ހަބަރު

43 ކިލޯމީޓަރަށް ފަތައި، އަށް ބައިވެރިން ތާރީހުގެ ތެރެއަށް

ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކޮށް ހޭލުންތެރި ކުރުމަށް ބ. އަތޮޅުގައި ބޭއްވި ބޮޑު ފެތުން ނިންމާލައިފި އެވެ.

މި ފެތުމަކީ ސުވިމް މޯލްޑިވްސްއިން އިސްނަގައިގެން، ޓޫރިޒަމް މިނިސްޓްރީއާ ޔޫތް މިނިސްޓްރީ އަދި އެންވަޔަރުމަންޓް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ފުރިހަމައަށް އިންތިޒާމް ކޮށްގެން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ފެތުމުގެ ހަރަކާތް ނިންމާލާފައިވަނީ ކެންދޫއަށެވެ. 43.7 ކިލޯމީޓަރުގެ ދިގު ފެތުމުގައި 23 ރަށަކަށް ގޮސްފައި ވެއެވެ.

ތިމާވެށީގެ މި ބޮޑު ފެތުމުގައި އަށް ބައިވެރިން ފަތާފައި ވެއެވެ. އެފެތުން ތެރިންނަކީ މަޝްހޫރު ގާނޫނީ ވަކީލް ހުސައިން ޝަމީމާއި ސްވިޑަންގެ އޯޕަން ވޯޓާ ފެޑެރޭޝަންގެ ހެޑް ކޯޗް މީކޭލް ރޮސިއެންއާ އާތިފް އަހުމަދާއި އަންވަރު ހުސެއިނާއި އިސްމާއިލް ފަރުހާނާއި ހުސައިން މުބާހާއި އަހުމަދު މުޖުތަބާ މުހައްމަދާއި އަދި ފެތުމުގައި ބައިވެރިވި ހަމައެކަނި އަންހެން ފެތުންތެރިޔާ އަޒްކާ އާދިލެވެ.

މި ފެތުން މިއަދު ހަވީރު ނިންމާލާފައިވާއިރު، މި ފެތުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެންވަޔަރުމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދާއި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސެއިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މިފެތުމުގައި އެންމެ ހާއްސައެއް ބައިވެރިޔަކީ ހަތް އަހަރުގެ އައިޝަތު ނޯޔާ އެވެ. އޭނާ ވަނީ މިއަދުގެ ފެތުމުގައި ބައިވެރިވެފަ އެވެ.

މި ފެތުމަކީ ޝަމީމްގެ ހިޔާލެކެވެ. ޝަމީމް ވިދާޅުވީ، ލަންކާގައި ހުންނެވި ދުވަސްވަރު ލަންކާގެ ބައިސްކަލް ދުއްވާ ގުރޫޕަކުން އެގައުމު ވަށާ ބައިސިކަލް ދުއްވާ ކަމަށެވެ. ދުވާލަކު އަށް ގަޑިއިރު ވަންދެން ބައިސްކަލު ދުއްވާނެ ކަމަށާއި 10 ދުވަސް ވަންދެން ދުއްވާ ކަމަށެވެ. އެކަން އަސްލަކަށް ބަލައިގެން އޮގަނައިޒް ކުރި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، މި ފެތުމަކީ ވަރަށްވެސް ކާމިޔާބު ފެތުމެއް ކަމަށާއި މިކަމުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކެއް ހޭލުންތެރި ކުރެވިގެންދިޔަ ކަމަށެވެ. ހާއްސަކޮށް އަންހެނުންގެ ބައިވެރިވުން އިތުރުވި ކަމަށެވެ. އަދި ސެމްޓެ،މްބަރު ހިސާބުގައި އިތުރު ފެތުމެއް ބާއްވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ވަނީ ފެތުމުގެ ބައިވެރިން ކެންދޫއަށް އެރުމުން ކުލަ ޖެހުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. އެހަރަކާތުގައި މިނިސްޓަރު އަލީ ވަހީދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.