ދުނިޔެ

އަސްކަރީ ވެރިޔާއާ ވާދަކުރައްވަން ތައި ޕްރިންސެސްއެއް ނިކުންނަވައިފި

ތައިލެންޑްގެ ޝާހީ އާއިލާގެ، ޕްރިންސެސްއެއް ކަމަށްވާ އުބޮންރާތުނާ މަހިދޮން އެ ގައުމުގެ ބޮޑު ވަޒީރު ކަމަށް ވާދަ ކުރައްވަން ހުށަހަޅުއްވައިފި އެވެ. މިއީ ތައިލެންޑްގެ ޝާހީ އާއިލާގެ ބޭފުޅަކު ސިޔާސީ ކަމެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އަންނަ މާޗް މަހުގެ 24 ވަނަ ދުވަހު ބާއްވާ އާންމު އިންތިހާބުގައި އުމުރުފުޅުން 67 އަހަރުގެ އުބޮންރާތުނާ މަހިދޮން ބޮޑުވަޒީރު ކަމަށް ވާދަ ކުރައްވަން ހުށަހަޅުއްވާފައި ވަނީ ކުރީގެ ބޮޑު ވަޒީރު، ތަކްސިން ސިނަވަތުރާއަށް ތާއީދު ކުރާ، ތައި ރަކްސާ ޗާޓް ޕާޓީއިން އެވެ. އުބޮންރާތުނާ މަހިދޮން އަކީ އަވަހާރަވި، ތައިލެންޑްގެ ރަސްގެފާނު ބުމިބޯލް އަދުލިޔައޭޖުގެ އެންމެ ދޮށީ ދަރިކަނބަލުން އެވެ.

އެމެރިކާއިން އެކަމަނާ ތައުލީމު ހާސިލް ކުރެއްވުމަށް ފަހު، 1972 ވަނަ އަހަރު އެމެރިކާ ރައްޔިތަކާ ކައިވެނި ބައްލަވައި ގަތުމަށް ފަހު ޝާހީ ޝަރަފު އެކަމަނާ ދޫކޮށްލެއްވި އެވެ. އެހެން ނަމަވެސް، އެ ކައިވެނި ރޫޅުމަށް ފަހު 2001 ވަނަ އަހަރު އަލުން ތައިލެންޑަށް އެނބުރި ވަޑައިގެން ޝާހީ އާއިލާގެ ބޭފުޅެއްގެ ގޮތުގައި އެކަމަނާ ގެންދަވަނީ މަސައްކަތް ކުރައްވަމުން އެވެ. އެކަމަނާ އަކީ ސޯޝަލް މީޑިއާގައި ވެސް މަގުބޫލު އަދި އެކްޓަރެއް ވެސްމެ އެވެ.

މާޗް މަހު ތައިލެންޑްގައި ބާއްވާ އިންތިހާބަކީ 2014 ވަނަ އަހަރު އެ ގައުމުގެ އަސްކަރިއްޔާއިން ތައިލެންޑަށް ގެނައި އިންގިލާބަށް ފަހު ބާއްވާ ފުރަތަމަ އާންމު އިންތިހާބެވެ. އެ އިންގިލާބުގައި އިސްކޮށް ހުންނެވި ޖެނެރަލް އަދި ތައިލެންޑްގެ މިހާރުގެ ބޮޑުވަޒީރު ޗަން-އޮކަ ވެސް ވަނީ ބޮޑު ވަޒީރު ކަމަށް ވާދަކުރައްވާކަން އިއުލާން ކުރައްވައިފަ އެވެ. އޭނާ ބޮޑުވަޒީރު ކަމަށް ވާދަކުރައްވަނީ، އަސްކަރީ ވެރިކަމަކަށް ތާއީދު ކުރާ ޕާޓީ، ޕަލަންގް ޕްރަޗަރަތު ޕާޓީއިން އެވެ.

ޕްރިންސެސް އުބޮންރާތުނާ މަހިދޮން އެ ގައުމުގެ ބޮޑު ވަޒީރު ކަމަށް ވާދަކުރައްވާކަން އިއުލާން ކުރުމާ އެކު އެ ގައުމުގެ އާންމުން އަންނަނީ ސޯޝަލް މީޑިއާގައި އެކަމަނާއަށް ތާއީދު އޮތްކަން ހާމަކުރަމުން އެވެ. ސިޔާސީ ތަޖުރިބާކާރުން ސިފަކުރައްވާ ގޮތުގައި، ޕްރިންސެސް އުބޮންރާތުނާގެ ނިންމެވުމަކީ އެގައުމުގެ ސިޔާސީ މައިދާނަށް ކުރިމަތިވާނެ ބޮޑު ޒަލްޒަލާއެކެވެ. އަދި މިއީ ތައިލެންޑްގެ ސިޔާސީ ކަންކަމުގެ މައްޗަށް އެ ގައުމުގެ އަސްކަރިއްޔާގެ ނުފޫޒު އޮންނަ އޮތުން ނިމުމަކަށް އަންނާނެ ކަމެއް ކަމަށް ވެސް އެބޭފުޅުން ލަފާކުރެ އެވެ.

ގިނަ ބޭފުޅުން ލަފާކުރައްވާ ގޮތުގައި ޕްރިންސެސް އުބޮންރާތުނާ އަކީ އެ ގައުމުގެ ރައްޔިތުންގެ ލޯބި ލިބިފައިވާ އަވަހާރަވި، ތައިލެންޑްގެ ރަސްގެފާނު ބުމިބޯލް އަދުލިޔައޭޖުގެ ދަރިކަނބަލަކަށް ވާތީ ފަސޭހަކަމާ އެކު އެކަމަނާ އިންތިހާބު ކާމިޔާބު ކުރައްވާނެ އެވެ.

ތައިލެންޑަކީ އަސްކަރީ އިންގިލާބު ގެނައުމުގެ ތާރީހެއް އޮތް ގައުމެކެވެ. އެ ގައުމުގެ އިންތިހާބީ ވެރިކަން ތައިލެންޑްގެ އަސްކަރިއްޔާއިން ވަނީ މީގެ ކުރިން، 12 ފަހަރެއްގެ މަތިން އިންގިލާބު ކޮށްލައިފަ އެވެ. އެންމެ ފަހުން 2014 ގައި ގެނައި އަސްކަރީ އިންގިލާބަށް ފަހު، ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު މިއަހަރު އާންމު އިންތިހާބެއް މި ބާއްވަނީ އަސްކަރިއްޔާއިން އިސްވެ އޮވެ 2016 ވަނަ އަހަރު އެކުލަވާލި އެ ގައުމުގެ އާ ގާނޫނު އަސާސީގެ ދަށުން އެވެ.