ދުނިޔެ

ތައި ޕްރިންސެސްގެ ކެނޑިޑެންސީ ބާތިލް ކުރަނީ

ތައިލެންޑްގެ ބޮޑުވަޒީރު ކަމަށް ކުރިމަތިލައްވާފައިވާ މިހާރުގެ ރަސްގެފާނު ވަޖިރަލޮންގްކޯންގެ ދައްތާފުޅު ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލްގެ ކެންޑިޑެންސީ ބާތިލް ކުރާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ތައިލެންޑްގެ އިލެކްޝަންސް ކޮމިޝަނުން އެ ގޮތަށް ނިންމާނެ ކަމަށް ބެލެވެނީ ދައްތާފުޅުގެ އެ ނިންމެވުމާ ދެކޮޅަށް ހުދު ރަސްގެފާނު ވެސް ދެކޮޅު ހައްދަވާ ބަޔާނެއް ނެރުއްވުމާ ގުޅިގެން އެވެ. ރަސްގެފާނު ވަޖިރަލޮންގްކޯންގެ ނެރުއްވި ބަޔާނުގައި ވިދާޅުވީ ޝާހީ އާއިލާއަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ސިޔާސީ ކަންކަމުގައި ޝާމިލްވެ އުޅުމަކީ ޝާހީ އާއިލާގައި އަމަލުކުރަމުން އަންނަ ޒަމާންވީ އުސޫލުތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އަދި އެއީ ތައިލެންޑްގެ ގާނޫނު އަސާާސީގެ ރޫހާ މުޅިން ހިލާފު ކަމެއްގެ ގޮތުގައި ވެސް ރަސްގެފާނުގެ ބަޔާނުގައި ވިދާޅުވި އެވެ.

ރަސްގެފާނު ބަޔާން ނެރުއްވާފައި ވަނިކޮށް، އެ ގައުމުގައި މިހާރުވެސް ވެރިކަން ކުރާ އަސްކަރިއްޔާގެ މަދަދު އޮންނަ ޕާޓީއަކުން ވަނީ އެ ކަމަނާގެ ކެންޑިޑެސީއާ މެދު ޝައްކު އުފައްދާ އިލެކްޝަންސް ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފަ އެވެ. ތައިލެންޑަށް 2014 ވަނަ އަހަރު ގެނައި އަސްކަރީ އިންގިލާބަށް ފަހު ބާއްވާ ފުރަތަމަ އާންމު އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި ވަނީ އިއްޔެގެ ނިޔަލަށް ހަމަވެފަ އެވެ.

އިންތިހާބަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ކެންޑިޑޭޓުންގެ ނަންތައް، އިލެކްޝަންސް ކޮމިޝަނުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އާންމު ކުރަން ޖެހޭނެ އެވެ.

ސޯޝަލް މީޑިއާގައި ވެސް މަގުބޫލު އަދި ތައިލެންޑްގެ މަގުބޫލު އެކްޓްރެސްއެއް ކަމަށްވާ ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލް ބޮޑުވަޒީރު ކަމަށް ވާދަކުރައްވަނީ، ކުރީގެ ބޮޑު ވަޒީރު ތަކްސިން ސިނަވަތުރާއަށް ތާއީދު ކުރާ، "ދަ ތައި ރަކްސާ ޗާޓް ޕާޓީ" އިން އެވެ. އެ ޕާޓީއިން ވެސް މީޑިއާތަކަށް ފޮނުވި ކުރު މެސެޖެއްގައި ބުނީ، ރަސްގެފާނުގެ ވިސްނުމަށް އެ ޕާޓީއިން އިހުތިރާމް ކުރާނެ" ކަމަށެވެ. އެހެން ކަމުން ހުދު އެ ޕާޓީއިން ވެސް އެކަމަނާގެ ނަން އަނބުރާ ނަގާނެ ކަމަށް ބެލެވެ އެވެ.

އުމުރުފުޅުން 67 އަހަރުގެ، ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލް ވަނީ، އެމެރިކާ ރައްޔިތަކާ ކައިވެނި ބައްލަވައި ގަތުމަށް ފަހު ޝާހީ ޝަރަފު 1972 ވަނަ އަހަރު ދޫކޮށްލައްވައިފަ އެވެ. އެ ކައިވެނި ރޫޅުމަށް ފަހު 2001 ވަނަ އަހަރު އެނބުރި ތައިލެންޑަށް ވަޑައިގެން ނަމަވެސް، އެކަމަނާއަށް ޝާހީ ޝަރަފް ދީފައެއް ނުވެ އެވެ.

ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލްގެ ކެންޑިޑެންސީއާ މެދު ޝައްކު އުފައްދާތީ އެކަމަށް ރައްދު ދެއްވާ އެކަމަނާ ވިދާޅުވަނީ، އޭނާއަކީ ޝާހީ އާއިލާގެ ބޭފުޅެއް ނޫން ކަމަށާއި އެކަމަނާ ދިރިއުޅުއްވަނީ ވެސް ޝާހީ އާއިލާއާ ވަކިން އާންމު ދިރިއުޅުމެއް ކަމަށެވެ. އެހެން ކަމުން އެކަމަނާ ބޮޑުވަޒީރު ކަމަށް ވާދަކުރެއްވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ވިދާޅުވެ އެވެ. ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލް އެގޮތަށް ވިދާޅުވި ނަމަވެސް، ތައިލެންޑްގެ ރައްޔިތުން އަދިވެސް ގަބޫލު ކުރަނީ އެކަމަނާއަކީ ޝާހީ އާއިލާގެ މެންބަރެއްގެ ގޮތުގަ އެވެ.

ބޮޑުވަޒީރުގެ މަގާމަށް އެކަމަނާއާ ދެން ވާދަކުރައްވަން ހުށަހަޅުއްވާފައި ވަނީ، 2014 ވަނަ އަހަރު ގެނައި އަސްކަރީ އިންގިލާބުގައި އިސްކޮށް ހުންނެވި ޖެނެރަލް އަދި ތައިލެންޑްގެ މިހާރުގެ ބޮޑުވަޒީރު ޗަން-އޮކަ އެވެ. ޕްރިންސަސްގެ ކެނޑިޑެންސީއާ ހެދި ޝާހީ އާއިލާ އާއި އެ ގައުމުގައި ނުފޫޒު ގަދަ އަސްކަރިއްޔާއާ ދެމެދު މައްސަލަތަކެއް އުފެދުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ.