ވަރަށް ގިނަ ބަޔަކު ޕަބްލިކް ސްޕީކިންގައި ފަސް ޖެހެ އެވެ. ގިނަ ބަޔަކު ހިމެނޭ އޯޑިއަންސްއެއްގައި ބަޔަކަށް އެއްޗެއް ކިޔައިދޭން ކެރޭނެ ހެއްޔެވެ؟ ޕަބްލިކް ސްޕީކިން އަށްވުރެ އެކްސްޓްރީމް ސްޕޯޓެއްގައި ބައިވެރިވެ އެކަމެއް ކުރުން ވެސް ގިނަ މީހުންނަށް ފަސޭހަވެ އެވެ. ދިވެހިން ވެސް ބައެއް ކަންކަމުގައި ފަސްޖެހެ އެވެ. ބަޔަކާއި ކުރިމަތިލާ އެއްޗެއް ކިޔަދޭން ޖެހިއްޖެ ނަމަ ލަދުރަކިވެ އެކަމެއް ކުރަން ނުކެރިފައިތިބޭ ފަހަރު އާދެ އެވެ.
ގިނަ މީހުންނަށް މައުލޫމާތުގެ ބައްދަލު ވުމަކަށް ނުވަތަ ސެމިނާ ލެކްޗަރަކަށް ގޮސް ވެސް ހިޔާރު ކުރަނީ ފަހަތު ގޮނޑިބަރި އެވެ. ސުވާލެއް ކިތަންމެ ކުރަން ބޭނުން ވިޔަސް ނުވަތަ ޕްރެޒެންޓޭޝަންގައި އޮޅުން ނުފިލާ އެތައްކަމެއް އޮތަސް އަހާލަން ޖެހުލުން ވެއެވެ.
ޕަބްލިކް ސްޕީކިންގައި ފަސްޖެހޭ ނަމަ ޒާތީ ދިރިއުޅުމުގެ އިތުރުން ޕްރޮފެޝަނަލީ މީހާ ކުރިއަށް އަރައިގެން ދިއުމަށް ވެސް ހުރަސް ކުރިމަތި ވެއެވެ. އެހެންކަމުން ބަލަންވީ ވީހާވެސް ބޮޑަށް އެ ހުނަރު ކުރިއަރުވާށެވެ. މިގޮތުން ކުރެވިދާނެ ބައެއް ކަންކަމަށް ބަލައިލާނަމެވެ.
ޕްރެކްޓިސްކޮށް ތައްޔާރުވުން
ބަޔަކު މީހުން ތިމާ ދައްކާ ވާހަކަ އަޑު އެހުމަށް ވަގުތު ހުސް ކޮށްގެން ތިބޭނެ ކަން ދަންނަންވާނެ އެވެ. އަދި ބުނަން ބޭނުން އެއްޗަކާއި މެދު ފުންކޮށް ވިސްނައިގެން ދުރާލާ ތައްޔާރުވެ، މައުލޫމާތު ހޯދަންވާނެ އެވެ.
ފެށުން ރަނގަޅު ކުރަން ވާނެ
ބަޔަކަށް އެއްޗެއް ކިޔާދޭން ފަށާނަމަ ފަށަންވާނީ ވަރުގަދަ ކޮށެވެ. މިއީ އެހެން މީހުންގެ ސަމާލުކަން ހޯދަން ރަނގަޅު ގޮތެކެވެ. މިގޮތުން މީހުންގެ ސަމާލުކަން ހޯދުމަށް މައުލޫއާއި ގުޅޭ ސްޓެޓިސްޓިކްސް ކޮންމެވެސް ވާހަކައަކުން ނުވަތަ ޖޯކަކުން ވެސް ފެށިދާނެ އެވެ.
ވާހަކަ ދައްކާ ސްޓައިލް ބޭނުން ކުރުން
އެއްޗެއް ބަލައިގެން ކިއުމަށްވުރެ ބޮޑަށް ވާހަކަ ދައްކާ ޓޯން ގެންގުޅުމުން މީހުންގެ ޝައުގުވެރިކަން އިތުރު ވެއެވެ. އެހެން ނަމަވެސް ބުނަން ބޭނުންވާ އެއްޗެއްގެ ޕޮއިންޓްތައް ކުރުކޮށް ލިޔެގެން ގެންގުޅުން ރަނގަޅެވެ.
މައުލޫއަކީ ތިމާ ތާއީދުކުރާ ކަމަކަށްވުން
ދައްކަން އުޅޭ ވާހަކައަކީ އަމިއްލަމީހާ ވެސް އެކަމަކަށް ސަޕޯޓްދީ ވަކާލަތުކުރާ ކަމެއްވެއްޖިޔާ އޯޑިއަންސްގެ ސަމާލުކަން ހިފެހެއްޓޭވަރު ބޮޑެވެ. އަދި މައުލޫއަކީ ތިމާއަށް އާ މައުލޫއެއް ނަމަ ކަމާގުޅޭ މައުލޫމާތު ހޯދަންވީ އެވެ. އަދި ވާހަކަ ދައްކާއިރު އޯޑިއަންސްގައި ތިބި މީހުން ބަލައި ނުގަންފާނެ ކަމުގެ ބިރުހީވުންތަކާއި ދުރުވާންވީ އެވެ. ވާހަކަ ދައްކާނީ ހަމައެކަނި ލިބިފައި މައުލޫމަތުގެ އަލީގައި ކަމުން، ސުވާލެއްގެ ޖަވާބު ނޭގުނަސް ބަލާލާފައި ބުނެލެވިދާނެ އެވެ.
އޯޑިއަންސް އެންގޭޖް ކުރަންވީ
އޯޑިއަންސްގެ ސަމާލުކަން ހިފެހެއްޓުމުގެ ގޮތުން އޯޑިއަންސް އާއި ކުދި ކުދި ސުވާލުކޮށް ޝައުގުވެރިކަން އުފެއްދިދާނެ އެވެ. މިއީވެސް ޕްރެޒެންޓޭޝަނެއް ދޭނަމަ ބޭނުން ކުރެވިދާނެ އުކުޅެކެވެ.
ބޮޑީލޭންގުއޭޖަށް ސަމާލުވުން
ސްޕީޗްތަކުގެ ރެކޯޑިން ބެލުމަކީ އެހެން މީހުންނަށް ފާހަގަ ނުވާ އަމިއްލައަށް ހެދޭ ކުދިކުދި ކުށްތައް ފެންނާނެ ކަމެކެވެ. އަދި މީހާގެ ބޮޑީލެންގުއޭޖު ހުންނަ ގޮތް ބަލައި ހެދުމުން ދެން ފަހަރަކަށް ރަނގަޅުކުރަންވީ ކަންކަން ދަސްވާނެ އެވެ.
ޕަބްލިކް ސްޕީކިންގ އަކީ ހީކުރާހާ އުނދަގޫކަމެއް ނޫނެވެ. މާބޮޑަށް މީހާ ހާސްވެ އަނގައޮޅޭ ގޮތްވާ ނަމަ، ފުންކޮށް ނޭވާއަށް ލާ ހަމަޖެހިލާށެވެ. އަދި އެންމެ ފުރަތަމަ ދޭ ސްޕީޗަކީ އެންމެ ރަނގަޅު ސްޕީޗްކަމުގައި ނުވިޔަސް ޕަބްލިކް ސްޕީކިން ތަޖުރިބާ އިތުރުވާ ވަރަކަށް ބަސް މޮށުންތެރި ކަމާއި ޕަބްލިކް ސްޕީކިންގެ ގެ އުކުޅުތައް ދަސްވެ ތަރައްގީ ވެއެވެ.