ހަބަރު

ފުވަމުލަކާއި ފަރެސްމާތޮދާ ދެމެދު ފެރީގެ ހިދުމަތް ފަށައިފި

Feb 8, 2019

ފުވަމުލަކު ސިޓީ އާއި ގދ. ފަރެސްމާތޮޑާއާ ދެމެދު ފެރީ އާއި ލޯންޗުގެ ހިދުމަތް ފަށައިފި އެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ގާއިމްކޮށްފައިވާާ ފެރީ އާއި ލޯންޗުގެ ހިދުމަތް އިފްތިތާހުކޮށް ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ދަތުރުފަތުރުގެ ނިޒާމް އިފްތިތާހު ކުރުމަށް ފަރެސްމާތޮޑާގައި މިއަދު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އެއްވެސް ރަށެއް ނުވަތަ ރައްޔިތެއް ބާކީ ނުކޮށް މުޅި ރާއްޖެއަށް ތަރައްގީ ގެނެސްދެއްވުން ކަމަށެވެ. އަދި ރައްޔިތުން އެދޭ ގޮތަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ސަރުކާރު ހިންގުމުގެ ކަންކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުން ވެސް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުންނަށް ލިބޭ ތަރައްގީގެ ކުރިއެރުންތައް ލިބިގެން ދިއުމުގެ ހަގީގަތަކީ ރައްޔިތުން އެކަކު އަނެކަކާ ގުޅިލާމެހި ކުރެވޭ މަސައްކަތް ހާސިލްކުރަން ބޭނުންވާ އަމާޒަށް ވާސިލުވުމަށްޓަކައި އަބަދުވެސް ގުޅިގެން މަސައްކަތްކުރުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދެން،" ނައިބު ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން މުސްތަގުބަލުގެ ޖީލަކީ ވަރުގަދަ ގައުމިއްޔަތެއް ދިރުވައިދޭނެ އަދި ތަރައްގީ ގެނެސްދޭނެ ޖީލަކަށް ހެދުމުގެ މުހިންމުކަން ފައިސަލް ފާހަގަ ކުރެއްވި އެވެ. އެކަމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުން ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ނާއިބު ރައީސް ފަރެސްމާތޮޑާއަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ކައުންސިލާއި، މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކަށް ކުރިމަތި ވަމުންދާ ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ.