ރިޕޯޓް

މިހާރު ދުވަންދާކަށް ލަދެއް ނުގަނޭ!

ކޮންމެ ދުވަހަކުވެސް އިރު އޮއްސޭ ވަގުތަށް މާފަންނު ކޮޅަށް އެބަ މީހުން ޖަމާ ވެ އެވެ. މުޒާހަރާ ކުރަނީ އެއް ނޫނެވެ! ކުރީބައިގައި އެވާހަކަ ބުނެލީ އެވެ. މިއީ އަދި މުޅިން ތަފާތު ކަމެކެވެ. މި މީހުންނަށް ހުކުރެއް ހޮނިހިރެއް ނޯވެ އެވެ. ޒުވާނަކަސް އުމުރުން ދުވަސްވީ މީހަކަސް އަންނަނީ ހަމަ މި ދިމާލަށެވެ. ހިނގާފައި އަންނަ މީހުންނާއި ލަސް ވެގެން އަންނަހެން ބުޑު ހަލުވަމުން މަޑުދުވުމުގައި އަންނަ މީހުންވެސް މިސްރާބު ޖަހާފައި ހުންނަނީ އެއް ދިމާލަކަށެވެ. މި ގްރޫޕުތައް ތިބެނީ ވެސް އެއް ފާޑަކަށެވެ. އަޅާފައި ހުންނަނީ އެއްކަހަލަ ހެދުމެވެ. ގިޔާސުއްދީން ސްކޫލް ކައިރިން ދެން ގޯޅި އަޅަނީ ބޭރު މަގަށެވެ. އެންމެން ޖަމާވާ މަންޒިލަކީ މިއެވެ. އެންމެން އެއްކޮށްލާ އެކުވެނި ސްޓޭޑިއަމް އެވެ. އެންމެންގެ ދުވާ ޓްރެކެވެ.

އިރު އޮއްސި ހައެއް ޖަހާލުމުން ދެން ކުޅިވަރު ފެށުނީ އެވެ. ހީވާނީ ހަމަ ކަށިގަނޑު ފުމެލާ ހެންނެވެ. ތަފާތަކީ ކޯޗު ކޮށްދޭނެ މީހެއް ނެތުމެވެ. މި ސްޓޭޑިއަމްގައި ބުރު ޖަހަމުން ލެވުނު ވަރެއް ލާފައި، މަތިން ތިރިއަށް އަތް އުކަމުން އެއްބަޔަކު ހިނގާނެ އެވެ. ބައެއް މީހުން ފޯނުން ލަވަޖަހާލާ ބްރޭންޑެޑް ހެޑްފޯނު އަޅައިގެން، ހިނގާފައިދާ މީހުން "ލަދުގަންނަވާލަމުން" ބޫން ކަނޑާފައި ވެސް ދެ އެވެ. މި މީހުން މިކަމަށް ތަންކޮޅެއް ފަރިތައީ އެވެ. ގަޔަށް ވައި އަޅާފައި ބާރު ބާރަށް ދުވާ މީހުން ފެނި، އަތް އުކަމުން ހިނގާ މީހުންނަށް ހިތްވަރެއް ވެސް ލިބިދާނެ ތީ ކަންނޭނގެ އެވެ. ފުރަތަމަ ހިނގާނީ ނޫންހެއްޔެވެ؟ ދުވަން ފަށާނީ ހިނގަން ދަސްކޮށްގެންނެވެ.

ހިނގާ މީހުންނާއި ދުވާ މީހުންގެ އިތުރަށް ވިނަ ގަނޑު މަތީ ހަށިގަނޑު ދަމާ މީހުންވެސް މި ސްޓޭޑިއަމްގައި އުޅެ އެވެ. ހަށިގަނޑުގައި ހުރި ބޭނުންނެތް ސަރުބީތައް ވިރުވާލަން ފަޔާ އަތާ ދިމަ ދިމާލަށް އަނބުރާ މީހުންނެވެ. މި ބޮޑު ޖަމާއަތް ކުރިމަތީ ކަސްރަތު ކުރަން ނުކެރޭ މީހުން ޓްރެކްގެ މޫދާ ވީ ފަޅީ އަނދިރި ގަނޑުގައި ހުރެގެން ނަމަވެސް ގެއަށް ދާނީ ކަސްރަތު ކޮށްލާފަ އެވެ. މި އެންމެންގެވެސް އޮންނަނީ އަޒުމެކެވެ. ގެއަށް ދިއުމުގެ ކުރިން ސަރުބީ ކޮޅެއް ވިރުވާލުމެވެ. ދެން ގެއަށް ގޮސް ކޮންމެ އެއްޗެއް ކެއަސް އެއީ އަދި މުޅިން އެހެން ކަމެއް ނޫން ހެއްޔެވެ؟

މިއީ މީގެ ކުރިން ދިވެހިންގެ ތެރެއިން ފެންނަ މަންޒަރެއް ނޫނެވެ. ކޮންމެ ދުވަހަކުހެން ގްރޫޕް ހަދާފައި ދުވަން ދިއުމާއި ކަސްރަތު ކުރުމުގެ ރޫހު ދިވެހިންގެ ތެރޭގައި އާއްމުވާން ފެށީ ދާދި ފަހަކުންނެވެ. މާފަންނު ސްޓޭޑިއަމް ބަންޑުންވާ ވަރަށް މީހުން އަންނަން ފެށީ ވެސް ވަރަށް ފަހުންނެވެ. އެކަކު އަންނަން ބުނީމާ އޭނާ އެކަނި ނުކުރަން އަނެކަކުވެސް އަންނަނީ އެވެ. ދެމީހުން ދާން ލަދުގަންނާތީ އިތުރު ތިން މީހުންވެސް ގެންނަނީ އެވެ. ރައްޓެހިންވެސް ގެންނަނީ އެވެ. މިހެން ގޮސް ބޮޑެތި ގްރޫޕްތައް މިތަނުގައި ކަސްރަތު ކުރެ އެވެ.

މިތަނށް ދުވަން އަންނަ ދެބައި އުމުރުގެ މީހެއް ބުނި ގޮތުގައި ދުވަން އަންނަ މީހުންނަށް ބޮޑު ބަދަލެއް އައިކަން ފެނުނީ ވަރަށް ފަހުންނެވެ. އަދި ކުރިން ދުވަން ދާން ލަދުގަތަސް މިހާރު އެންމެންވެސް ކުރާ ކަމެއް ވީމައި އެހެން މީހުން މިކަމަށް މާ ބޮޑަކަށް އަޅައެއް ނުލަ އެވެ.

"އަހަރެން ދުވާތާ މިހާރު ވިހި އަހަރު ވެދާނެ. އަހަރެން ހަނދާން ހުރޭ މާލޭގަައި އެންމެ ކުރިން އުޅުނީ ހެންވޭރުގައި. އޭރުވެސް ދުވަން އަންނަން. އޭރު ދުވަން ވެގެން ޓެނިހަށް އަރައިގެން މިހިސާބަށް އަންނަން ވާއިރަށް ހުންނާނީ ދުވާ ހިތް ކެނޑިފައި. މަގުމަތިން ދާ މީހުން ބަލާނެ. ފާޑު ފާޑު އެއްޗެހިވެސް ކިޔާނެ. ދެން އަހަރެން އަންނަން ފެށީ އާދައިގެ ހެދުމުގައި، ހަމަ ފައިވާނަށް އަރައިގެން. ޓެނިސް ގެންނަނީ ދަބަހަކަށް ލައިގެން. ސްޓޭޑިއަމް އަށް ވަދެފައި ދެން ޓެނިހަށް އަރަނީ. އަނެއްކާ ދާން ވީމައި ޓެނިސް ބާލާފައި ފައިވާނުގައި ދަނީ. މިހާރު ނުޖެހޭ އެ ހުރިހާ ކަމެއް ކުރާކަށް. ގެއިން ފަށައިގެން އަންނަނީ "ފުލް ކިޓު"ގައި!" ސްޓޭޑިއަމް ގައި ދުވަން އުޅުނު މީހެއް ބުންޏެވެ.

ކަސްރަތުކޮށް ދުވަންދާ މީހުންނަށް މިއީ މިހާރު މާ ބޮޑު ކަމެއް ނޫނެވެ. ޖިމަކަށް ގޮސް ހަރަދު ކުރަން ބޭނުން ނުވާ މީހުންނަށްވެސް މިއީ މިހާރު އޮތް ހައްލެވެ. ދުވަން ދެވިދާނެކަން ދިވެހިން އަންގައިފި އެވެ. އެންމެންގެ ޝެޑިއުލް އިން މިކަމަށް ވަގުތުވެސް ހުސްކޮށްފި އެވެ. އެންމެ ބިޒީ ޝެޑިއުލް ގެންގުޅޭ ކަމަށް ބުނާ ތަހުޒީބީ ޒުވާނުންގެ ޝެޑިއުލްގައިވެސް މިކަމަށް ހާއްސަ އެއް ގަޑި އިރު އޮވެ އެވެ. ބުނަނީ މިކަން ހަމަ ސަޅީ ކަމަށެވެ.

"މިއީ މިހާރު އަސްލު ކިހާ ސަޅި ކަމެއް. ދުވަން އައިސް މިތާ މިތިބަ މީހުންނާއެކު ހިނގާލާ ހެދީމަ ހަށިގަނޑަށް ވަރަށް ފަސޭހަވޭ އަސްލު. މިތަނުގައި ވަން އަވާ ހޭދަ ކޮށްލީމައި އަމިއްލަ މީހާ އަށް ޓައިމް އެއް ދެވެނީ މި. މާދަމާއަށް ރެޑީ ވާން ވިސްނާލާނެ ވަގުތު ކޮޅެއްވެސް ދެވޭ. ރައްޓެހި ދެތިން ކުދިންނާއެކު ދުވަން އައިސް މުޅި ދުވަހުގެ ސްޓްރެސް ފިލުވާލާފައި ގެއަށް މިދަނީ. ދެން މާދަން ހޭލެވޭނީ ފްރެޝް މައިންޑް" އަކާއެކު". ދުވަން ނާންނަންވީ ކީއްވެ ކަމަށް ބުނެ އެ ޒުވާން ކުއްޖާ އަހަރެން ކުރި ސުވާލު ކުރު ކޮށްލި އެވެ. ދުވާ ހިތްވެފައި ހުރިލެއް ބޮޑު ކަމުންނެވެ.

އެކުވެނި ސްޓޭޑިއަމްގައި އެކަކު ފަހަތުން އަނެކަކު ހިނގަމުން ދުވަމުންގޮސް، ދެތިން ބުރު ޖަހާލަން ގަޑި އިރެއްވަރު ހޭދަ ކޮށްލައި، މުޅި ދުވަހު ވިސްނި ކަންކަމުގެ ދާތައް ސްޓޭޑިއަމް އަށް އޮއްސާލަ އެވެ. ސްޓޭޑިއަމް ދޮރުން ނިކުމެގެން އަންނަނީ އެތާ ދުވަން އުޅޭ މީހުންނާ ވާހަކަ ދައްކާލާ، އެންމެން އެކީ އެކުވެލައިގެން އެކުވެނި ސްޓޭޑިއަމްގައި އުޅެލުމަށްފަހު އަނެއް ދުވަހުވެސް ދުވަން ދިއުމުގެ އަޒުމުގަ އެވެ. މިއީ ހަމަ ސަޅި ކަމެކެވެ!