ވިޔަފާރި

އުރީދޫއަށް ސާފު ފައިދާގެ ގޮތުގައި 148 މިލިއަން ރުފިޔާ

އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރުގެ ފަހު ކްއާޓަރު ގައި ސާފު ފައިދާގެ ގޮތުގައި 148 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އުރީދޫ މޯލްޑިވްސް އިން ނެރެފައިވާ 2018 ވަނަ އަހަރުގެ ފަހު ކްއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މި ކުއާޓަރުގައި 148 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 115 މިލިއަން ރުފިޔާއާ އަޅާބަލާއިރު 28 ޕަސެންޓް އިތުރުވުމެކެވެ.

އެ ކުންފުނިން މިދިޔަ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 481 މިލިއަން ރުފިޔާ އެވެ. ނަމަވެސް ތިންވަނަ ކުއާޓަރުގައި ލިބުނީ 483 މިލިއަން ރުފިޔާ އެވެ.

އަދި ޓެކުހަށް ކެނޑުމުގެ ކުރީގެ އާމްދަނީއަކީ ހަތަރު ވަނަ ކުއާޓަރުގައި 175 މިލިއަން ރުފިޔާއެވެ. މިބައިން އެ ކުންފުންޏަށް ތިންވަނަ ކުއާޓަރުގައި ލިބުނީ 138 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާގައި މީގެ 14 އަހަރު ކުރިން، 2005 ވަނަ އަހަރު އިންވެސްޓްކުރި ގަތަރުގެ ވަތަނިއްޔާ އަދި މިހާރުގެ އުރީދޫ މޯލްޑިވްސްއަކީ މިހާރު ދިވެހިން ހިއްސާވާ ކުންފުންޏެވެ. އެ ކުންފުނިން 2017 ވަނަ އަހަރު ވަނީ ކާމިޔާބު ކަމާއެކު އައިޕީއޯއެއް ބާއްވައި، ރެކޯޑު އަދަދަކަށ ހިއްސާ ވިއްކާފަ އެވެ.

އެ ކުންފުނީގެ މާލީ ރިޕޯޓުގައިވާ ގޮތުން ހަތަރު ވަނަ ކުއާޓަރުގައި ހިއްސާއަކަށް ޖެހިފައިވަނީ 1.0 ލާރި އެވެ.