މަގުމަތީގެ އެކްސިޑެންޓް

އެކްސިޑެންޓްގައި ދެ ކުޑަކުއްޖަކަށް އަނިޔާވެއްޖެ

Feb 9, 2019

މާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި ދެ ކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެ އެވެ.

ފުލުސް އިދާރާއިން ބުނީ ރޭގެ އެ އެކްސިޑެންޓް ހިނގީ ރައްޔިތުން މަޖިލީހުގެ އިދާރާގެ ކައިރިން ބާރު ސްޕީޑެއްގައި ދުއްވި ސައިކަލެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ ޕާކް ކޮށްފައި އޮތް ކާރެއްގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ ދަންވަރު 1:00 ޖެހި އިރު އެވެ. އެކްސިޑެންޓްގައި އަނިޔާވެފައިވަނީ 16 އަހަރުގެ ދެ ކުއްޖަކަށާއި 26 އަހަރުގެ ފިރިހެނަކަށެވެ. އޭގެ ތެރެއިން ކުޑަ ދެ ކުދިންނަކީ ބާރަށް ދުއްވި ސައިކަލްގައި ތިބި ދެ ކުދިންނެވެ. އަނެއް މީހާ އިނީ އެހެން ސައިކަލެއަގަ އެވެ. އަނިޔާވި ދެ ކުދިންނަށް ގެންދަނީ ފަރުވާ ދެމުންނެވެ.