭ ގޮތުން މިނިސްޓަރު ދެއްކެވި ވާހަކަތައް ފަތުރަނީ މާނަ އޮޅޭ ގޮތަށް: ޑިފެންސް

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިފަހުން އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުގެ ހަބަރުތައް ފަތުރަމުންދަނީ، އޭގެ މާނަ އޮޅޭ ގޮތަށް ކަމަށާއި އެއީ ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލުވާލައި ސިޔާސީ މަންފާ ހޯދުމަށް އެވާހަކަތަކުގެ ހަގީގަތް އޮޅޭގޮތަށް ފަތުރަމުންދާ ހަބަރެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޑިފެންސް މިިނިސްޓްރީން ނެރުނު ބަޔާނެެއްގައި ބުނެފައިވަނީ، މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅު ޑިފެންސް މިނިސްޓަރު މާރިޔާ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ނޫހަކަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވި އެއްޗެއްގެ މާނަ އާއްމު ރައްޔިތުންނަށް އޮޅޭގޮތަށް ބައެއް ފަރާތްތަކުން ފަތުރަމުންދާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، މިނިސްޓަރު މާރިޔާ، އިންޑިއާގެ ނިއުސް ޗެނަލްއަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖެއާއި އަވަށްޓެރި އިންޑިއާ އަކީ ޒަމާނުއްސުރެ އެއް ގައުމު އަނެއް ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އިހުތިރާމްކޮށް، އެކުވެރިކަމާއެކު އުޅޭ ދެ ގައުމު ކަމަށެވެ. އަދި އިންޑިއާގެ އަސްކަރިއްޔާގެ ހައިބަތު ކިތަންމެ ބޮޑުކަމުގައިވިޔަސް ދެ ގައުމުން އަބަދުވެސް އެއް ގައުމު އަނެއް ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އިހުތިރާމް ކުރާނެ ކަމަށެވެ.

އެހެންނަމަވެސް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގެ ތެރެއިން ބައެއް އުނިކޮށް އޭގެއިން ތަންކޮޅެއް ނަގައިގެން ދެއްކެވި ވާހަކަފުޅު އޮޅޭގޮތަށް ފަތުރަމުންދާ ހަބަރުތަކަކީ ގައުމުގެ ސުލްހަމަސަލަސްކަން ގެއްލުވާލައި ސިޔާސީ މަންފާ ހޯދުމަށް ފަތުރާ ހަބަރެއް ކަމަށް ޑިފެންސް މިނިސްޓްރީ އިން ބުންޏެވެ.

"ދިވެހި ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިގްލާލާއި ސިޔާދަތު ދިފާއުކޮށް ދެމެހެއްޓުމުގައި ސާބިތުކަމާއެކު މިނިސްޓަރު ހުންނެވިކަމުގެ ޔަގީންކަން އަރުވަމެވެ،" ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.